Roadha Mihaaru
އެމްބާޕޭ އަށް ވުރެ ރެއާލަށް ބޭނުމީ ހާލަންޑް: ރާމޯސް

އެމްބާޕޭ އަށް ވުރެ ރެއާލަށް ބޭނުމީ ހާލަންޑް: ރާމޯސް

12 މާޗް 2021

މެޑްރިޑް (މާޗް 12) - މި ވަގުތުގެ ހާލަތަށް ބަލާނަމަ ރެއާލް މެޑްރިޑަށް ބޭނުމީ ކީލިއަން އެމްބާޕޭ އަށް ވުރެ އާލިން ބްރައުޓް ހާލަންޑް ކަހަލަ ކުޅުންތެރިއެއް ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

މެޑްރިޑް (މާޗް 12) - މި ވަގުތުގެ ހާލަތަށް ބަލާނަމަ ރެއާލް މެޑްރިޑަށް ބޭނުމީ ކީލިއަން އެމްބާޕޭ އަށް ވުރެ އާލިން ބްރައުޓް ހާލަންޑް ކަހަލަ ކުޅުންތެރިއެއް ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

ރެއާލުން މި ސީޒަނަށް ފަހު އެންމެ ބޮޑަށް ގެންނަން މަސައްކަތްކުރާނެ ކަމަށް ބެލެވެނީ ޕީއެސްޖީ އަށް ކުޅޭ އުމުރުން 22 އަހަރުގެ އެމްބާޕޭ އެވެ. މީގެ ކުރިން ރެއާލުން ޑޯޓްމަންޑަށް ކުޅޭ އުމުރުން 20 އަހަރުގެ ފޯވާޑް ހާލަންޑަށް ޝައުގުވެރިވާ ކަމަށް މީޑިއާގައި މާ ބޮޑަށް ރިޕޯޓްކޮށްފައިނުވެ އެވެ.

ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުނީ މާލީ ގޮތުން ބަލާއިރު ވެސް މި ވަގުތު ރެއާލަށް އެމްބާޕޭ އަށް ވުރެ ހާލަންޑް ހޯދުން ފަސޭހަވާނެ ކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެމްބާޕޭ އަށް ވުރެ ރެއާލަށް ހާލަންޑް ކަހަލަ ކުޅުންތެރިއެއް ބޭނުންވާ ސަބަބު ވެސް ރާމޯސް ކިޔައިދިނެވެ.

"ހާލަންޑަކީ ލަނޑު ޖަހަން ވަރަށް މޮޅު ކުޅުންތެރިއެއް. ތަށި ހޯދަން ފެންބޮވައިގަނެފައި ހުރި ކުޅުންތެރިއެއް. ހާލަންޑްގެ ފަރާތުން ރެއާލްގައި ނެތް ކަމެއް ލިބޭނެ. އެއީ ރަނގަޅު އިސްކޮޅެއް އެބަހުރި. ހަލުވި އަދި އެހާމެ ވަރުގަދަ ކުޅުންތެރިއެއް އެއީ. މި ބުނަނީ އެކަންކަން އެމްބާޕޭ އަށް ނުވާނެއެކޭ އެއް ނޫނުން. މި ވަގުތު ހާލަތު ހުރި ގޮތުން ހާލަންޑް ހޯދަން އެއްބަސްވުމަކަށް އަންނަން ފަސޭހަވާނެތީ،" ރާމޯސް ބުންޏެވެ.

ދާދި ފަހުން ހާލަންޑްގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ މި ސީޒަނަށް ފަހު ހާލަންޑް ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ޑޯޓްމަންޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބިއްޖެނަމަ އަގުހެޔޮކޮށް ވެސް ހާލަންޑް ކްލަބް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވެސް އަންނަނީ އެ ޓީމަށް ހާލަންޑް ގެންދަން މަސައްކަތް ކުރަމުންނެވެ.

މި ސީޒަނުގެ ނިޔަލަށް ރެއާލާ އެކު ކޮންޓްރެކްޓްގައި ހުރި އުމުރުން 34 އަހަރުގެ ރާމޯސް ބުނީ އާ އެއްބަސްވުމުގެ ވާހަކަތަކެއް ކްލަބުން މިހާރު އޭނާއާ އެކު ކުރިއަށް ނުގެންދާ ކަމަށެވެ. ބެލެވޭ ގޮތުގައި ދެން އެ މަޝްވަރާތައް ކުރިއަށްދާނީ މި ސީޒަން ނިމުމުން ކަމަށް ރާމޯސް ބުނެފައިވާއިރު، އޭނާ ހޯދަން ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ތިން އަހަރު ކުރިން ރެއާލް ދޫކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ދިއުމުން އޭގެ އަސަރު ޓީމަށް ކުރި ކަމަށާއި ޓީމު ދޫކޮށްލަން ރޮނާލްޑޯ ނިންމީ އޭނާ އަށް ރަނގަޅު ނިންމުމެއް ކަމަށް ރާމޯސް ބުންޏެވެ.