Roadha Mihaaru
ހަ އެއާޕޯޓުގެ އަގު ކުޑަކޮށް އަލުން ހުޅުވާލައިފި

ހަ އެއާޕޯޓުގެ އަގު ކުޑަކޮށް، އަނެއްކާ ވެސް ބަޔަކު ހޯދަނީ

15 ފެބުރުއަރީ 2022

ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބިޑް ކުރެވޭނެ އެންމެ ދަށް އަގުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކޮށް، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އަލުން އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބިޑް ކުރެވޭނެ އެންމެ ދަށް އަގުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކޮށް، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އަލުން އިއުލާންކޮށްފި އެވެ.

މި މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ ކުރި އިއުލާނުގައި ބުނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއާޕޯޓެއް ތަރައްގީކުރަން ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.

ބީލަމުގެ އުސޫލަށް އެހެން ބަދަލެއް ވެސް ގެނެސްފައިވާ އިރު، އެ ގެނައި ބަދަލުގައި ވަނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ނުވަތަ އެ މަޝްރޫއުގެ ބައެއް ފައިނޭންސް ކުރެވޭނެ ގޮތް ވެސް ހަދައިފައި އެވެ. ކުރީގެ އިއުލާނުގައިވާ ގޮތުން ބިޑް ހުށަހެޅޭނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަންޏެވެ.

މި ބަދަލު ގެނައި ސަބަބެއް ސާފެއްނުވެ އެވެ.

މިނިސްޓްރީން އިއުލާނުކޮށްފައިވާ ބީލަމުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީކުރަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.

ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީ ކުރަން 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އެއާޕޯޓް އަޅާ ރަށްތަކާއި ލަފާކުރާ ހަރަދު

• ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު

• ށ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު

• ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު

• ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު

• ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު

• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު

މީގެ ކުރިން ވަނީ ރ. އަލިފުށީގައި އެއާޕޯޓެއް އަޅާނެ ކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، އެ ރަށުގައި އެއާޕޯޓް އެޅުމާ މެދު އާންމުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުޅޭތީ ރ. އަތޮޅުގައި އެއާޕޯޓް އަޅާނެ ރަށެއް އަދި ފައިނަލްކޮށްފައެއް ނުވެ އެވެ.

ފުރަތަމަ އިއުލާނާ އެއްގޮތަށް މި އިއުލާނުގައި ވެސް މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއުއަކަށް ވާތީ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީކުރާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓެއް ކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. މިކަމަށް އެދި ހުށަހަޅަން ވަކި މުއްދަތެއް އިއުލާނަކު ނެތެވެ.