Roadha Mihaaru

ހިންދީ ފިލްމު މަނާވުން އުވާލުމާ އެކު ޕާކިސްތާންގައި "ޑަންގަލް" އަޅުވަނީ

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ގައުމެއްގެ ފިލްމުތައް އަނެއް ގައުމެއްގެ ސިނަމާތަކުގައި ނުދެއްކުން ވެސް ހިމެނެ އެވެ.

މަނާވުން އުވާލުމާ އެކު "ޑަންގަލް" ޕާކިސްތާނަށް
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

20 ޑިސެމްބަރ 2016

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ގައުމެއްގެ ފިލްމުތައް އަނެއް ގައުމެއްގެ ސިނަމާތަކުގައި ނުދެއްކުން ވެސް ހިމެނެ އެވެ.

އެގޮތުން މައްސަލަ ޖެހުނީއްސުރެ ދެ ފަރާތުން ވެސް ކަންތައް ކުރަމުން އަންނަނީ އެހެންނެވެ. މިއީ ގައުމުތަކުގެ ސަރުކާރުން ކޮށްފައިވާ މަނަލެއް ނޫނެވެ. ފިލްމު އެސޯސިއޭޝަންތަކުން ކޮށްފައިވާ ކަމެކެވެ. ނަމަވެސް އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އެ ގައުމުގެ ފިލްމު އެގްޒިބިޓަރުންނާއި ސިނަމާތަކުގެ ވެރިން ވަނީ ނިންމާފަ އެވެ.

ޕާކިސްތާނުގެ ފިލްމު އެގްޒިބިޓާޒް އެސޯސިއޭޝަންގެ ޗެއާމަން ޒޮރައިޝް ލަޝާރީ ވިދާޅުވެފައިވަނީ ޑިސެމްބަރު 19 އިން ފެށިގެން އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި އެޅުވުން ހުއްދަ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަގުތީ ގޮތުން ފިލްމުތައް އެޅުވުން މަނާކުރީ ސިނަމާތައް މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށެވެ. އަދި އެކަމަށް ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށް އާ މަލްޓިޕްލެކްސްތައް ވެސް ބިނާކޮށްފައިވުމާ އެކު މިވަގުތު އިންޑިޔާގެ ފިލްމުތައް ނާޅުވައިފި ނަމަ ގެއްލުންވާނެކަމަށް ފެންނާތީ ހުއްދަ ކުރަނީ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ދީނީ ހަރުކަށި މީހުން މި ފިޔަވަޅާ ދެކޮޅުހަދާ ހަމަނުޖެހުން ހިންގަފާނެކަމުގެ ބިރު އޮތުމާ އެކު ފިލްމު ދައްކާ ތަންތަނުގެ ރައްކާތެރިކަމަށް ފުލުހުންގެ މަދަދަށް އެދޭނެ އެވެ.

ޕާކިސްތާނުގެ މީޑިއާ ގްރޫޕަކުން މިހާރު މަސައްކަތްކުރަނީ ޑިސެމްބަރު 23 ގައި ރިލިޒްކުރާ އާމިރު ޚާންގެ "ޑަންގަލް" ޕާކިސްތާނުގައި ދެއްކޭނެ ގޮތެއް ހެދުމަށެވެ. އެގޮތުން ފިލްމު އިމްޕޯޓްކޮށް ސިނަމާތަކަށް ފޮނުވުމުގެ އިންތިޒާމްތައް އެފަރާތުން އަންނަނީ ހަމަޖައްސަމުންނެވެ.

"ޑަންގަލް" އަކީ މި އަހަރު ނުކުންނާނެ އެންމެ މޮޅު އެއް ފިލްމަށް ވާނެ ކަމަށް ބެލެވެ އެވެ.