ތިމާވެށްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މައްސަލާގައި، އެފަދަ ވިޔަފާރިތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
10 ފެބުރުއަރީ 2025
ތިމާވެށްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މައްސަލާގައި، އެފަދަ ވިޔަފާރިތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީއަށް މި ހުށަހެޅުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމެވެ. އޭނާ ވަނީ ތިން ކަމެއް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. އެއީ؛
• ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރުން.
• ވިޔަފާރިތައް ހުއްޓުވަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ ބެލުން.
• އެފަދަ ވިޔަފާރިތައް ހުއްޓުވޭނެ ގޮތެއް އޮތްތޯ ބަލައި މަޝްވަރާ ކުރުމާއި އެކަން ކުރެވޭނެނަމަ ސިޓީއަކުން އެންގުން.
ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.
މުސްތަފާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ޖެހެނީ ރާއްޖޭގެ ސަރަހައްދުގައި އުޅޭ ބައެއް އުޅަނދުތައް ގަވާއިދާ ހިލާފަށް އޮޕަރޭޓްކުރާ މައްސަލަ އާއި މިފަދަ އުޅަނދުތައް ހުއްޓުވުމަށް ގާނޫނުތަކުން ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިނިސްޓްރީން ހަދާފައި ނުވާތީ ކަމަށެވެ.
"ކީއްވެތޯ މިއަށް [އުޅަނދުތަކުން ޖޫރިމަނާ ނުދައްކާ ނަމަ އަޅާނެ ފިޔަވަޅުގެ] ގަވާއިދެއް ނުހެދިގެން މި އުޅެނީ،" އޭނާ ސުވާލު ކުރެއްވި އެވެ.
މުސްތަފާ ވިދާޅުވީ ތިމާވެށީގެ ޖޫރިމަނާތަކުން ނުލިބޭ ފައިސާ ހޯދަން، އެ މީހުންގެ ވިޔަފާރިތައް ހުއްޓާލެވޭނެ ގޮތެއް އޮތްތޯ ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ކުރިން އެ ކޮމިޓީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެ މިނިސްޓްރީ އާއި އީޕީއޭ އަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، އެކަން ކުރަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެށީގެ ޖޫރިމަނާތައް ނުލިބޭ މައްސަލާގައި އީޕީއޭ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްވެރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އީޕީއޭ އިން އެ ކޮމިޓީގައި އޭރު ބުނި ގޮތުގައި ތިމާވެއްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދާއިރު، އެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ބާރު އެ އެޖެންސީ އަށް ނެތުމަކީ އެ ފައިސާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
އޭޖީ އޮފީހުން ބުނީ ރާއްޖޭގެ ފަރުތަކަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާ ކުރުމުން އެ ފައިސާ ނުދައްކާ ރާއްޖެއިން ބޭރަށް ފުރައިގެންދާ މައްސަލަ ވޭތުވެދިޔަ ތިން އަހަރު ވަރަށް ބޮޑަށް ދިމާވަމުންދާ ކަމަށެވެ.
ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭކަން އީޕީއޭ އިން މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެ: މަޓީ
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"
ފަރަށް ގެއްލުންވާތީ ކޮމެޓީއަށް އީޕީއޭ ހާޒިރުކުރަނީ
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި