Roadha Mihaaru
ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ނުދިން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ނުދިން

23 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުން ހުއްޓުވައިދިނުމަށް އެދި އެޗްޑީސީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުން ހުއްޓުވައިދިނުމަށް އެދި އެޗްޑީސީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި އެޗްޑީސީއާ ދެކޮޅަށް އަމުރެއް ނެރެދިނުމަށް އެދުނީ، ދެ ވަނަ ފިޔަވަހިން ބިން ގަތުމަށް 2017 ގައި ޝޯޓްލިސްޓްވި މ. ސާނިޔާ, ޒުލްފީނާ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ އިން ބިން ގަންނަން ހުޅުވައިލުމުން ބީލަން ކާމިޔާބުކުރި 42 ފަރާތެއް ކަނޑައަޅައި ޝޯޓުލިސްޓު ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބިން ގަންނަން ފުރުސަތު ލިބުނީ 36 ފަރާތަކަށެވެ. އެކަމަކު އެ 36 ފަރާތުގެ ތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހެދި ބިން ނުގަނެ އެވެ.

ނަމަވެސް ޝޯޓްލިސްޓް ކުރި މީހުންގެ ތެރެއިން ބާކީ ތިބި ހަތަރު މީހުންނަށް، ލިސްޓްގެ ތަރުތީބުން ބިން ގަތުމުގެ ފުރުސަތު އެޗްޑީސީން ދީފައެއް ނުވެ އެވެ.

އެހެންވެ، އެޗްޑީސީން އަމަލު ކޮށްފައި ވަނީ އެ ކުންފުނީގެ އިއުލާނާއި ބިން ދޫކުރުމުގައި އަމަލުކުރުމަށް އެއްބަސްވެފައިވާ އުސޫލާ ހިލާފަށް ކަމަށް ޒުލްފީނާ ދެކޭތީ، އޭނާ ކޯޓުގައި އެދުނީ ބިން ގަތުމަށް 2017 ގައި ޝޯޓުލިސްޓް ކުރި ތަރުތީބުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އެކަމަކު، ހައި ކޯޓުން ވެސް ނިންމީ ސިވިލް ކޯޓުގެ ހުކުމުގައި ވެސް ވާ ގޮތަށް، އެފަދަ އަމުރެއް އެޗްޑީސީގެ މައްޗަށް ނެރެދެވެން ނެތް ކަމަށެވެ. .

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ވިއްކައިލަން އެޗްޑީސީން ޑިސެމްބަރު 27، 2021 ގައި ކުރި އިއުލާނުގައި، ކުރީގެ އިއުލާނުގެ ދަށުން ވިއްކައިލަން ހުޅުވާލި ބިންތަކެއް ވެސް ހިމަނާފައި ވެ އެވެ.