Roadha Mihaaru
ފަސްޓް ނޭޝަނަލް: މާލީ ދާއިރާގެ މަންޒަރު ބަދަލުކޮށްލަނީ

ފަސްޓް ނޭޝަނަލް: މާލީ ދާއިރާގެ މަންޒަރު ބަދަލުކޮށްލަނީ!

24 ފެބުރުއަރީ 2022

"ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީއެއް ނުވާނެ އެވެ. ކެޕިޓަލް މާކެޓު ފުޅާކުރަން ކުރާ މަސައްކަތެއް ނުފެނެ އެވެ. އެތައް ދުވަހެއް ވެފައިވާ މި ދާއިރާ ކުރިއަރާނެ ކަމަށް ގަބޫލެއް ނުކުރަމެވެ." މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓާ މެދު ގިނަ ބަޔަކު ދެކޭ ގޮތެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީއެއް ނުވާނެ އެވެ. ކެޕިޓަލް މާކެޓު ފުޅާކުރަން ކުރާ މަސައްކަތެއް ނުފެނެ އެވެ. އެތައް ދުވަހެއް ވެފައިވާ މި ދާއިރާ ކުރިއަރާނެ ކަމަށް ގަބޫލެއް ނުކުރަމެވެ." މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓާ މެދު ގިނަ ބަޔަކު ދެކޭ ގޮތެވެ.

އެހެން ނަމަވެސް މިކަން ބަދަލުކޮށްލުމަށް މާލީ ދާއިރާގެ ފުރިހަމަ މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ ހަތަރު ޒުވާނުން މިވަނީ މަސައްކަތް ފަށައިފަ އެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓަށް އެ ބޭފުޅުން ގެންނަން ބޭނުން ވަނީ އިންގިލާބީ ބަދަލެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އުފެއްދި ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން "ފަސްޓް ނެޝަނަލް"ގެ ހުންގާނުގައި ތިއްބެވީ ކުޅަދާނަ، އަދި މާލީ ނިޒާމުގެ ކަންކަން ފުރިހަމަ އަށް ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ.

"ފަސްޓް ނޭޝަނަލް"ގެ ފައުންޑަރުންނަކީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔާތާއި އެމްއެޗްޕީއޭ ގެ ފައުންޑިންގް ޕާޓްނަރު ރިފާއަތު ޖަލީލާއި ޕެންޝަން ފަންޑުގެ ކުރީގެ ސީއެފްއޯ އަބްދުލްހަލީމް އަބްދުއްލަތީފާއި ކްރޯ މޯލްޑިވްސްގެ ފައުންޑިން ޕާޓްނާރު ހަސަން މުހައްމަދެވެ. އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވާ ޒިޔަތާއި ހަލީމު ވަނީ ކުންފުނީގެ މަސައްކަތްތައް "މިހާރު" އަށް ކިޔައިދެއްވައިފަ އެވެ.

ފަސްޓް ނޭޝަނަލްގެ އޮފީހުގައި ޒިޔަތާއި ހަލީމު "މިހާރު"އާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފަސްޓް ނޭޝަނަލްގެ އޮފީހުގައި ޒިޔަތާއި ހަލީމު "މިހާރު"އާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އާ ހަރުފަތަކަށް ގެންގޮސް ރާއްޖޭގެ އިގްތިސާދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުމެވެ. އެކަމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ފަސްޓް ނޭޝަނަލް އިން މި ވަގުތު ދެނީ މައިގަނޑު ތިން ހިދުމަތެކެވެ. އެއީ ސްޓޮކް އާއި ބޮންޑާއި ސުކޫކް އިޝޫ ކުރުމުގައި ކުންފުނިތަކަށް އެހީވުމާއި ފަންޑް މެނޭޖްކޮށްދިނުމާއި ވެލްތު މެނޭޖް ކުރުމުގެ ހިދުމަތެވެ.

އެ ކުންފުނީގެ ސީއީއޯ ޒިޔަތު ވިދާޅުވީ، ކުންފުނިތަކަށް ބޭނުންވާ ފައިނޭންސް ހޯދޭނެ އޮޕްޝަންތައް އެ ކުންފުނިން ކިޔައިދޭނެ ކަމަށެވެ. މިކަން ކުރާނީ ކޮންމެ ކުންފުންޏެއްގެ މާލީ ހާލަތު ދެނެގަނެ، އެ ކުންފުންޏަށް އެންމެ ރަނގަޅު ފުރުސަތުތަކަކީ ކޮބައިތޯ ވަރަށް ރަނގަޅަށް ބެލުމަށް ފަހު އެވެ.

ފަސްޓް ނޭޝަނަލްގެ އޮފީސް. ޒިޔަތާއި "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އެ ކުންފުނިން ދޭ ހިދުމަތްތަކާ އެކު ކެޕިޓަލް މާކެޓް ފުޅާކުރަން އެހީވާނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފަސްޓް ނޭޝަނަލްގެ އޮފީސް. ޒިޔަތާއި "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އެ ކުންފުނިން ދޭ ހިދުމަތްތަކާ އެކު ކެޕިޓަލް މާކެޓް ފުޅާކުރަން އެހީވާނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އެބޭފުޅުންގެ ހިސާބުތައް ބަލާނަން. ކާމިޔާބު ވިޔަފާރިއެއްގައި ހުންނަންޖެހޭ ބަހާތަކުގައި ހުރި ބުރަދަނަކީ ކޮބާތޯ ބަލާނަން. އެ ކުންފުންޏަށް ނެގޭނީ ކިހާވަރެއްގެ މާލީ ބުރައެއްތޯ، ކޮންބާވަތެއްގެ މާލީ މުއާމަލާތެއްތޯ، މިކަންކަމުގެ ފުރިހަމަ އިރުޝާދު އަޅުގަނޑުމެން ދޭނަން،" އޭނާ ވިދާޅުވި އެވެ.

ޒިޔާތު ވިދާޅުވީ، ކުންފުނިތަކުން އިޝޫ ކުރަން ބޭނުންވާ ބޮންޑް/ ސުކޫކް ފަދަ މާލީ ސެކިއުރިޓީސް އެކުލަވައިލުމުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގާނޫނީ ގޮތުން ކުންފުނިން ކުރަން ޖެހޭ ކަންކަން ކޮށްދޭނީ ވެސް އެ ކުންފުނިން ކަމަށެވެ.

"އޭގެ އިތުރަށް ކުންފުނިތަކުން އުފައްދާ މާލީ މުއާމަތްތައް މާކެޓްކޮށް ވިއްކައިދިނުމަށް ވެސް އެ ކުންފުންޏަށް އެހީވެދޭނަން. ޕަބްލިކްގައި މާކެޓިން ކުރިއަށް ގެންގޮސްދޭނަން. އަދި އިންސްޓިޓިއުޝަނަލް އިންވެސްޓާސް އަށް ވެސް އެ ޕްރޮޑަކްޓް ކިޔައިދޭނަން،" އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި އަދި މާބޮޑަށް ތައާރަފު ވެފައިވާ ހިދުމަތްތަކެއް ނޫން ނަމަވެސް މިއީ ވަރަށް ބޭނުންތެރި ހިދުމަތްތަކެވެ. ކޮންމެ ކުންފުންޏަކީ މާލީ ކަންކަމުގައި އެންމެ ފުރިހަމަ މައުލޫމާތުތައް ހޯދަން ފަސޭހަ ކުންފުންޏެއް ނޫނެވެ. އަދި ކުންފުނިތަކުގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް ކެޕިޓަލް މާކެޓަށް ނިކުންނަން ބޭނުންވާ މައުލޫމާތުތައް ދިރާސާ ކުރަން ފަސޭހަ ނުވެދާނެ އަދި އެކަމަށް ބޭނުންވާ ވަގުތު ވެސް ހޯދަން ދަތިވެދާނެ އެވެ. މާލީ ހިދުމަތްތައް ދިނުމުގައި އެކަން ކުރުމުގެ ފުރިހަމަ ގާބިލްކަމާ އެކްސްޕަޓީސް ހުރި ބައެއްގެ އެހީތެރިކަން ހޯދުމަށް ރާއްޖޭން ބޭރުގެ ފަރާތްތަކުގެ އެހީ މިއަދު ހޯދާކަށް ނުޖެހޭނެ އެވެ. ފަސްޓް ނޭޝަނަލް އާ އެކު އެކަން މިއޮތީ ހުރިހާ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރާ ކުންފުނިތަކަށް ވެސް ފަހިވެފަ އެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވަނީ ފައިނޭންސް ހޯދޭނެ ގޮތްތައް

ރާއްޖޭއަކީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް އޮތް ގައުމަކަށްވާ އިރު އެކި ދާއިރާތަކުގައި ހިންގާ ކުންފުނިތަކަށް ބޭނުންވަނީ މާލީ ކަންކަން ހަމަޖައްސާނެ އިތުރު އޮޕްޝަންތަކެވެ. ޒިޔަތު ވިދާޅުވީ، ރާއްޖޭގައި މިވަގުތު މާލީކަންކަން ހަމަޖައްސަން އޮތީ ބޭންކްތައް އެކަނި ކަމަށެވެ.

"ރާއްޖެއިން އެބަޖެހޭ މާލީ ގޮތުން ބޭރާ ގުޅާލަން. މިސާލަކަށް ރާއްޖޭގައި އިންވެސްޓް ކުރާ ސިންގަޕޫރު ކުންފުންޏަކަށް ބޭރުގެ ބޭންކަކުން ލޯނު ލިބޭ 2-3 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި. ކީއްވެގެންތޯ ރާއްޖޭގައި އިންވެސްޓްކުރަން ދިވެހި ކުންފުންޏަކަށް ސިންގަޕޫރުގެ ބޭންކަކުން ހަމަ އެ ރޭޓުގައި ލޯނެއް ނުލިބެނީ. އޭގެ ސަބަބުތައް އެބަ ބަލަން ޖެހޭ. އަޅުގަނޑުމެން މިތިބީ އެފަދަ ކަންކަން ކޮށްދޭން،" ޒިޔަތު ވިދާޅުވި އެވެ.

ފަސްޓް ނޭޝަނަލްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ހަލީމް ވިދާޅުވީ، ކުންފުންޏެއްގެ ސޯސަސް އޮފް ފައިނޭންސް ޑައިވާސިފައިކޮށް، ފައިނޭންސް އަށް ކުރާ ހަރަދު ކުޑަކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ފަސްޓް ނެޝަނަލް އިން ކުންފުނިތަކަށް ހޯދައިދެވޭނެ ކަމަށެވެ.

ހަލީމު "މިހާުރު" އަށް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އަމިއްލަ ފަރުދުންގެ މާލީ ކަންކަން ޕްލޭންކޮށްދިނުމުގެ އިތުރުން ކުންފުނިތަކަށް ވެސް މާލީ ދާއިރާއިން ފައިދާ ހޯދޭނެ ފުރުސަތުތައް އެކުންފުނިން ކިޔައިދޭނެ ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހަލީމު "މިހާުރު" އަށް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އަމިއްލަ ފަރުދުންގެ މާލީ ކަންކަން ޕްލޭންކޮށްދިނުމުގެ އިތުރުން ކުންފުނިތަކަށް ވެސް މާލީ ދާއިރާއިން ފައިދާ ހޯދޭނެ ފުރުސަތުތައް އެކުންފުނިން ކިޔައިދޭނެ ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނިތަކުން ދިގު މުއްދަތަށް ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ހޯދޭނެ ފުރުސަތުތައް ނެތުން ކަމަށެވެ. މިކަމުގެ ސަބަބުން ކުންފުނިތައް ކުރިއަށް ދިއުމަށް ވެސް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ލޯންގް ޓާމް ޕްރޮޖެކްޓްތަކަށް ހުރަސް އެޅޭ. ލޯންގްޓާމް ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން ފައިނޭންސް މި ހޯދަން ޖެހެނީ ބޮޑު ހަރަދެއް ކޮށްގެން. އެހެންވީމާ، ކޮމާޝަލީ ވަޔަބަލް ޕްރޮޖެކްޓުތައް ދޫކޮއްލަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފަސްޓް ނެޝަނަލްއާ އެކު ކުންފުނިތަކަށް ދިމާވާ މިފަދަ މައްސަލަތަކަށް ވެސް ހައްލެއް ހޯދައިދެވޭނެ އެވެ. އަދި މާލީ ބާޒާރުގެ ތާށިކަން ނައްތާލުމުގައި ވެސް ފަސްޓް ނެޝަނަލްގެ ހިދުމަތްތައް ފުޅާވެގެން ދިއުން ވަރަށް މުހިއްމެވެ.

ހަލީމް ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތު ބަދަލުކޮށްލަން ވަރަށް މުހިއްމު ހިދުމަތްތަކެއް ކަމަށެވެ. ފަސްޓް ނޭޝަނަލް އަކީ ރާއްޖޭގެ ހުރިހާ ފަންތިއެއްގެ މީހުންނަށާއި ކުންފުނިތަކަށް ވެސް މާލީ ގޮތުން ހިދުމަތްދޭނެ ކުންފުންޏެއް ކަމަށެވެ. އަމިއްލަ ފަރުދުންގެ މާލީ ކަންކަން ޕްލޭންކޮށްދިނުމުގެ އިތުރުން ކުންފުނިތަކަށް ވެސް މާލީ ދާއިރާއިން ފައިދާ ހޯދޭނެ ފުރުސަތުތައް އެ ކުންފުނިން ފަހިކޮށްދެ އެވެ.

"ސޯޝަލީ ވެސް ރާއްޖެ މިއޮތީ އިވޯލްވް ވެފައި. މިޑުލް ކްލާސްއެއް އެބައޮތް. އޭޖިން ޕޮޕިއުލޭޝަން އެބަ ބޮޑުވޭ. މަސައްކަތު އާބާދީ ވެސް އިންޓަނެޝަނަލްވެ މިވަނީ ބޮޑު. އެހެންވީމަ މިކަހަލަ ހިދުމަތްތަކަށް ފުރުސަތު އެބައޮތް. ރާއްޖޭގެ އިގްތިސާދާއި އާންމުންގެ ދިރިއުޅުން އެހެން ހަރުފަތަކަށް ގެންދެވޭނީ މާލީ ދާއިރާ ކުރިއަރުވައިގެން،" އޭނާ ވިދާޅުވި އެވެ.

މި ކުންފުންޏާ އެކު މާލީ ދާއިރާއިން ފައިސާ ހޯދޭނެ އިތުރު ގޮތްތައް ތަނަވަސްވީ އެވެ، އަދި ފަރުދީގޮތުން މާލީކަންކަން ރާވާލާނެ ހަރުދަނާ ގޮތްތަކުގެ އިރުޝާދު ލިބި، އާއިލީ ވިޔަފާރިއާއި، މުދާވެރިކަން ޒަމާންތަކަށް ދެމިގެން ދާނެ އިންތިޒާމުތަކެއް ވުޖޫދު ވީއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ސީއެމްޑީއޭ އިން ވަނީ އެކުންފުންޏަށް އިންވެސްޓްމެންޓް އެޑްވައިޒަރީ ލައިސަންސާއި ސެކިއުރިޓީ ޑީލާ ލައިސަންސް ވެސް ދީފަ އެވެ.

ފަންޑްތައް ތައާރަފް ކުރަނީ

ފަސްޓްނެޝަނަލްގެ ހިދުމަތެއް ކަމުގައިވާ ފަންޑުތައް އުފެއްދުން ވެގެންދާނީވެސް މާލީ ނިޒާމު އިތުރަށް ކުރިއަނާނެ ހިދުމަތަކަށެވެ. ފަންޑުތަކަކީ ވެސް އާންމުންނަށް ފައިސާ އިންވެސްޓްކުރަން ލިބޭ އިތުރު ފުރުސަތުތަކެކެވެ. ފަންޑެއްގައި އިންވެސްޓް ކުރުމުން، އެ ފަންޑުގައި ހުންނަ ފައިސާ އިންވެސްޓް ކުރުމަށް ފަހު އޭގެއިން ފައިދާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މިގޮތަށް ފަންޑަށް އިންވެސްޓް ކުރާ މީހުންނަށް އެފަންޑު ބޭނުންކުރާގޮތް ސާފުކޮން އެނގޭނެ އެވެ. މިއީވެސް ވަރަށް މުހިންމު ކަމެކެވެ.

ފަސްޓް ނޭޝަނަލް އިން ތައާރަފްކުރަން މަސައްކަތްކުރަމުން އަންނަ ފަންޑު މިހާރުވަނީ ކެޕިޓަލް މާކެޓްގެ އޮތޯރިޓީ އައް ހުއްދަ އަށް އެދި ހުށަހަޅާފައެވެ. ހުއްދަލިބުމުން، މިފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ކާރި މުސްތަގުބަލެއްގައި ހުޅުވާލެވޭނެއެވެ.

"ފަންޑަކަށް ކޮންޓްރިބިއުޓް ކުރާ މީހުން މިވަނީ ފަންޑުގެ ހިއްސާދާރުންނަށް، ހިއްސާދަރުންނަށް ފަންޑުގެ މަންފާ ބެހިގެންދާނެ. ފަންޑުގެ ރިޓާން ބިނާވެގެންމިވަނީ ފަންޑުގެ ފައިސާ އިންވެސްޓްކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާ ކޮށް. އަދި ފަންޑުގެ މުއާމަލާތްތަކާއި މައުލޫމާތު ޑިޖިޓަލްކޮށް ވަގުތުން ބެލެން ވެސް ހުންނާނެ." ފަންޑެއްގެ ކަންކަން ހިނގާނެ ގޮތް ޒިޔަތު ވިދާޅުވި އެވެ.

މާލީ ދާއިރާ އަށް މިފަދަ އިތުރު އާ ކަންކަން ކުރުމަށް ފަސްޓް ނޭޝަނަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އާންމުންނާއި ކުންފުނިތަކަށް ވެސް މާލީ ދާއިރާއިން ފައިދާތަކެއް ހޯދޭނެ ފުރުސަތުތައް އެ ކުންފުންޏާ އެކު ފަހިވާނެ ކަމުގެ އުންމީދުގެ އިތުރުން ފައިސާ އިންވެސްޓުކުރުމުގެ އިތުރު ފުރުސަތުތައް ލިބުމުގެ އުންމީދު ވެސް މިވަނީ އާވެފަ އެވެ. މިކަންކަން ކާމިޔާބު ކަމާ އެކު ކުރިއަށް ގޮސްފި ނަމަ ރާއްޖޭގެ މާލީ ދާއިރާގެ ލޭންޑްސްކޭޕް އެއްކޮށް ބަދަލުވެގެންދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.