Roadha Mihaaru
ކައިވެނީގެ ރަސްމިއްޔާތެއްގައި ވަޅަކަށް ވެއްޓި 13 މަރު

ކައިވެނީގެ ރަސްމިއްޔާތެއްގައި ވަޅަކަށް ވެއްޓި 13 މީހަކު މަރުވެއްޖެ

17 ފެބުރުއަރީ 2022

އިންޑިއާގެ އުންތަރް ޕްރެދޭޝްގެ ކުޝީނަގަރު އަވަށުގައި ރޭ ބޭއްވި ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވި މީހުންގެ ތެރެއިން ބަޔަކު ފެންވަޅަކަށް ވެއްޓި ގެނބުމުގެ ސަބަބުން އޭގެ ތެރެއިން 13 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ އުންތަރް ޕްރެދޭޝްގެ ކުޝީނަގަރު އަވަށުގައި ރޭ ބޭއްވި ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވި މީހުންގެ ތެރެއިން ބަޔަކު ފެންވަޅަކަށް ވެއްޓި ގެނބުމުގެ ސަބަބުން އޭގެ ތެރެއިން 13 މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ކުޝީނަގަރުގައި ރޭ ބޭއްވީ ކައިވެނީގެ ކުރިން ބާއްވާ "ހަލްދީ" (ކައިވެނިކުރާ ދެމީހުންގެ ގައިގައި ރީނދޫ ވެށުމުގެ) ހަފްލާ އެވެ. މި ހާދިސާ ހިނގީ އެ ހަފްލާ ބޭއްވި ސަރަހައްދުގައި ހުރި ފެންވަޅެއްގެ މަތީގައި އަޅާފައި އޮތް ދަގަނޑު ނަރުދާގަނޑެއްގެ މަތީގައި ބަޔަކު އިށީނދެ ތިއްބާ، އެ ދާގަނޑު ކަނޑައިގެން ގޮސް ވަޅު ތެރެއަށް އެ މީހުން ވެއްޓުމުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 10 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. މި ހާދިސާއާ ގުޅިގެން ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނަންތު އާއި ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވަނީ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ހަ ކުދިން ހިމެނެ އެވެ. އަދި އޭގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. ފުލުހުން މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ އިރު، އެ އަވަށުގައި މިއަދު ވަނީ ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.