Roadha Mihaaru
ވެލަ އާއި ކަހަނބު ނެތިދިއުމުގެ ބިރުބޮޑުވެއްޖެ

ވެލަ އާއި ކަހަނބު ނެތިދިއުމުގެ ބިރު ބޮޑުވެފައިވާކަން ދިރާސާއަކުން ދައްކައިފި

20 ފެބުރުއަރީ 2022

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ "ރެޑްލިސްޓް" އެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާއިރު، ވެލަ އާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ފުރަތަމަ ދިރާސާގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ "ރެޑްލިސްޓް" އެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާއިރު، ވެލަ އާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ފުރަތަމަ ދިރާސާގައި ބުނެފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ "ނޭޝަނަލް ރެޑްލިސްޓް" އެއް އެކުލަވައިލުމަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި އަދި އެ ތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ، ގިންތި ކުރެވޭނެ މަސައްކަތެއް ކަމަށެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ ވަރު ދެނެގަތުމަށް ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން ބޭނުންކުރަނީ ދިރޭ ތަކެތި ހިމާޔާތް ކުރުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ޔޫނިއަން، އައިޔޫސީއެންގެ "ރެޑްލިސްޓް އޮފް ތްރެޓްންޑް ސްޕީޝީޒް" އާއި އެ ޔޫނިއަނުން އެކަމަށް ތައްޔާރު ކޮށްފައިވާ އުސޫލެވެ. ގިނަ ގައުމުތަކުގައި އެ އުސޫލާ އެއްގޮތަށް ނޭޝަނަލް ރެޑްލިސްޓްތައް އެކުލަވާލައިފައިވެ އެވެ.

ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ ރެޑްލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ލޯންޗުކުރުމަށް މިދިޔަ ހުކުރު ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ ރެޑްލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ލޯންޗުކުރުމަށް މިދިޔަ ހުކުރު ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އައިޔޫސީއެންގެ ރެޑްލިސްޓާ އެއްގޮތަށް ގިނަ ގައުމުތަކުން އަމަލުކުރަމުން އަޔަސް، ރާއްޖޭގައި މިހާތަނަށް އެފަދަ ލިސްޓެއް ނެތެވެ. އެކަމަކު، ރާއްޖެ އިން މި ރެޑް ލިސްޓް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ކަން ކުރަނީ ޔޫއެސް އެއިޑްގެ ހިލޭ އެހީގެ ދަށުންނާއި އައިޔޫސީއޭންއާ ގުޅިގެންނެވެ.

ވެލާގެ ފަސް ބާވަތެއްގެ ދިރާސާ ވަނީ ނިމިފައި

ރެޑްލިސްޓް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީން ވަނީ ފަންނީ ކޮމިޓީއެއް އުފައްދައިފަ އެވެ. އެ ކޮމިޓީގެ އިރުޝާދުގެ ދަށުން، ތިން ބާވަތެއްގެ ދިރޭ ތަކެތި އެސްއެސް ކުރުމަށް ތިން ވޯކިން ގްރޫޕެއް ވަނީ ހަދައިފަ އެވެ. އެއީ ވެލާ ކަހަނބާއި ކުޅީގައި ހެދޭ ގަސްތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕެއްގެ އިތުރުން މުރަކަތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕެކެވެ.

އެ ގްރޫޕްތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ ވެލާ ކަހަނބުގެ ފަސް ބާވަތެއްގެ އެސެސްމެންޓެވެ. އެއީ ބޯބޮޑުވެލާ، ވާވޮށިވެލާ، މުސިންބީ، ކަހަނބު އަދި އާދައިގެ ވެލާ އެވެ.

އެ އެސެސްމެންޓުން އެނގުނު ގޮތުގައި އާދައިގެ ވެލަ އާއި ކަނހަބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ނުރައްކާތެރި ވަރަކަށް ބޮޑުވެފަ އެެވެ. ދެން ހުރި ބާވަތްތަކާ މެދު ގޮތެއް ނިންމަން އަދި އިތުރު ޑޭޓާ އެއްކުރަން ޖެހޭ ކަމަށް އެސެސްމެންޓްގައި ވެ އެވެ.

ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ތަކެތީގެ ރެޑްލިސްޓް ހެދުމަށް އާދައިގެ ވެލާއާ ގުޅޭ ގޮތުން ކުރި ދިރާސާގެ ނަތީޖާ.

ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ތަކެތީގެ ރެޑްލިސްޓް ހެދުމަށް އާދައިގެ ވެލާއާ ގުޅޭ ގޮތުން ކުރި ދިރާސާގެ ނަތީޖާ.

ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާއިރު، މި ބާވަތް އެންމެ ގިނައިން ފެންނަނީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ފެނިފައިވެ އެވެ.

މި ބާވަތް ނެތިއުމަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އެހެނިހެން މަސްވެރިކަމުގެ ތެރޭގައި އެ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުމެވެ. އަދި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ތަޣައްޔަރުވުމާއި ގަވާއިދާ ހިލާފަށް ވެލާ ހިފުމާއި އޭގެ ވިޔަފާރިކުރުން ވެސް ސަބަބެއްގެ ގޮތުގައި ހިމެނެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 3،982 ކަހަނބު ފެނިފައިވާއިރު، އެންމެ ގިނައިން ފެނުނީ އއ، ބ، ހއ އަދި ކ. އަތޮޅުންނެވެ. ކަހަނބުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ތެރޭގައި ލޭނުގެ މަސްވެރިކަމާއި ކަނޑުފަޅު ކިލަނބުވުމާއި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ފަރު ހަލާކުވުމާއި ރަށް ގިރުމާއި ގަވާއިދާ ހިލާފަށް އެ އެއްޗެހި ހިފާއި އޭގެ ވިޔަފާރީކުރުން ވެސް ހިމެނޭ ކަމަށް ދިރާސާގައިވެ އެވެ.

ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ތަކެތީގެ ރެޑްލިސްޓް ހެދުމަށް ކަހަނބާ ގުޅޭ ގޮތުން ކުރި ދިރާސާގެ ނަތީޖާ.

ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ތަކެތީގެ ރެޑްލިސްޓް ހެދުމަށް ކަހަނބާ ގުޅޭ ގޮތުން ކުރި ދިރާސާގެ ނަތީޖާ.

މިހާތަނަށް ރާއްޖެ އިން ދައްކާ ބައެއް ރެކޯޑްތައް:

- 280 އަށް ވުރެ ގިނަ މުރަކައިގެ ބާވަތްތައް ހުރޭ.

- 1،200 އަށް ވުރެ ގިނަ މަހުގެ ބާވަތްތައް އުޅޭ.

- 40 އަށް ވުރެ ގިނަ ބާވަތްތަކުގެ މިޔަރާއި މަޑި އުޅޭ.

- 20 ބާވަތެއްގެ ކޯމަހާއި ފެހުރިހި އުޅޭ.

- ފަސް ބާވަތެއްގެ ވެލާ އުޅޭ.

- 200 އަށް ވުރެ ގިނަ ބާވަތުގެ ދޫނި އުޅޭ.

- ގަސްގަހާގެހީގެ 580 ބާވަތް ހުރޭ.

- 15 ބާވަތެއްގެ މެންގްރޫވް ގަސް ހުރޭ.

އެ އިން ކޮންމެ ބާވަތެއް ރާއްޖޭގައި ހުރި ސީދާ އަދަދު ދެނެގަތުމަކީ ދަތި ކަމަށް ވިޔަސް، އެ ތަކެއްޗަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އާބާދީއާ ގުޅޭ ތަފާތު ދިރާސާތަކުން އޭގެ އާބާދީ އަންދާޒާކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެ ތަކެތި ނެތިދިއުމުގެ ބިރު ހީވެފައިވާ ވަރު ދެނެގަންނަނީ އެ އަންދާޒާތަކަށް ބަލައިގެންނެވެ.