Roadha Mihaaru
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ

ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން ކައުންސިލުން އެދިއްޖެ

08 އޯގަސްޓް 2022

އައްޑޫ ހިތަދޫ ފުއްޓަރު ފަރާތުން އަތިރިމައްޗަށް އަރާފައި އޮތް ސީލް ބެލުމަށް އެ ތަނަށް ގިނަ ބަޔަކު އެއްވެ، އެ އަށް ކާންދޭން މަސައްކަތް ކުރާތީ އެގޮތަށް އެ ކަން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ހިތަދޫ ފުއްޓަރު ފަރާތުން އަތިރިމައްޗަށް އަރާފައި އޮތް ސީލް ބެލުމަށް އެ ތަނަށް ގިނަ ބަޔަކު އެއްވެ، އެ އަށް ކާންދޭން މަސައްކަތް ކުރާތީ އެގޮތަށް އެ ކަން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.

ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރު ފަރާތަށް އިއްޔެ މެންދުރު އެރި ސީލް އަދިވެސް އޮތީ އެ ތަނުގަ އެވެ.

އެހެެންވެ ސީލް ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޒިޔާރާތް ކުރާތީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްޗަށް ކާންދޭން މަސައްކަތްކޮށް، ކައިރިން ފޮޓޯ ނެގުމަށް އެއާ ގާތް ވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ސީލަކީ އޭގެ ޒާތުގައި އަމިއްލަ ހާލާއިގެން އުޅެވޭ އެއްޗަކަށް ވާތީ، އެ ސީލަށް އެއްވެސް ވަރަކަށް ގޯނާކޮށް، ކާންދީ އަދި އޭގެ ވަށައިގެން މީހުން ޖަމާވެ، ފޮޓޯނަގައި އިންސާނުންގެ އުނދަގޫވާ ގޮތަށް އަމަލު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސް ކުރެ އެވެ.

އެ ކައުންސިލުން އެގޮތަށް ބަޔާން ނެރުނުއިރު، ސީލް ބެލުމަށް އެ ސަރަހައްދަށް ގޮސް ބައެއް މީހުން ވަނީ އެ އަށް ކާންދޭން މަސައްކަތް ކޮށްފަ އެވެ. އަދި ސީލް މޫދަށް ބޭލުމަށް އޭގައި ދަނޑިން ވިއްދައި ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އާންމުވެފައިވެ އެވެ.

އާންމުންގެ އުނދަގޫ ބޮޑުވެ، ސީލްއާ ގާތް ނުވެވޭނެ ގޮތަށް ފުލުހުން މިއަދު ވަނީ އެ ސަރަހައްދުގައި ޓޭޕް ދަމައި އެ އަށް ހިމާޔަތްދީފަ އެވެ. އޭގެ ބުރަކަށިމަތިން ޒަހަމްތަކެއް ވެސް ފެނެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެއީ އެއްގަމަށް އެރުމުގެ ކުރިން ވެސް އެ އަށް ލިބިފައިވާ އަނިޔާތަކެކެވެ.

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ދިގު މިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުރި އެ ސީލު ރާއްޖެ އަށް އައިސްފައި ވަނީ މޫސުމީ ބަދަލުގެ ސަބަބުން ކަަމަށެވެ. އާންމުކޮށް ރާއްޖެ އިން ނުފެންނަ އެ ޒާތުގެ ޖަނަވާރު ފެނުމުން އޮންނަ ގޮތަކީ އޭތި ފައިބައިގެން ދަންދެން އަޅާނުލައި ބޭއްވުން ކަމަށް އީޕީއޭ އިން ބުނެ އެވެ.

އެއްގަމުގައި ސީލް އޮންނަނީ ވަރުބަލި ފިލުވައިލުމަށް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ހިތަދޫން ސީލެއް ފެނުނެވެ. އީޕީއޭ އިން ބުނާ ގޮތުގައި މި ފަހަރު ފެނިގެން އުޅޭ ސީލަކީ ވެސް ހަމަ އެ ސީލް ކަމަށް ބެލެވެ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ވެސް އައްޑޫން މިފަދަ ސީލެއް ފެނުނެވެ.