28 އޮކްޓޯބަރ 2024
މީގެ ކުޑަ ދުވަސްކޮޅެއް ކުރި އެވެ؛ ދަރިފުޅު ނިމޭ ގަޑިއަށް ބައްޕަ ގޮސް ހުރީ އެހެން ބެލެނިވެރިންނެކޭ އެއްގޮތަށް ސްކޫލް ދޮށުގަ އެވެ. އެކަމަކު މަންމައާ އެކު ދިރިއުޅޭ ދަރިފުޅު ސްކޫލުން ގެއަށް ގެންދާކަށެއް ނޫނެވެ. ދެމަފިރިން ވަކިވި ހިސާބުން، ކިތަންމެ ބޭނުންވިޔަސް ދަރިފުޅުގެ އެ ޒިންމާ އަދާކުރާކަށް އޭނާއަށް ފުރުސަތެއް ނުލިބެ އެވެ. އެހެންވެ ސްކޫލް ދޮށަށް އެ ދުވަހު ބައްޕަ ދިޔައިރު ނިޔަތަކީ ދަރިފުޅާ ބައްދަލުނުވާތީ ކޮންމެ ގޮތަކުން ނަމަވެސް ދަރިފުޅު އޭނާގެ ގެއަށް ގެންގޮސް އަބަދު ފެންނަ ހިސާބުގައި ބެހެއްޓުމެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރި އެވެ؛ ދަރިފުޅު ނިމޭ ގަޑިއަށް ބައްޕަ ގޮސް ހުރީ އެހެން ބެލެނިވެރިންނެކޭ އެއްގޮތަށް ސްކޫލް ދޮށުގަ އެވެ. އެކަމަކު މަންމައާ އެކު ދިރިއުޅޭ ދަރިފުޅު ސްކޫލުން ގެއަށް ގެންދާކަށެއް ނޫނެވެ. ދެމަފިރިން ވަކިވި ހިސާބުން، ކިތަންމެ ބޭނުންވިޔަސް ދަރިފުޅުގެ އެ ޒިންމާ އަދާކުރާކަށް އޭނާއަށް ފުރުސަތެއް ނުލިބެ އެވެ. އެހެންވެ ސްކޫލް ދޮށަށް އެ ދުވަހު ބައްޕަ ދިޔައިރު ނިޔަތަކީ ދަރިފުޅާ ބައްދަލުނުވާތީ ކޮންމެ ގޮތަކުން ނަމަވެސް ދަރިފުޅު އޭނާގެ ގެއަށް ގެންގޮސް އަބަދު ފެންނަ ހިސާބުގައި ބެހެއްޓުމެވެ.
އެ ދުވަހު އެ ކުއްޖާގެ ކްލާސް ކުދިންނާއި ޓީޗަރުންނާއި އެހެން ބެލެނިވެރިންގެ ކުރިމަތީގައި ފެށުނީ ބޮޑު ޒުވާބެކެވެ. މަންމަ އާއި ބައްޕަގެ ދެބަސްވުމުގެ މެދުގައި ކުއްޖާ ފެށީ ރޯށެވެ. ލަދުން ހުރީ މޫނުގައި އަތް އަޅައި ފޮރުވައިގެންނެވެ. އެންމެ ފަހުން އެކަން ނިމުނީ ފުލުހުންނާ ހިސާބުންނެވެ. މަސްލަހަތަށްޓަކައި ފުލުހުން ޖެހުނީ ކުއްޖާގެ ބައްޕަ އެތަނުން ދުރަށް ގެންދާށެވެ.
"އެ ދުވަހު އެކަނި ވެސް އެ ކުއްޖާ އަށް އެ ލިބުނު ނަފުސާނީ ތަކުލީފުން އަރައިގަންނާނީ ކިހިނެއް؟ އެ ކުއްޖާ އަނެއް ދުވަހު ސްކޫލަށް ގޮސް އިމްތިހާނަށް ފޯކަސް ކުރާނީ ކިހިނެއް؟ އެ ކުއްޖާ އަށް މުހިންމު ވާނެތަ ކިޔެވުން؟،" މާލޭގެ ސްކޫލެއްގައި ހަތަރު އަހަރު ވަންދެން ކައުންސެލަރުކަން ކުރެއްވި ޝަޒީނާ އަހުމަދު ނަސީމް ވެސް ކުރެއްވީ ސުވާލެކެވެ.
މެލޭޝިއާ އިން ސައިކޮލޮޖީގެ ދާއިރާއިން ކިޔަވައި ނިންމައި މާލޭގެ ސްކޫލެއްގެ ކައުންސެލަރެއްގެ މަގާމަށް ދިޔައިރު ޝަޒީނާގެ ވިސްނުމުގައި އޮތީ ކުދިންގެ އެންމެ ބޮޑު ހާސްކަމެއް ހުންނާނީ ކިޔެވުމުގެ ބުރަ އާއި އިމްތިހާނުތަކުގެ ސްޓްރެސް އަށް ކަމަށެވެ. އެކަމަކު، އެއާ ހިލާފަށް އޭނާ އަށް ތަޖުރިބާ ކުރަން ޖެހުނީ އާއިލީ މައްސަލަތަކާ ހެދި ކުދިންގެ ވިސްނުމާއި އުޅުމަށް އަންނަ ބަދަލުތަކެވެ.
ދެމަފިރިންގެ ޒުވާބުތަކުގެ ތެރޭގައި ކުދިން ފިތި، އެ ކުދިންނަށް ކުރާ ނަފުސާނީ އަސަރުތަކަށް ތަސައްލީއެއް ހޯދައިދޭން މަސައްކަތް ކޮށްދޭން ޖެހުމުން، މުޖުތަމައުގައި އޮތް މި ވިހަ ހަގީގަތަށް ޝަޒީނާގެ ލޯ ހުޅުވުނެވެ.
ރާއްޖޭގެ މި ކުޑަ މުޖުތަމައުގެ ތެރޭގައި ވަރީގެ ނިސްބަތް މަތިކަމުގެ ވާހަކަ އަލުން ދެއްކުމުގެ ބޭނުމެއް ނެތެވެ. ދެމަފިރިން ވަކިވާއިރު ދަރިން ތިބި ނަމަ ވަރިއަށް ފަހު، އެކަކު އަނެކަކަށް ރުޅި ބޭލުމުގެ މެދުވެރިޔަކަށް ދަރިން ބޭނުންކުރުމަކީ އާދައިގެ ކަމަކަށް ވެއްޖެ އެވެ. ވަރިއަށް ފަހު ވެސް އެ އިން އެކަކަށް ވެސް ހަމަޖެހުމެއް ނުލިބޭ އިރު ދަރިން ވެސް އެކަމުގެ ތެރޭގައި ހަލާކުވަނީ އެވެ.
"ވަރިއާ ހިސާބަށް މި ދަނީ ވަރަށް ބޮޑު މައްސަލަތަކެއް ނޫނީ އާދައިގެ ކަންކަމުގައި. ވަރިއާ ހިސާބުން އެ ކަންކަން އެ މާޒީވީ. އެކަމަކު ދިވެހި މި މުޖުތަމައު އިން ފެންނަނީ އެ މަންޒަރެއް ނޫން. ވީ ކަންކަން މާޒީކޮށް ސުލްހަ އިސްކުރާ ތަނެއް ނުފެނޭ. ވަރިވާން މެދުވެރިވި ސަބަބު ނިމޭ ތަނެއް ނުފެނޭ،" ފެމެލީ ކޯޓުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
"އެކަން ހައްލު ނުކުރެވި، ސުލްހަ ނުވެވި ވަރަށް ގިނަ މައްސަލަތައް އުފަންވެގެން ދަނީ."
ވަރިއާ ހަމައަށްދާއިރު، ދަރިން ތިބޭ ގިނަ މީހުން ހަޟާނަތު (ކަސްޓަޑީ)ގެ މައްސަލަތައް ކޯޓަށް ހުށަހަޅަ އެވެ. ދަރިންގެ ހަޟާނަތު ގިނަ ފަހަރަށް މަންމަ އަށް ލިބުމަކީ ތޮބީއަތެވެ. ވަރިވުމަށް ފަހު، ދަރިން ގިނައިން އުޅެނީ ވެސް އެ ކުއްޖެއްގެ މަންމައާ އެކު އެވެ. ފެމެލީ ކޯޓުން އަމަލުކުރާ ގޮތަށް ބަލާއިރު، ހަޟާނަތް މަންމަ ނުވަތަ ބައްޕައާ ހަވާލު ކުރިޔަސް އަނެއް މީހާ އަށް ދަރިންނާ ބައްދަލު ކުރުމަކީ އޮތް ހައްގެއްކަން ހަނދާންކޮށްދީ ނަސޭހަތްތެރިވެ އެވެ. އެކަމަކު ގިނައީ އެހެން ނުވާ ފަހަރެވެ.
"އަހަރެންގެ ދެ ފިރިހެން ދަރިން ތިބެނީ އެ ކުދިންގެ މަންމަ ގާތު. ކޯޓުން ހަޟާނަތް ކަނޑައެޅީ. އަހަރެން މަހުން މަހަށް ފައިސާ ވެސް ފޮނުވަން އެކަމަކު ދަރިންނާ ބައްދަލު ކުރުމަކީ އެންމެ ބޮޑު އުނދަގޫ ކަންތައް،" މި ރިޕޯޓަށް ވާހަކަ ދެއްކި ބައްޕައަކު ބުންޏެވެ.
"އެ ކުދިންނާ ގުޅޭނެ ގޮތެއް ނޯވޭ. ކުދިންގެ މަންމަ އަށް ގުޅުން އޮންނަނީ މަނާވެފައި. ކުދިން ގާތަށް ދާންވީ ކޮން ދުވަހަކު ކޮން ގަޑިއަކު ކަމެއް ނޭނގޭ. ނޭނގި ގޮސްފިއްޔާ ބޮޑު މައްސަލަގަނޑަކަށްވޭ. އެހެންވެ ޖެހުނީ ދަރިންނާ ބައްދަލު ކުރާނެ ގޮތެއް ހޯދަން ކޯޓަށް ދާން. މިއީ އެތައް ބައެއްގެ ވެސް ހާލަތު."
ދަރިންނާ ބައްދަލުކޮށްލަން ލިބޭ ކުޑަ "އެޕޮއިންޓްމަންޓް"ގައި ވެސް އެ ކުދިންނާ އެކު ރަނގަޅަށް ބަދަލު ނުވެވި، އެކަމަށް އެކި ހުރަސްތައް ކުރިމަތި ކުރުވާތީ އެ ވޭނުގައި އެތައް ބަޔަކު އެބަ ތިއްބެވެ.
ބައްޕައަކު އޭނާގެ ދެ ދަރިން ގޮވައިގެން މާލޭގެ މަގެއްގައި މަތީ ހިނގާފައި ދަނީ: ދަރިންނާ ބައްދަލު ކުރަން ފުރުސަތު ނުލިބިގެން ކޯޓަށް ދާ މައްސަލަތައް ގިނަ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދަރިންނާ ބައްދަލު ކުރަން މަންމަ ފުރުސަތު ނުދީގެން ކޯޓަށް ދާން ޖެހުނު ބައްޕައަކަށް ފެމެލީ ކޯޓުން ވަކި ގަޑިތަކެއް ކަނޑައަޅައިދިނެވެ. ހަމައެކަނި ސްކޫލް ބަންދުގައި ވަގުތު ހޭދަކޮށްލަން ކޯޓު މެދުވެރިކޮށް ކަނޑައެޅި އެ ގަޑިތަކުގައި ދަރިންނާ ބައްދަލުކުރަން ފުރުސަތު ދޭން ބޭނުން ނުވާތީ މަންމަ ހައި ކޯޓަށް ދިޔަ އެވެ. ސިފައިންގޭގައި ވަޒީފާ އަދާކުރާ ބައްޕައާ ދަރިން ބައްދަލުކުރަން ފުރުސަތު ދޭން މަންމަ ބޭނުން ނުވަނީ ކުރިން ހިނގާފައިވާ ކަންތައްތަކެއްގެ ސަބަބުންނެވެ.
އޭގެ ތެރެއިން އެއް ކަމަކީ ބައްޕަ ކައިރީގައި ހަގު ކުއްޖާ ހުއްޓައި ވެއްޓި އަނިޔާވުމާއި ޑިންގީއެއްގައި ކުރި ދަތުރެއްގައި ކުއްޖަކަށް އަނިޔާވުމެވެ. ކުދިން ބައްޕައާ އެކު އުޅޭއިރު ކުދިންގެ ވާނުވާ މަންމައާ ހިއްސާ ނުކުރުމަކީ ވެސް ސްކޫލް ބަންދުގެ އެއް ހަފުތާގައި ދަރިން، ބައްޕަ ގާތަށް ފޮނުވަން ބޭނުން ނުވާ ސަބަބެއް ކަމަށް މަންމަ ބުނެފައިވެ އެވެ.
ކައިވެނި ރޫޅުމުން މަންމަގެ ހުރި ރުޅިވެރިކަން އެއްފަރާތްކޮށް، ގޮތް ދޫކުރަން ޖެހޭ ކަމެއްގެ ގޮތުގައި، ހައި ކޯޓުގައި ކުއްޖާގެ ބައްޕަ ބުނެފައި ވަނީ އެހެން ދިރިއުޅުމެއް އޭނާ ފެށިއަސް ބައްޕަގެ އާއިލާއާ އެކު ދަރިން ވަގުތު ހޭދަކުރަން ފުރުސަތު ދޭން ޖެހެ އެވެ. އެއީ އެ ކުދިން ހެދި ބޮޑުވަމުން އަންނައިރު ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް މުހިންމު ކަމަކަށް ވާތީ ކަން އޭނާ ފާހަގަކުރި އެވެ. ކުދިން މުޅި އަހަރު ދުވަހު މަންމައާ އެކު އުޅެފައި، ސްކޫލް ބަންދުގައި ލިބޭ މަދު ދުވަސްކޮޅުގައި، ބައްޕައާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ލިބުމަކީ ކުދިންނަށް ގެއްލުން ވާނެ ކަމެއް ނޫން ކަމަށް އެ ބައްޕަ ކޯޓުގައި ބުނެފައިވެ އެވެ.
ހައި ކޯޓުން މައްސަލަ ނިންމީ ބައްޕައާ އެެއްކޮޅަށެވެ. ފެމެލީ ކޯޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ދަރިންނަށް ބައްޕައާ އެކު ވަގުތު ދިނުމަށް އެންގި އެވެ. ހައި ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ދަރިންނަށް ޒިޔާރަތް ކުރުމުގެ ހައްގަށް އެދޭ ފަރާތުގެ ހާލަތު ފަދަ ކަންކަމަށް ބިނާކޮށް އެ މައްސަލައެއްގެ ނިސްބަތުން ވަގުތާއި މުއްދަތު ކަނޑައެޅުމަކީ ފަނޑިޔާރުންނަށް އޮތް އިހްތިޔާރީ ބާރެއް ކަމަށެވެ.
އެހެން ބައްޕައަކު ދަރިންނާ ބައްދަލު ކުރަން މަންމަ ހުރަސްއަޅާ ކަމަށް ބުނެ 25 ކަމެއް ފާހަގަކޮށް ކޯޓާ ހަމައަށް ދިޔަ އެވެ. މި މައްސަލާގައި ފެމެލީ ކޯޓުން ކަނޑައަޅާފައި އޮތީ ހުކުރު ވަގުތު (12:15 އިން 1:30 އަށް) އަދި ހޮނިހިރު ދުވަހުގެ ހަވީރުގެ ގަޑިތަކެއްގައި ކުއްޖާއާ ބައްދަލު ކުރަން ބައްޕަ އަށް ފުރުސަތު ދިނުމަށެވެ. އެ ހުކުމްގައި ބުނީ ދަރިންނާއި މައިންބަފައިންގެ މެދުގައިވާ ސިލަތުލް އަރުހާމް (މައިންބަފައިންނާއި ދަރިންނާ އޮންނަ ގުޅުން) ބަދަހިވާނީ ބައްޕަ އަށް ދަރިފުޅަށް ޒިޔާރަތް ކުރެވި ދަރިފުޅާ އެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް އޮވެގެން ކަމަށެވެ.
ނަމަވެސް، ހުކުރު ދުވަހުގެ ގަޑި ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހޭތީ ބައްޕަ ހައި ކޯޓަށް ދިޔަ އެވެ. މި މައްސަލާގައި ހައި ކޯޓުން ގިނަ ކަންތައްތަކެއް ކަނޑައަޅާފައިވެ އެވެ؛
◄ ދަރިންގެ ކަންކަން ނިންމުމުގައި ދަރިންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ ދަރިންގެ ހައްގަށްޓަކައި އެ ދަރިންގެ މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރިވެވޭނެ ގޮތަކީ މަންމަ އާއި ބައްޕަ އަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުންކަން.
◄ ކުއްޖާއާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ކުއްޖާގެ މަންމައެކޭ އެއް ފަދައިން ކުއްޖާގެ ބައްޕަ އަށް ވެސް ހަމަހަމަވާ އުސޫލުން ކުއްޖާއާ ބައްދަލުކުރުމާއި ވަގުތު ހޭދަކުރުމުގެ ހައްގު ލިބިގެންވާކަން
◄ ކުއްޖާގެ ބައްޕައާ އެކު ދީނީ އަޅުކަން ކުރުން ފަދަ ކަންކަމުގައި ދެބަފައިން އެކީގައި އުޅުމުގެ ފުރުސަތު ކުއްޖާގެ ބައްޕަ އަށް ލިބިގެންވާ ކަމާއި ނަމާދަށް ކުއްޖާ ގޮވައިގެން ބައްޕަ ދިއުން ފަދަ ކަންކަމުގައި މަންމަގެ ފަރާތުން އެއްވެސް ހުރަހެއް އަޅައިގެން ނުވާނެކަން
◄ ކުއްޖާ ބަލިވެއްޖެ ނަމަ އެކަން ބައްޕަ އަށް އެންގުމާ އެކު ބޭސްފަރުވާގެ ކަންކަން ކުއްޖާގެ ބައްޕަގެ އެނގުމާއި ބެލުން
◄ ސްކޫލާއި ކިޔެވުމާ ބެހޭ އެންމެހާ ކަންތައްތަކުގައި ކުއްޖާގެ މަންމައެކޭ އެއްފަދައިން ކުއްޖާގެ ބައްޕަ އަށް ވެސް ހަމަހަމަކަމާ އެކު އެ މިންވަރަށް ޝާމިލްވެ އެކުގައި އުޅުމުގެ ފުރުސަތު ދިނުން
◄ ސްކޫލް ބަންދުގައި ކުއްޖާގެ މަންމައެކޭ އެއްފަދައިން ބައްޕަ އަށް ވެސް ކުއްޖާއާ އެކު ރާއްޖެއިން ބޭރަށް ދިއުން ފަދަ ކަންކަމުގައި ފުރުސަތު ދޭން ޖެހޭނެ ކަން
◄ ބައްޕަ އާއި މަންމަ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށް ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެ ފަރާތުން ވެސް އިހްތިޔާރު ކުރަން ވާނެ ކަން
◄ ކުއްޖާގެ މަސްލަހަތަށް އުނި ކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކުއްޖާގެ ބައްޕަ އަދި މަންމަ ވެސް ކޮށްގެން ނުވާނެ ކަން.
ހައި ކޯޓުގެ މި ހުކުމާ އެކު ހިތްހަމަނުޖެހި މަންމަ ސުޕްރީމް ކޯޓަށް ދިޔައީ އެވެ. ސުޕްރީމް ކޯޓުން ހައި ކޯޓުގެ ހުކުމް ބާތިލްކޮށް ކަނޑައެޅީ ހާލަތު ބަދަލުވެއްޖެ ނަމަ ކުއްޖާއާ ބައްދަލު ކުރުމުގެ ތާވަލު ރިވިއު ކުރަން ދަށު ކޯޓަށް ހުށަހެޅުމަކީ ހުޅުވިފައިވާ ދޮރެއް ކަމަށެވެ. އެހެންކަމުން ކޮންމެ ވަގުތެއް ވެސް ތާވަލު ބަދަލު ކުރަން މަންމަ އަށް އަދި ބައްޕަ އަށް ވެސް ދަށު ކޯޓަކަށް ހުށަހަޅަން ފުރުސަތު އޮންނާނެ ކަމާއި އެއީ މަތީ މަރުހަލާއަށް ދާން ޖެހޭ ކަމެއް ނޫން ކަމަށް ކަނޑައަޅާފައިވެ އެވެ.
ފެމެލީ ކޯޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް --
ވަރިއަށް ފަހު، ހަޟާނާތް ކަނޑައަޅާ ހިސާބުން ވެސް ދަރިންނާ ގުޅޭ ގޮތުން ކޯޓަށް ދިޔުން ނުހުއްޓޭކަން މި މައްސަލަތަކުން އެކަނި ވެސް ސާފުވެ އެވެ. ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދަރިންނާ ބައްދަލު ކުރަން ޝެޑިއުލް ކަނޑައަޅައިދޭން ކޯޓަށް ހުށަހަޅާ މައްސަލަތައް ވެސް ނިސްބަތުން ގިނަ އެވެ.
ފެމެލީ ކޯޓުން މި ރިޕޯޓަށް ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަަށް އެ ކޯޓަށް ހަޟާނަތުގެ 15 މައްސަލަ ހުށަހަޅާފައިވާއިރު، ދަރިންނާ ބައްދަލުކުރުމަށް 24 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އަދަދާ އަޅާބަލާއިރު ދެ ގުނަ އިތުރުވުމެކެވެ.
ބައްދަލުކުރާނެ ވަގުތު ކަނޑައަޅަން ގިނައިން ބައްޕައިން ހުށަހެޅިޔަސް މަންމައިން ވެސް ހުށަހަޅާ މައްސަލަތައް އެބަހުއްޓެވެ.
އެފަދަ މައްސަލަތަކުގައި މަންމައިން ގިނަ ފަހަރަށް ކޯޓަށް ދާން މަޖުބޫރު ވަނީ ދަރިން ބަހަނާއަކަށް ހަދައި، ނުގަޑީ ބައްދަލު ކުރަން އައުމާއި އޭނާގެ ފަރާތުން އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލުވުމުންނެވެ. ހަރަދު ނުކޮށް ދަރިންނާ ހަމައެކަނި ބައްދަލު ކުރަން އުޅޭ މައްސަލަތަކުގައި މަންމައިން ކޯޓަށް ދާން ޖެހެ އެވެ. ސްކޫލް ނިމޭ ގަޑިއަށް ގޮސް އެއްވެސް އެންގުމަކާ ނުލައި ދަރިން ގޮވައިގެންދާ މައްސަލަތަކުގައި ވެސް މަންމައިން ޝެޑިއުލް ކަނޑައަޅަން ކޯޓަށްދެ އެވެ.
ދަރިންނާ ބައްދަލު ކުރަން ކޯޓު މެދުވެރިކޮށް އެކި ޝެޑިއުލްތައް ގާޒީން ހައްދަވަ އެވެ. ގާޒީ އިސްކަން ދެއްވަނީ ދެ މީހުން އެއްބަސްވާ ގޮތެއް ހޯދަން އެކަމަކު، އެއްބަސްނުވެވޭ ހާލަތުގައި ކޯޓަށް ފެންނަ ޝެޑިއުލެއް ވެސް ހަދާ ފަހަރުތައް އާދެ އެވެ. އެ ކުއްޖެއްގެ ދިރިއުޅުމަށާއި ދިރިއުޅޭ ތަނާއި ހާލަތަށް ބެލުމަށް ފަހު، މަންމަ އާއި ބައްޕަ އެއްބަސްވާ ގޮތަށް ޝެޑިއުލް ހަދަ އެވެ. ގިނަ ޝެޑިއުލްތައް ހަދަނީ ހަފުތާ ބަންދުގައި ބައްޕަ ގޭގައި އުޅޭ ގޮތަށެވެ. ބަރާބަރަށް ދެބަޔަށް ހަމަހަމައަށް ޝެޑިއުލް ބަހަން ޖެހޭ ހާލަތްތައް ވެސް އާދެ އެވެ. އެއް ޗުއްޓީ މަންމައަށް ދީފިއްޔާ އަނެއް ޗުއްޓީ ބައްޕައަށެވެ.
ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން ކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. މިގޮތަށް ކަނޑައަޅަން ވާނީ އެ ކުއްޖަކު ހުރި ހާލަތަށާއި ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ. ކުއްޖާގެ މަސްލަހަތު ކަނޑައަޅާ އާންމު މިންގަނޑުތަކެއް ގާނޫނުގައިވެ އެވެ. އެއީ؛
◄ ކުއްޖާ އެކަމާ މެދު ދެކޭ ގޮތް
◄ ކުއްޖާގެ އަމިއްލަވަންތަކަން
◄ ކުއްޖާ އާއިލީ މާހައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި އާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން
◄ ކުއްޖާއަށް ލިބެންޖެހޭ އަޅާލުމާއި ރައްކާތެރިކަމާއި ސަލާމަތްތެރިކަން
◄ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ ހައްގު
◄ ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ހައްގު
◄ ކުއްޖާގެ އިޖުތިމާއީ ނުވަތަ އެ ނޫން ވެސް ހާލަތު.
ކޯޓަށް ދާ މައްސަލަތަކުގައި މި ކަންކަމަށް ރިއާޔަތްކޮށް ހަދާ ޝެޑިއުލް ވަނީ ކުއްޖާގެ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާވާ އެއްޗަކަށެވެ. ކުއްޖާގެ މަސްލަހަތަށް ކިތަންމެ ބޮޑަށް ބެލި ނަމަވެސް، ދިރިއުޅުން ބަދަލުވަނީ ޓައިމްޓޭބަލްކޮށް ރޮބެޓިކް ކޮށްފައި އޮންނަ ދިރިއުޅުމަކަށެވެ.
މިސާލެއްގެ ގޮތުން ހުކުރު ގަޑި ކޯޓުން ކަނޑައަޅައި 12:15 އިން 1:30 އަށް ދަރިފުޅާ ބައްދަލު ކުރެވޭ ގޮތަށް އޮތް މައްސަލާގައި އެ ކުއްޖާއަށް ހުކުރަށް ފަހު ބައްޕައާ އެކު ރަނގަޅަށް ކާލައި އެކުގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތެއް ނެތެވެ. ސީދާ ގަޑިން 1:30 ވާއިރު ކުއްޖާ ހުންނަން ޖެހެނީ މަންމަގެ ގޭގަ އެވެ. ނޫނީ އާއިލާ ތެރޭ މަސްލަހަތު ގޯސްވެ އެވެ.
"އެ ދުވަހު އެއް ގޭގައި ނިދާފައި އަނެއް ދުވަހު އެނެއް ގޭގައި. އަހަރެންގެ ކުޑައިރުގެ ދިރިއުޅުން ސްޓޭބަލެއް ނޫން، ކޮންފޮޓަބަލެއް ނޫން. އަށާރަ އަހަރު ވަންދެން އުޅެން ޖެހުނީ އެގޮތަށް ޝެޑިއުލަށް ބަލައިގެން. އަހަރެން ބައެއް ފަހަރަށް ދާން ބޭނުން ނުވެފައި ހުއްޓަސް ހަމަޖެހެނީ ގެއިން ބައްޕަގެ ގެއަށް ދާން،" ވަރިވެފައި ތިބި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ކިޔައިދިނެވެ.
"އެއީ ކޯޓުގެ އެންގުމަކާ ހިލާފުވެދާނެތީ މަންމަ ގަދަކަމުން ފޮނުވާނެ. ބައްޕަ ބޭނުންވާނެ އަހަރެން ކޮންމެހެން ގެންނަން. އެކަމާ ޝަކުވާ ކުރިޔަސް މަންމަ އާއި ބައްޕަ ބޭނުމެއް ނުވޭ ވާހަކަ ދައްކައިގެން ހައްލެއް ހޯދާކަށް. ހުރިހާ ކަމެއް ކޯޓުން ނިންމަނީ."
ކާފައަކު އޭނާގެ ކާފަ ދަރިއަކާ އެކު ވަގުތު ހޭދަކުރަނީ: ދަރިންނާ ބައްދަލު ކުރަން ފުރުސަތު ނުލިބިގެން ކޯޓަށް ދާ މައްސަލަތައް ގިނަ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޯޓުން ޝެޑިއުލް ހަދައިގެން އެއާ އެގޮތަށް އަމަލު ނުކުރާ މައްސަލަތައް ވެސް ގިނަ އެވެ. ބައެއް ފަހަރަށް އެއާ އެގޮތަށް އަމަލު ނުކުރަން ގަސްތުގައި ހުރަސްތައް ކުރިމަތިކުރުވާ މައްސަލަތައް އާދެ އެވެ. މިސާލަކަށް، ބައްޕައާ ދަރިފުޅު ބައްދަލު ކުރަން އޮންނަ ވަގުތަށް އިތުރު ޓިއުޝަނެއް ނޫނީ އެހެން ކަމެއް ފައްތައި މަންމަ އުޒުރު ދައްކަމުންދާ މައްސަލަތައް ވެސް ފެމެލީ ކޯޓުގައި ރެކޯޑް ކުރެވިފައި އެބަހުއްޓެވެ.
ޝެޑިއުލް ކަނޑައަޅާ މައްސަލަތައް ތަންފީޒުކޮށް ދޭން އެދި ކޯޓަށް މައްސަލަަތައް ހުށަހަޅަން ޖެހެނީ މި ސަބަބާ ހުރެ އެވެ. އާންމުކޮށް މިފަދަ މައްސަލަތައް ވެސް ބައްޕައިން ހުށަހަޅާއިރު، ކޯޓުން ފިޔަވަޅުތައް ވެސް އަޅާފައި އެބަ ހުއްޓެވެ. ބައްޕަ ދަރިންނާ ބައްދަލުކުރުމަކީ ހައްގެއްކަން ހަނދާންކޮށްދީ، ޝެޑިއުލާ އެއްގޮތަށް އަމަލު ކުރަން އަންގައި އަމަލު ނުކުރާ ނަމަ ތަފާތު ފިޔަވަޅުތައް އެމީހަކާ މެދު އަޅަ އެވެ. ދަރިންގެ ކަންކަމުގައި މި ހާލަތަށް ދާން ޖެހުމަކީ ފެމެލީ ކޯޓުގެ ވެސް ކަންބޮޑުވުމެކެވެ.
"މިފަދަ މައްސަލަތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިއަކު އެ ހާލަތަށް މައިންބަފައިން ގެނައުން. ދަރިންނަށް ޖެހޭނެ މަންމަ އާއި ބައްޕަ އަށް ވެސް އެއްވެސް ނުފޫޒެއް ނެތި ބައްދަލުވާން. އެކަމަކު ކޮންމެވެސް މައްސަލައަކާ ހެދި މައިންބަފައިންނަށް މި ފުރުސަތު ދަރިއަށް ނުދެވޭ،" ކުރިން ވެސް ވާހަކަ ދެއްކެވި ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަންމަގެ އެ ނަފުރަތުގެ ސަބަބުން ދަރިންގެ ހިތުގައި މަންމަ އަދި ބައްޕައާ މެދު އޮންނަ ލޯތްބަށް ވެސް އަސަރުކުރާނެ އެވެ. އެ ނަފުރަތާއި ރުޅިވެރިކަމުގެ ތެރޭގައި ބޮޑުވާން ޖެހޭ ކުއްޖާއަށް ނަފުސާނީ ބޮޑެތި ވޭންތައް ތަހައްމަލު ކުރަން ޖެހޭނެ އެވެ. އޭގެ ބަދަލުގައި ރީތި ގޮތުގައި ވަރިވެ، ދަރިންގެ ކަންކަން ސުލްހަވެރިކަމާއި ހަމަހަމަކަމާ އެކު ނިންމާ މީހުންގެ ދަރިންނަށް އެ ތަކުލީފު އުފުލަން ނުޖެހި، މައިންބަފައިންނަށް އޮންނަ އިހްތިރާމް އެ ކުދިންގެ ހިތުގައި ބޮޑުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އާއްމުކޮށް ބައްދަލު ނުވެ، ހާއްސަ ހާލަތްތަކުގައި ބައްޕަ އާއި ބައްޕަގެ އާއިލާއާ ބައްދަލުވާ ކުދިންނަށް އެ ވަގުތުކޮޅުގެ ތެރޭގައި ލިބޭ ލޯތްބާއި އަޅާލުން ގިނަ ފަހަރަށް ވަރަށް ހާއްސަވެ އެވެ.
މިކަމުގެ ސަބަބުން ދަރިން ބައްޕަގެ ގެއަށް ނުފޮނުވައި ހިފަހައްޓަން މަސައްކަތްކުރާ މަންމައާ މެދު ނަފުރަތު އުފެދޭ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. ބައްޕަގެ އާއިލާ އިން އެ ކުދިންނާ އެކުގައި އެ ބައްޕަގެ ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވާ އިރު، ބައްޕަގެ ގެއަށް ނުފޮނުވަން ނުވަތަ ބައްދަލުކުރުމުގެ ފުރުސަތު ނުދޭން މަންމަ އުޅޭ ސަބަބާ މެދު އެ ކުދިންގެ ހިތުގައި ސުވާލު އުފެދޭނެ އެވެ.
ދަރިންގެ ވިސްނުމަށް ކުރާ މި ކަހަލަ ހުރިހާ އަސަރެއް ގުޅިފައި އޮންނަނީ މައިންބަފައިން އަމަލުކުރާ ގޮތުގެ މައްޗަށެވެ.
"އެހެންވީމަ ދެ މީހުން އަމަލު ކުރާ ގޮތަކުން ދަރިންނަށް ވަރަށް ބޮޑު ގެއްލުމެއް މި ދެނީ. ހަޟާނަތާ ނޫނީ ބައްދަލު ކުރާ މައްސަލަތަކާ ހަމައަށް އަންނައިރު ވަކިވި ނޫނީ ވަރިވި ސަބަބު އޮންނަން ވާނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
ކޯޓަށް ހުށަހެޅޭ އާއިލީ ކަންކަމުގެ ތެރޭގައި މަސައްކަތް ކުރެއްވި އެ ބޭފުޅާ ދެން ފާހަގަކުރެއްވީ މުޖުތަމައުގެ ތެރޭގައި އިތުރުވަމުންދާ އެހެން މައްސަލައެކެވެ؛ ވަރިވެ ދަރިންގެ ކަންކަމުގައި ސުލްހަވެރިކަން އިސްކުރާ މީހުން ވެސް، އޭގެ ތެރެއިން އެކަކު އެހެން ދިރިއުޅުމެއް ފަށައިފި ނަމަ އުފެދޭ ނުތަނަވަސްކަމެވެ.
ހަޟާނާތުގެ ގާތްގަނޑަކަށް ހުރިހާ މައްސަލަތަކެއްގައި މިހާ ހިސާބުން ޝެޑިއުލްގެ މައްސަލަތައް ކޯޓަށް އާދެ އެވެ. މި މައްސަލަ ބޮޑުވެފައި އޮތް ވަރު، މިކަމުން އެނގެ އެވެ.
މިފަދަ މައްސަލަތަކުގައި މަންމަ އިން ހުށަހަޅާ ޝަކުވާއަކީ "ދޮންމަންމަ"އާ ހިސާބުން ކުއްޖާގެ އުޅުމަށް ބަދަލު އައުމެވެ. ހެއްކެއް ނެތަސް ރުޅިވެރިކަމުގެ މައްޗަށް އެ ބުނާ ބުނުމާ އެކު ކުރިން އެއްބަސްވި ގޮތަށް ދަރިފުޅު ބައްޕަގެ ގެއަށް ނުފޮނުވޭނެ ކަމަށް ކަނޑައަޅައިދޭން އެދެ އެވެ.
ބައްޕައާ އެކު ވަގުތު ހޭދަކުރަން ދަރިން ބައްޕަގެ ގެއަށް ނޮފޮނުވާ ސަބަބަކަށް "ދޮންމަންމަ" ދައްކާ އިރު، ބައްޕަ އިން ޝަކުވާ ހުށަހަޅާނީ "ދޮންބައްޕަ"އާ ބެހޭ ގޮތުންނެވެ. ބައެއް ފަހަރަށް "ދޮންބައްޕަ" ރަނގަޅު ނޫން ކަމަށާއި އޭނާ އެކު ދަރިން ދިރިއުޅުން ނުރުހޭ ކަމަށް ބައްޕައިން ކޯޓުގައި ބުނެފައި އެބަހުއްޓެވެ.
"...ބައްޕަ ކައިރިއަށް ދާން އެންމެ އުނދަގޫވީ ބައްޕަ ކައިވެންޏެއްކޮށް އެ ގޭގައި ދައްތަ އުޅެން ފެށި ހިސާބުން. އަހަރެން ދައްތައާ ވާހަކަ ދައްކާ އެއްވެސް ގުޅުމެއް ބާއްވަން މަންމަ ބޭނުމެއް ނުވޭ. ބައްޕަ ގުޅާފައި ރޮއެފައި ބުނޭ ދަރިފުޅާ ބައްދަލު ކުރަން ބޭނުމޭ. އެކަމަކު މަންމަ ބުނަނީ އެ ގެއަށް ގޮސްފިއްޔާ މަންމަ ދެރަވާނެއޭ. އެހެންވެ އަހަރެން މަންމަ ދެރަކޮށްފައި ދާން ބޭނުމެއް ނުވޭ. އަހަރެން ހުރީ އޭގެ ތެރޭގައި ފިތިފައި،" ކުރިން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.
އެހެން ޒުވާނަކު މި ހާލަތު ކިޔައިދިނީ އަނެއް ކޮޅަށެވެ؛ އޭނާގެ މަންމަ އެހެން މީހަކާ ކައިވެނި ކުރި ހިސާބުން ބައްޕަ ބޭނުންވީ ކޯޓު މެދުވެރިކޮށް އޭނާ މަންމައާ ވަކިކޮށްގެން ގެންދާށެވެ. ހަޟާނަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ގޮސް މަންމައަށް ހަޟާނާތް ލިބުމުން ވެސް ކޯޓަށް އެކި ފަހަރު މަތިން އެކަން ހުށަހެޅި އެވެ. މަންމައާ އެކު ދިރިއުޅޭތީ ގެއަށް އައިސް އަޑުގަދަކޮށް މަންމައާ ދިމާއަށް އެއްޗެހި ގޮވާ މަސްލަހަތު އެތައް ދުވަހަކު ގެއްލި، ފުލުހުން ގެއަށް ވަންނަން ޖެހުނު ހަނދާނަކީ އޭނާގެ ކުޑައިރުގެ ވޭންދެނެވި ތަޖުރިބާތަކެވެ.
"އަހަރެން އަބަދުވެސް ހިތަށް އަރާ މަންމަ އާއި ބައްޕަ ހަމަޖެހިގެން އަހަރެންގެ ކަންކަން ނިމި ނަމަ، އަހަރެން ހަޔާތް ހާދަ ތަފާތުވީހޭ،" އޭނާ ބުންޏެވެ.
ބައްޕައަކު އޭނާގެ ދަރިފުޅު ގޮވައިގެން ވަގުތު ހޭދަކޮށްލަނީ. - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި 10 އަހަރު މަސައްކަތް ކުރައްވާފައިވާ ޝަޒީނާ ވިދާޅުވި ގޮތުގައި އޭނާއަށް ފާހަގަވި އެންމެ ބޮޑު ކަމަކީ ދެމަފިރިން ވަކިވުމުން، ދަރިންގެ ކަންކަމުގައި ނުވަތަ މަސްލަހަތުގައި ވާހަކަ ދައްކަން އިސްކަން ނުދިނުމެވެ. އެކި ސަބަބުތައް މެދުވެރިވެގެން ކައިވެނި ރޫޅުނަސް ދަރިންގެ ކަންކަމުގައި އެކަކު އަނެކަކަށް ނުވަތަ އަލަށް ދިރިއުޅުން ފެށި މީހާއަށް އޮންނަ ރުޅިވެރިކަން އެއްފަރާތްކޮށް، ދެ މީހުން މުއާމަލާތް ކުރުމަކީ ދަރިންގެ ހައްގުގައި މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި މި ވަނީ ދެ މީހުން. ދަރިންނެއް ނޫން، އެއީ ދެ މީހުންގެ ވެސް ދަރިން. މުއާމަލާތް ކުރެވެން ޖެހޭނެ. މެޗުއާކޮށް މުއާމަލާތްކޮށް ދަރިންގެ ވެސް މަންފާއަށް ޓަކައި މަސައްކަތް ކުރަން ޖެހޭ. ދަރިންނަށް އެންމެ މަސްލަތު ހުރި ގޮތަކީ މަންމަ އާއި ބައްޕަ އުފަލުގައި އުޅުން، އެއީ އެކީ އުޅުނަސް ވަކިން އުޅުނަސް،" ސައިކޮލޮޖިކަލް އެސޯސިއޭޓް ޝަޒީނާ ވިދާޅުވި އެވެ.
"ބައެއް ކުދިން އެބަ ބުނޭ މަންމައަށް އޮތޭ ވަރަށް ގިނަ މީހުންގެ ތެރެއިން ބައްޕަ ޗޫސްކުރަން. ބައްޕައަށް އޮތޭ މަންމަ ޗޫސްކުރަން އެ ޗޮއިސް. އެކަމަކު ތިމަންނައަކަށް ނެތޭ އޭނާގެ މަންމަ އާއި ބައްޕަ ޗޫސް ކުރާކަށް ޗޮއިސެއް، ކިހާ އަންފެއާ ހެއްޔޭ. އެއީ އެމީހުން ހަދާފައި އޮތް ބޭޑް ޗޮއިސްއެއް ނޫން ހެއްޔޭ. ތިމަންނަ އުޅެން މި ޖެހެނީ އެ ބޭޑް ޗޮއިސް ތެރޭގައޭ،" އޭނާ ވިދާޅުވި އެވެ.
ޝަޒީނާ ވިދާޅުވި އާއިލީ މައްސަލަތަކުގެ ތެރޭގައި އުޅޭ ކުދިންގެ ފަރާތުން ދެ ކަމެއް ފާހަގަވެ އެވެ. ބައެއް ކުދިން އަދާޔާހިލާފަށް ސްކޫލްގައި ސަކަރާތް ބޮޑުވެ ކިޔެވުމާ ދުރަށްދެ އެވެ. އަނެއް ބައި ކުދިން އެއްކޮށް މަޑުމައިތިރިވެ، ކިޔެވުމަށް ސަމާލުކަން ނުދެވެ އެވެ. މިއިން ކޮންމެ ގޮތަކަށް ކުދިންގެ އުޅުން ބަދަލުވިޔަސް، އެ ކުދިންގެ ހަޔާތް ބިކަވެގެންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކިތަންމެ ރަނގަޅަށް ވަރި ވިޔަސް އޭގެ އަސަރު ކުދިންނަށް ކުރާނެ. އެހެންވީމަ މަންމަ އާއި ބައްޕަގެ އަތުގައި އޮތީ ކުދިންނަށް އެ އަސަރު ކުރާނީ ކިހާ މިންވަރަކަށްތޯ ޑިސައިޑް ކުރުން. ކުއްޖާއަށް އެންމެ ރަނގަޅުވާނެ ގޮތަކީ ކުއްޖާ އަސަރު ކުޑަވާނެ ގޮތަށް އަމަލު ކުރުން. ކުއްޖާއާ ރަނގަޅަށް ވާހަކަ ދައްކައިގެން އެންމެންގެ މަސްލަހަތަށް ވިސްނުން،" ޝަޒީނާ ވިދާޅުވި އެވެ.
"އެކަމަކު އެ ނޫން ގޮތްތަކަށް އަމަލު ކުރެވޭތީ ޖެނަރޭޝަންތައް މި ދަނީ ހަލާކުވެގެން. ގޭތެރެ އެ ސޭފް ޕްލޭސްއަށް ނުވާތީ ދެން މި ނުކުންނަނީ ބޭރަށް. ނުބައި ގޯޅިތައް މި އެޅެނީ އޭގެ ފަހަތުގައި މި އޮންނަނީ ދަރިންނާ ގުޅޭ ކަންކަމުގައި މައިންބަފައިންނަށް އަމަލު ކުރެވޭ ގޮތް." އޭނާ ކިޔައި ދެއްވި އެވެ.
ޝަޒީނާ ވިދާޅުވީ ވަރިވުމަށް ފަހު ތަޅާނުފޮޅެ ސުލްހަވެރި ގޮތުގައި ދިރިއުޅުމުގެ ގާބިލްކަން ބޮޑެތި މީހުންގެ ހުންނަން އެބަ ޖެހޭ ކަމަށެވެ. ދިރިއުޅުމެއް ފަށައި، ދަރިން ހޯދާ ހިސާބަށް ދާން ޖެހޭނީ އެވަރުގެ 'މެޗުއާ' މީހަކަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަދަ އާއި ރުޅިވެރިކަން އެއްކިބާކޮށް، ޝަޒީނާ ވިދާޅުވި ގޮތުގައި، ބަދަލުކުރަންވީ މުޅި 'މައިންޑްސެޓް' އެވެ.
"މި އަންހެން ކުދިންނަކީ މުސްތަގުބަލުގައި މަންމަމެން. ފިރިހެން ކުދިންނަކީ ބައްޕަމެން. މި ސައިކަލް ކެރީ ކުރަންޏާ ކިހިނެއް މުޖުތަމައު ރަނގަޅު ވާނީ؟،" އޭނާ ސުވާލުކުރެއްވި އެވެ.
ޝަޒީނާ ވެސް ވިދާޅުވި ގޮތަށް އަހަރެމެންނަށް އެނގެންވީ ކަމަކީ ދަރިންނާ ގުޅޭ ޒުވާބުތަކާއި ދެކޮޅުވެރިކަން ކޯޓުތަކުގައި ދެއްކުމަށް ފަހު، ދެ މީހުން ދެ މަގުން ގޮސް ރައްޓެހިންނާ އެކު ކޮފީއަކަށް އަރައި ދަތުރަކު ގޮސްލައި ބޯހަމަޖައްސާލުމުގެ އިހްތިޔާރު ވެސް އަހަރެމެންނަށް އޮތް ކަމެވެ. އެކަމަކު، މި ކަންކަމުގެ ތެރޭ އެއްވެސް އިހްތިޔާރެއް ނެތި ފިތި، މުޅި ދިރިއުޅުން ހަލާކުވެ ދަނީ ދަރިންގެ އެވެ. އެ މީހުންނަށް އޭގެ ތެރެއިން ދުރަށް ދިއުމުގެ އިހްތިޔާރެއް ނެތެވެ.
ކައިވެނި ރޫޅޭ ހިސާބުން އެކަކު އަނެކަކަށް އުފެދޭ ނަފްރަތާއި ރުޅީގައި ދަރިންނަށް އޮތީ ޝެޑިއުލްތަކާއި އެޕޮއިންޓްމަންޓްތަކެވެ. ނަތީޖާ މުޖުތަމައުން ފެންނަން އެބައޮތެވެ. ނާއިންސާފާ ކުރިމަތިލާން ޖެހި ބައެއް ކުދިން ދިރިއުޅުމުގައި ފިތި، ހަޔާތް ބަނަވެއްޖެ އެވެ. ބައެއް ކުދިން ނަފްސާނީ ވޭނުގެ ތެރެއަށް ގެއްލި ހުސްވެއްޖެ އެވެ.
ދަރިން ދެކެ އެންމެ ލޯބި ވަނީ މަންމަ ނުވަތަ ބައްޕަ ކަން ދެއްކުމުގެ ވާދަވެރިކަމުގައި، އެ ކުދިންގެ އަތުން "ނިގުޅައިގަންނަ ލޯބި" ހޯދައިދޭން ވިސްނަން ވެއްޖެކަން ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކަކީ ހެއްކެކެވެ.
ހަރަދު ނުދޭތީ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު
ނުރުހުމުގައި ގެންދިޔަ ދެ ކުދިން ހަވާލުކުރަން އަމުރެއް
ދަރިންގެ ހަރަދަށް މަހަކު 1،000: މިއީ ކޯއްޗެއް؟
ވަރިވިޔަސް ދަރިންގެ ކަންކަމުގައި އުޅެންވީ އެކުގައި
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!
ބައްޕަގެ ދިރިއުޅުމުން ކުއްޖާގެ ސިއްހަތަށް ކުރާ އަސަރު
އަޚުލާގީ ތަރުބިޔަތުގައި އާއިލާގެ ދައުރު އަދާކުރެވޭބާ؟
ދަރިފުޅުގެ ހަންގަނޑާ ބެހޭ ގޮތުން އެނގެން ޖެހޭ
ކުޑަދަރިފުޅު އެނދުގައި ނުނިދާނަމަ ދެންހަދާނީ ކިހިނެއް؟