Roadha Mihaaru
ގޭތެރޭގައި ޖެހޭ މައްސަލަތަކުގެ ހައްލު

ގޭތެރޭގައި ޖެހޭ މައްސަލަތަކުގެ ހައްލު

17 ފެބުރުއަރީ 2022

ކޮންމެ އާއިލާއެއް ތެރޭގައި ވެސް މައްސަލަތައް އޮވެ އެވެ. އެކަމަކު، އާއިލީ މައްސަލަތައް މަދު އާއިލާއެއް ނަމަ، ބައެއް ފަހަރު ކަމެއް ގޯސްކޮށް ދިޔަސް އެކަން ދެނެގަންނަން އުނދަގޫވާތަން އާދެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކޮންމެ އާއިލާއެއް ތެރޭގައި ވެސް މައްސަލަތައް އޮވެ އެވެ. އެކަމަކު، އާއިލީ މައްސަލަތައް މަދު އާއިލާއެއް ނަމަ، ބައެއް ފަހަރު ކަމެއް ގޯސްކޮށް ދިޔަސް އެކަން ދެނެގަންނަން އުނދަގޫވާތަން އާދެ އެވެ.

މަސްތާއި އަނިޔާ އަށް ވުރެ ބޮޑެތި މައްސަލަތައް އާއިލާތަކުގެ ތެރޭގައި އޮވެ އެވެ. ތަފާތު އާއިލީ މައްސަލަތަކުގައި އެކި މެމްބަރުންނަށް އޭނގެން ކުރާ އަސަރު ވެސް ތަފާތުވާ އިރު، މައްސަލަތައް އުފެދެނީ ވެސް އޭގެ ތެރޭގައި ތަފާތު ގިނަ ކަންތައްތަކެއް ހިމެނިގެންނެވެ.

އާއިލީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޑައިނެމިކް، ބިހޭވިއާ ނުވަތަ މުޅި އާއިލާ އަށް އޭގެ އުނދަގުލާއި އަސަރު ކުރާނެ ކަންކަމެވެ. މި ކަންކަން ފެށެނީ އާދައިގެ ކުދިކުދި ކަންކަމުންނެވެ. އެއީ ގޭތެރޭގެ މަސައްކަތްތަކުންނާއި އާއިލާގެ މެމްބަރުން ތަފާތު ބިހޭވިއާ އާއި އަނިޔާކުރުން ފަދަ ބޮޑެތި މައްސަލަތަކާ ހަމައިންނެވެ.

އާއިލީ މައްސަލަތަކުގެ ސަބަބުން އެންމެނަށް ވެސް އޭގެން ނަފްސާނީ އަސަރުތައް ކުރެ އެވެ. ހާއްސަކޮށް ކުޑަކުދިންނަށް ލިބޭ ނަފުސާނީ ބިރުވެރިކަން ބޮޑުވެ އެވެ.

މި އާޓިކަލްގައި މި ހިމަނާލަނީ އާއިލީ މައްސަލަތައް ފާހަގަކުރާނެ ގޮތާއި އެ މައްސަލަތައް ހައްލުކުރުމަށް ނުވަތަ މައްސަލަތަކާ ޑީލް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ޓޮކްސިކް ޕާސަނަލިޓީ

އާއިލާއެއް ތެރޭގައި އުޅެނީ އެކި ކަހަލަ ޕާސަނަލިޓީ ހުންނަ މީހުންނެވެ. އެކަކު އަނެކަކާ އޮންނަ ހިޔާލާއި ވިސްނުން ވަރަށް ތަފާތެވެ. ޓޮކްސިކް ވިސްނުންތަކާ ހެދި އާއިލާ ތެރޭގައި މައްސަލަތައް އުފެދި މާރާމާރީ ވެސް ހިންގާ ހިސާބަށް ގޮސްފައި އެބަހުއްޓެވެ.

އާއިލީ ގުޅުން މަދުވުން

އާއިލާއެއްގެ ތެރޭގައި އެކަކު އަނެކަކާ އޮންނަ ގުޅުން މަދުވާ ވަރަކަށް އާއިލީ މައްސަލަތައް އިތުރުވެ އެވެ. މި މައްސަލަތައް ކުރިމަތި ވަނީ އެކަކު އަނެކަކަށް އޮންނަ އިތުބާރު ކުޑަވުމާއި އިހުތިރާމް ނުކުރުމުންނެވެ. މިއީ ވެސް މައްސަލަތައް ފެށޭ ހިސާބެކެވެ.

މައިންބަފައިންގެ ފަރާތުން ޕްރެޝާކުރުން

ބައެއް މައިންބަފައިން ގަދަކަމުން ކުދިން ލައްވާ ކަންކަން ކުރުވަން ޕްރެޝާ ކުރާ ވަރަކަށް އެ ކުދިންގެ ނަފްސަށް އޭގެ ނޭދެވޭ އަސަރުތައް ކުރެ އެވެ. ކިތައްމެ ލަދުގަތަސް، ކަމެއް އޮންނަ ގޮތުގެ ވާހަކަ ކުދިންނަށް ބުނެދީ، އޮޅުންފިލުވައިދިނުމުން އެ ކުދިން ކިބައިގައި ފަރުދީ ޒިންމާ އަދާކުރުމުގެ ގާބިލުކަން ހުންނާނެ އެވެ. ގަދަކަމުން ކަންކަން ކުރުވަން އުޅުމުގެ ނަތީޖާ ގިނަ ފަހަރަށް ވަނީ ގޯހެވެ.

ހަރަދުގެ މައްސަލަތައް

ލާރީގެ ދަތިކަމަކީ ވެސް އާއިލީ މައްސަލަތައް ފެށޭ ވަރަށް އާންމު ސަބަބެކެވެ. ހަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް ލާރިއަކީ ވަރަށް މުހިއްމު އެއްޗެކެވެ. ހަރަދުކުރުމުގައި އެއްވެސް ބެލުމެއްނެތި ހަރަދު ކުރުމާއި އާއިލާ އަށް ކުރަން ޖެހޭ ހަރަދުތައް ނުކުރުމަކީ މައްސަލަތައް ފެށެން ދިމާވާ ކަމެކެވެ.

އާއިލީ މައްސަލަތަކަށް އޮތް ހައްލަކީ ކޮބާ؟

މައްސަލައަކީ ކޮބައިކަން ދެނެގަތުން

މައްސަލަ ޖެހެނީ ކީއްވެކަން ދެނެގަނެ، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.

ވާހަކަ ދެއްކުން

އެއްވެސް ކަމަކީ އެކަމާ ބެހޭ ގޮތުން ވާހަކަނުދައްކާ ހައްލުވާނެ ކަންކަމެއް ނޫނެވެ.

ޕްރެފެޝަނަލް މީހެއްގެ އެހީ ހޯދުން

ވާހަކަ ދައްކައިގެން ކަންކަން ހައްލު ނުވާ ހިސާބަށް ދިއުމުން ޕްރޮފެޝަނަލް މީހެއްގެ އެހީ ހޯދަން ޖެހެ އެވެ. ވަކިން ނުވަތަ އާއިލީ ތެރަޕީއަކަށް ދިޔަސް، އެކަމުގައި ތަޖުރިބާ ހުރި މީހަކާ ވާހަކަ ދެއްކުމުން އާއިލީ މައްސަލަތަކަށް ހައްލު ހޯދުމަށް ފަސޭހަވެ އެވެ.

ބައުންޑަރީސްތައް ކަނޑައެޅުން

ހައްލު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ފަހު، އެއްވެސް ކަމަކުން ހައްލެއް ނުލިބިއްޖެ ނަމަ ބައުންޑްރީސްތައް ކަނޑައަޅާށެވެ. އާއިލާ ތެރޭގައި މައްސަލަތައް ޖެހޭ ނަމަ، މައްސަލަ ޖެހޭ މެމްބަރާ ކުޑަކޮށް ދުރުވެލާށެވެ. ނުވަތަ އެ މީހެއް ކައިރީގައި އޭނާގެ އުޅުން ހުންނަ ގޮތުން ތިމާ އަށް އޭގެން ކުރާ އަސަރު އެ މީހަކަށް ކިޔައިދޭށެވެ.