Roadha Mihaaru

ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހައި ކޯޓުން ހުއްޓުވައިފި

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެއް އެޕާޓްމެންޓް ވިއްކުމާއި ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ކުރުން ވަގުތީ ގޮތުން ހައި ކޯޓުން ހުއްޓުވައިފި އެވެ.

ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

10 ފެބުރުއަރީ 2025

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެއް އެޕާޓްމެންޓް ވިއްކުމާއި ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ކުރުން ވަގުތީ ގޮތުން ހައި ކޯޓުން ހުއްޓުވައިފި އެވެ.

ސީލައިފް ފްލެޓްތަކަށް ފައިސާ ދައްކައިގެން ލަނޑު ލިބުނު މީހުންނަށް ވިނަރެސް ފްލެޓް ހަމަޖައްސައި ދޭން އެޗްޑީސީން ނިންމާފައިވާއިރު، ސީލައިފްގެ ދެ އެޕާޓްމެންޓަކަށް ފައިސާ ދެއްކި މީހަކު އޭގެ ބަދަލުގައި ވިނަރެސް ދެ އެޕާޓްމެންޓް ހޯދަން އެދުމުން އެޗްޑީސީން އެ މީހާ އަށް ދީފައިވަނީ އެންމެ އެޕާޓްމެންޓެކެވެ.

ދެވަނަ އެޕާޓްމެންޓެއް ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެޗްޑީސީން ގަބޫލުކުރެ އެވެ. އެހެންވެ، އެ މީހާ ވަނީ ވިނަރެސް އިން އެ އެޕާޓްމެންޓް ހޯދަން އެދި ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ނަމަވެސް، އެ ކޯޓުން ކަނޑައެޅީ އެ އެޕާޓްމެންޓް ދޭން ޖެހޭ ކަން ސާބިތު ނުވާ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، ވިނަރެސްގެ އެއް އެޕާޓްމެންޓްއާ ގުޅޭ މުއާމަލާތްތައް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ މީހާ އެދުނީ އެވެ.

ހައި ކޯޓުން އިއްޔެ ވަނީ އެ ވަގުތީ އަމުރު ނެރެދީފަ އެވެ. އަމުރުގައި އެންގީ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ވިނަރެސްގެ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ތެރެއިން އެއް އެޕާޓްމެންޓް އެއްވެސް ފަރާތަކަށް ވިއްކުމާއި ދިނުމާއި ވިއްކަން ހުށަހެޅުމާއި އަދި އެ ނޫން ވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުނުކުރުމަށެވެ.

ހައި ކޯޓުން މި އަމުރު ނެރުނުއިރު، އެޗްޑީސީން ކޯޓުގައި ބުނެފައިވާ ގޮތުގައި ވިނަރެސް އެޕާޓްމެންޓްތަކުގެ ތެރޭގައި ބާކީ އެޕާޓްމެންޓެއް މިހާރަކު ނެތެވެ.