Roadha Mihaaru
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި

އަމްބާނީގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަސް މަސްދުވަސް ކުރިން ފަށައިފި

03 މާޗް 2024

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާތައް ފަސް މަސްދުވަސް ކުރިން، ބޮޑު ޕާޓީއަކާ އެކު މިދިޔަ ހަފުތާ ބަންދުގައި ފަށައިފި އެވެ.

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާތައް ފަސް މަސްދުވަސް ކުރިން، ބޮޑު ޕާޓީއަކާ އެކު މިދިޔަ ހަފުތާ ބަންދުގައި ފަށައިފި އެވެ.

އަނަންތު އަމްބާނީ، 28، އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް، 29، ކައިވެނި ކުރަނީ އަންނަ ޖުލައި މަހު އެވެ. ރާދިކާ އަކީ ވެސް އިންޑިއާގެ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

އެމީހުންގެ ކައިވެނީގެ ހަފުލާތައް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޖާމްނަގަރުގައި ވަނީ ވަރަށް ފޯރިގަދަ ޕާޓީއެއް ބާއްވައިފަ އެވެ. މި ޕާޓީގެ އެންމެ ހާއްސަ މެހުމާނެއްގެ ގޮތުގައި ދިޔައީ ބާބޭޑޯސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އެވެ. ރިއާނާ ވަނީ އެ ޕާޓީގައި ހާއްސަ ޕާފޯމަންސްއެއް ދީފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރިއާނާ އެ ޕާޓީގައި ޕާފޯމްކުރީ 170 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ދީގެންނެވެ.

އެ ޕާޓީގެ މެހުމާނުންގެ ލިސްޓުގައި 1،200 މީހުން ހިމެނޭއިރު އޭގެ ތެރޭގައި ގިނައީ ބޮލީވުޑް އާއި ހޮލީވުޑްގެ ތަރިންނާއި ބޮޑެތި ވިޔަފާރިވެރިންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރިއާނާ ސްޓޭޖުގައި ޕާފޯމްކުރަމުން ދިޔައިރު އެ މަންޒަރު ބަލަން އެތަނުގައި ޝާހްރުކް ހާން، ގޯރީ ހާން، ރަންވީރް ސިންގް، ދީޕިކާ ޕަޑުކޯން، ޝްރެއާ ގޯޝަލް، ޖާންވީ ކަޕޫރް، އަނަންޔާ ޕާންޑޭ، އަދިތުޔަ ރޯއީ ކަޕޫރް، ސަލްމާން ހާން އަދިވެސް ވަރަށް ގިނަ ސެލެބްރިޓީން ތިއްބެވެ.

އެ ޕާޓީއަށް ދައުވަތު ދިން މެހުމާނުންގެ ތެރޭގައި ބިލް ގޭޓްސް އާއި މާކް ޒަކަބާގް އަދި އިވަންކާ ޓްރަމްޕް ކަހަލަ މީހުން ވެސް ހިމެނެ އެވެ.

އަމްބާނީ އާއިލާ އަބަދުވެސް މި ކަހަލަ ބޮޑެތި ޕާޓީތައް ބާއްވައި އަދި މި ޕާޓީތަކަށް ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނަށް ދައުވަތު ދީގެން ގެންދާ ބައެކެވެ.