Roadha Mihaaru
ހުޅުޖެހި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފި

18 ފެބުރުއަރީ 2022

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޭ ރޯކުރި މައްސަލައިގައި ތިން މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޭ ރޯކުރި މައްސަލައިގައި ތިން މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.

އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު، ޕޮލިސް ޑެސްކްގެ އިންޗާޖް ސާޖަންޓް މުހައްމަދު އަރީޝް ހުއްޓުވުމުން، ރޭގެ 3:30 ހާއިރު އޭނާގެ ސައިކަލްގައި ރޯކޮށްލި އެވެ.

ފުލުހުން މިރޭ ބުނީ، އެ މައްސަލާގައި އުމުރުން 22 އަހަރާއި 27 އަހަރާއި 31 އަހަރުގެ ދިވެހި ތިން ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފުލުސް މީހާގެ ގޭގެ ގޯތި ތެރެއަށް މޫނު ނިވާކޮށްގެން ހުރި ފިރިހެނަކު ވަދެ ސައިކަލަށް ޕެޓްރޯލް އަޅަ އެވެ. އެ މީހާ އެ ތަނުން ދިއުމާ އެކު، ދޮރުމަތީގައި ހުރި އެހެން ފިރިހެނަކު ސައިކަލުގައި ރޯކޮށްލައި، ވަގުތުން ދުއްވައިގަނެ އެވެ.

މިލަދޫ ކައުންސިލްގެ ރައީސް އަބްދުއލް މަޖީދު މުހައްމަދު ވިދާޅުވީ، އެކި ކަންކަމާ ގުޅިގެން ފުލުހުންގެ ސައިކަލަށް މީގެ ކުރިން ވެސް އެކި ވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، އެފަދަ ހަމަލާތަކަށް ފަސް ނުޖެހޭނެ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.