Roadha Mihaaru
އައްޑޫގެ ވައިގެ ސާފުކަން ބަލަން ސެންސަރެއް ހަރުކޮށްފި

އައްޑޫގެ ވައިގެ ސާފުކަން ދެނެގަންނަ ސެންސަރެއް ހަރުކޮށްފި

21 ފެބުރުއަރީ 2022

ރާއްޖޭގެ ވައިގެ ސާފު ވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރުއޫ ފެށުމުގެ ގޮތުން އައްޑޫގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް މިއަދު ހަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ވައިގެ ސާފު ވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރުއޫ ފެށުމުގެ ގޮތުން އައްޑޫގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް މިއަދު ހަރުކޮށްފި އެވެ.

އައްޑޫ ގަމުގެ އީކްއެޓާ ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު އިންސްޓޯލް ކުރުމަށް ފަހު، އެ ބެލެހެއްޓުމުގެ ކަންކަން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ސެންސަރު ހަރުކޮށްފައި ވަނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތުގަ އެވެ.

އެ އެއްބަސްވުމުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން މީހުން ދިރިއުޅޭ 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރުތައް ހަރުކުރަން ވަނީ ނިންމައިފަ އެވެ. އެއީ އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، މާލެ، ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، އަދި ފުވައްމުލަކުގަ އެވެ.

އައްޑޫގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް ހަރުކުރުމަށް ފަހު، އެ ބެލެހެއްޓުމުގެ ކަންކަން އައްޑޫ ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އައްޑޫގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް ހަރުކުރުމަށް ފަހު، އެ ބެލެހެއްޓުމުގެ ކަންކަން އައްޑޫ ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖޭގައި ބޭނުންކުރަނީ ޖަރުމަނުގެ ބްރޭންޑެއް ކަމަށްވާ "އައިކިއު އެއާ"ގެ ވައިގެ ސާފު ވަރު ދެނެގަންނަ ސެންސަރުތަކެވެ.

އޭގެ ސެންސަރެއް އެންމެ ފުރަތަމަ ހަރުކޮށްފައި ވަނީ މިދިޔަ އަހަރު ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މައި އޮފީސް ހުންނަ ގްރީން ބިލްޑިންގްގަ އެވެ.

ވައިގެ ސާފު ވަރު ބަލާ ޑޭޓާ ފަސް އަހަރު ލިބޭނެ

އެންވަޔަރުމެންޓް މިނިސްޓްރީން ބުނިގޮތުގައި، އެ ސެންސަރުތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް، ވައިގެ ސާފު ވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާ ބެހޭ އިދާރާތަކަށް ލިބޭނެ އެވެ.

- ވައިގެ ސާފު ވަރަށް ބަލައި، ސިއްހީ ލަފާ ވެސް އޭގެ އެހީގައި އާއްމުންނަށް ލިބޭނެ.

- އެއްކުރާ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަޣައްޔަރު ވެފައިވާ ވަރ ދެނެގަނެ، ތަހުލީލުތަކާއި ދިރާސާތައް ކުރުމަށް ވެސް ބޭނުންކުރެވޭނެ.

- "އައިކިއު އެއާ"ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމުން، ވައިގެ ސާފު ވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެ.

މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި ވައި ނުސާފުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތައް ކަމަށް ދިރާސާތަކުން ދައްކަނީ ދުއްވާ އެއްޗިއްސާއި އުޅަނދުފަހަރާއި ކުނި އެންދުމާއި ފައިބަރު އުޅަނދުފަހަރު ބަނުމާއި އަދި ކޮންސްޓްރަކްޝަން ސިނާއަތުންނެވެ.

މި މަޝްރޫއާ ގުޅިގެން، މިނިސްޓްރީން މިހާރު މާލޭގައި ކުރިއަށް ގެންދާ "އިންޓެގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން މޯލްޑިވްސް" މަޝްރޫއޫގެ ދަށުން، އިލެކްޓްރިކް ދެ މިނީ ބަސް ގަތުމާއި ޗާޖިން ސްޓޭޝަން ގާއިމުކުރުން ވެސް ހިމެނެ ކަމަށް ބުންޏެވެ.

މާލެ އާއި ހުޅުމާލޭގައި އީ-ބައިކް ސްކީމް ތައާރަފުކޮށް 200 އިލެކްޓްރިކް ޕެޑަލް އެސިސްޓެޑް ބައިސިކަލް ގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލެ ސަރަހައްދުގައި އެއާ ކޮލިޓީ މޮނީޓަރިން ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ކުރަން ވެސް ނިންމާފައިވެ އެވެ.