Roadha Mihaaru
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން

ރެއާލާއި ސިޓީ އަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން

06 އޮކްޓޯބަރ 2022

ބެންފީކާ (އޮކްޓޫބަރު 6) - ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، ޗެމްޕިއަންސް ލީގުު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން ވަނަ މެޗު ވެސް ކާމިޔާބު ކުރި އިރު، ޕޯޗުގަލްގެ ބެންފީކާ އިން ފްރާންސްގެ ޕީއެސްޖީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބެންފީކާ (އޮކްޓޫބަރު 6) - ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، ޗެމްޕިއަންސް ލީގުު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން ވަނަ މެޗު ވެސް ކާމިޔާބު ކުރި އިރު، ޕޯޗުގަލްގެ ބެންފީކާ އިން ފްރާންސްގެ ޕީއެސްޖީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ޔޫކްރޭންގެ ޝަކްތާރު ޑޮނެސްކް ބަލިކުރީ 2-1 އިންނެވެ. މި މެޗުގައި ފެނުނު ތިން ޖޯލު ވެސް ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ.

ފުރަތަމަ 13 މިނިޓު ތެރޭ ރޮޑްރިގޯ ރެއާލަށް ލީޑު ނަގައިދީފައި ވަނިކޮށް، 28 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. އަދި ޝަކްތާރުގެ ލަނޑު 39 ވަނަ މިނިޓުގައި ޖަހައިދިނީ އޮލެކްސަންޑާ ޒުބްކޯވް އެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް އޮތީ މިހާތަނަށް ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕް އެފް ގެ އެއްވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ޝަކްތާރެވެ.

އަންޑްރޭ ސިލްވާ (19)، ލައިޕްޒިގަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު، އެންކޫންކޫ އާއެކު އުފާފާޅޫކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަންޑްރޭ ސިލްވާ (19)، ލައިޕްޒިގަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު، އެންކޫންކޫ އާއެކު އުފާފާޅޫކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ދެ މެޗުން ވެސް ބަލިވި ޖަރުމަންގެ އާރުބީ ލައިޕްޒިގް ވަނީ ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލެންޑުގެ ސެލްޓިކް 3-1 އިން ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ކްރިސްޓޮފާ އެންކޫންކޫ ލައިޕްޒިގަށް ލީޑު ނަގައިދީފައި ވަނިކޮށް، ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓުގައި ސެލްޓިކަށް އެއްވަރު ކޮށްދިނީ އެޓީމަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ވިންގާ ޖޮޓާ، 23، އެވެ. ނަމަވެސް ލައިޕްޒިގަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު އަންޑްރޭ ސިލްވާ ވަނީ ދެ ލަނޑު ޖަހައި ލައިޕްޒިގަށް މެޗު ކާމިޔާބު ކޮށްދީފަ އެވެ.

ފުރަތަމަ މޮޅާ އެކު ތިން ޕޮއިންޓް ހޯދައިގެން ގުރޫޕް އެފް ގެ ތިންވަނައިގައި އޮތީ އާރުބީ ލައިޕްޒިގެވެ. ފުލުގައި އޮތް ޝަކްތާރަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި މޮޅުވީ ޑެންމާކުގެ ކޯޕަންހޭގަންއާ ވާދަކޮށް 5-0 އިންނެވެ.

ފުރަތަމަ ހާފުގައި އާލިން ބްރައުޓް ހާލަންޑް، ސިޓީ އަށް ދެ ލަނޑު ޖަހައިދިން އިރު، ތިންވަނަ ލަނޑަކީ އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ރިޔާދް މަހްރޭޒް އާއި ހޫލިއަން އަލްވަރޭޒް އެވެ. މަހްރޭޒް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.

އަޑޭޔެމީ (ވ) ޑޯޓްމަންޑަށް ލަނޑު ޖެހުމަށް ފަހު، ކެޕްޓަން ބެލިންގްހަމް އާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަޑޭޔެމީ (ވ) ޑޯޓްމަންޑަށް ލަނޑު ޖެހުމަށް ފަހު، ކެޕްޓަން ބެލިންގްހަމް އާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސިޓީއާ އެއް ގުރޫޕެއްގައި ހިމެނޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވެސް ވަނީ ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ރަށުން ބޭރުގައި ފަސޭހަ ކަމާއެކު 4-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ޑޯޓްމަންޑުން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހި އިރު، ލަނޑުތައް ކާމިޔާބު ކޮށްދިނީ ރަފައެލް ގުރޭރޯ އާއި ޖޫޑް ބެލިންގްހަމް އަދި ކަރީމް އަޑޭޔެމީ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޔޫސުފް އެން-ނަސޭރީ ސެވިއްޔާއަށް ލަނޑެއް ޖަހައިދިން ނަމަވެސް މި ހާފުގައި ޑޯޓްމަންޑްގެ ހަތަރު ވަނަ ލަނޑު ޖެހީ ހޫލިއަން ބްރެންޓް އެވެ.

މި ނަތީޖާއާ އެކު ސިޓީ ކުޅުނު ތިން މެޗު ކާމިޔާބު ކޮށްގެން ގުރޫޕް ޖީ ގެ އެއް ވަނައިގައި އޮތްއިރު، ހަ ޕޮއިންޓާ އެކު ޑޯޓްމަންޑް އޮތީ ދެވަނައިގަ އެވެ. ސެވިއްޔާ އާއި ކޯޕަންހޭގަން އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ގުރޫޕް އެހް ގައި ޕީއެސްޖީ ކުޅުނު ތިންވަނަ މެޗުގައި، ބެންފީކާއާ ދެކޮޅަށް ރަށުން ބޭރުގައި އެއްވަރުވީ 1-1 އިންނެވެ.

މެސީ، ޕީއެސްޖީ އަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެސީ، ޕީއެސްޖީ އަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ އަދި ނޭމާ އެކުވެގެން އުފެއްދި އެޓޭކެއްގައި 22 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މެސީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެއްވަރުވީ، ބެންފީކާއިން ޕީއެސްޖީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެނީލޯ ޕެރޭރާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ދެވަނަ ހާފުގައި މެސީ އާއި ނޭމާ އަދި އެމްބާޕޭ ފޮނުވާލި ހަމަލާތަކުގައި އެންމެ ރަނގަޅަށް ބޭނުން ނުކުރެވުނު އިރު، ނޭމާ ފޮނުވާލި އޯވާހެޑް ކިކެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.

މި ހާފުގައި ބެންފީކާ އަށް ލީޑު ނަގަން އެޓީމުގެ ރަފާ ސިލްވާ އަށް ވެސް ފުރުސަތު ލިބުނެވެ. ހާފުގެ މެދަކާ ހަމައިން ބޯޅަ ހޯދައި، ސާޖިއޯ ރާމޯސް އާއި ކެޕްޓަން މާކީނިއޯސް ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ދިފާއު ކުރި އެވެ. އަދި ރީބައުންސް ވި ބޯޅަ ސިލްވާއަށް ފޮނުވާލެވުނީ މާ މަތިންނެވެ.

ވްލަހޯވިޗް، ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވްލަހޯވިޗް، ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ޕީއެސްޖީ އާއި ބެންފީކާ އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދާފައިވާ އިޓަލީގެ ޔުވެންޓަސް އެވެ.

މި ގުރޫޕުގައި ހިމެނޭ ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި އިޒްރޭލުގެ މެކާބީ ހައިފާ 3-1 އިން ބަލިކޮށް، ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ޔުވެންޓަސް އަށް ލަނޑުތައް ޖަހައިދިނީ އެޑްރިއެން ރަބިއޯ އާއި ޑޫސާން ވްލަހޯވިޗް އެވެ. ރަބިއޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެކާބީ ހައިފާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑީން ޑޭވިޑެވެ.

ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕް އެޗް ގެ ފުލުގަ އެވެ.