Roadha Mihaaru
ކެޕިޓަލް މާކެޓަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަނީ

ކެޕިޓަލް މާކެޓަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަނީ

28 ނޮވެމްބަރ 2021

ރާއްޖޭގައި މާލީ ސެކުރިޓީޒްގެ ބާޒާރެއް ނެތެވެ؛ ރާއްޖޭގައި މިކަމަށް އިންވެސްޓް ކުރުމަށްވުރެ ބޭރުގެ މާކެޓުތަކަށް ދިއުން މާ ރަނގަޅުވާނެ އެވެ؛ މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން މީހަކު ދިން ޖަވާބެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި މާލީ ސެކުރިޓީޒްގެ ބާޒާރެއް ނެތެވެ؛ ރާއްޖޭގައި މިކަމަށް އިންވެސްޓް ކުރުމަށްވުރެ ބޭރުގެ މާކެޓުތަކަށް ދިއުން މާ ރަނގަޅުވާނެ އެވެ؛ މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން މީހަކު ދިން ޖަވާބެވެ.

ފޮރެކްސް އާއި އެ ނޫން ބޭރުގެ މާލީ ޕްލެޓްފޯމުތަކުގައި ދިވެހިން އިންވެސްޓްކުރުން އާންމުވެފައިވާ އިރު ރާއްޖޭގައި ވެސް ކެޕިޓަލް މާކެޓުގެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސީއެމްޑީއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާންމު ފަރުދުން ފަހަށް ރާއްކާކޮށްފައިވާ ފައިސާ އާއި ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ބަހައްޓާ ފައިސާ ޖަމާކުރުމަށް އެކިއެކި ވަސީލަތްތައް އެހެން ގައުމުތަކުގައި ތަރައްގީކުރެވިފައިވެ އެވެ. ބޭންކް ޑިޕޮސިޓްގެ އިތުރުން އިންވެސްޓްމަންޓް ބޭންކެއްގައި ޑިޕޮސިޓްކުރުން ނުވަތަ އިންވެސްޓްމަންޓް ފަންޑަކަށް އެ ފައިސާ ޖަމާކުރުމުގެ ވަސީލަތްތައް އެ ގައުމުތަކުގައި އަންނަނީ ތަރައްގީކޮށް ކާމިޔާބު ކަމާއެކު ހިންގަމުންނެވެ. ނަމަވެސް، ރާއްޖޭގައި މިކަމަށް އޮތް ހަމައެކަނި ވަސީލަތަކީ ބޭންކް ޑިޕޮސިޓް އެވެ. ފަހަށް ރައްކާކުރާ ފައިސާ ނުވަތަ އިންވެސްޓްކުރުމަށް އެއްކައިރި ކުރާ ފައިސާއިން، ބޮޑު އަދަދުން ފައިސާ ބެހެއްޓި ނަމަވެސް އަހަރަކު ލިބެނީ ޕަސެންޓެއް ނުވަތަ ދެ ޕަސެންޓެއްގެ ނަފާ އެވެ. އެހެންކަމުން، ބޭންކް ޑިޕޮސިޓުގެ އިތުރުން ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްމަންޓުން އާންމުންނަށް ނަފާހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ، ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އަވަސްކުރަންޖެހިފައިވާ މަސައްކަތެކެވެ.

ކެޕިޓަލް މާކެޓް ފޯރަމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ. ރާއްޖޭގެ ކެޕިޓަލް މާކެޓު ބަލަހައްޓަނީ ސީއެމްޑީއޭ އިން-- ފޮޓޯ: މިހާރު

ކެޕިޓަލް މާކެޓް ފޯރަމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ. ރާއްޖޭގެ ކެޕިޓަލް މާކެޓު ބަލަހައްޓަނީ ސީއެމްޑީއޭ އިން-- ފޮޓޯ: މިހާރު

"'ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރާނެ ފުރުސަތުތައް ހުޅުވެނީ ވަރަށް މަދުން. ސަބަބަކީ މި މާކެޓަކީ ހަމައެކަނި ޕަބްލިކް ކުންފުނިތަކުން ހިއްސާ/ޝެއާޒް ޑައިވެސްޓްކުރުމަށް އޮތް މާކެޓަކަށް ވެފައިވާތީ. އޭގެ ބަދަލުގައި ތަފާތު ވިސްނުމަކުން ވިސްނަންޖެހޭ. މިހާރަށްވުރެ އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރެވިގެން މެނުވީ ކެޕިޓަލް މާކެޓުން އާންމުންނަށް ނަފާއެއް ހޯދައިދެވޭނެ ގޮތްތައް މަދުވާނެ،" ސީއެމްޑީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސީއެމްޑީއޭ އިން ބުނީ އިންވެސްޓްމަންޓް ބޭންކިން ހިދުމަތްތަކާއި އިންވެސްޓްމަންޓް ފަންޑުތަކުގެ ހިދުމަތްތައް ތައާރަފުކުރުމާއި މިފަދަ ވަސީލަތްތައް މެދުވެރިކޮށް އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްމަންޓްތައް ކުރަން ޖެހޭ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓްތަކުން އާންމުންނަށް ނަފާ ހޯދައިދިނުމުގެ ސިޔާސަތަކާ އެކު، އަމަލީ ސިފަ ގެނައުމަށްޓަކައި ހަރުދަނާ އޮނިގަނޑެއް އެކުލާލެވި އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

"ގައުމުގެ އިގްތިސާދީ ތަރައްގީގައި އާންމުންގެ ބައިވެރިވުން ހިމެނުމާއި އާމްދަނީގެ ހަމަހަމަ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ބޭނުންކުރާ މައިގަނޑު އެއްވަސީލަތަކީ އެ ގައުމެއްގެ ކެޕިޓަލް މާކެޓް. ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ފަންޑު ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް އެހެން ގައުމުތަކުގައި އަދާކުރަނީ އެގައުމުތަކުގެ ކެޕިޓަލް މާކެޓް. ރާއްޖެއަށްވެސް މި ފުރުސަތު ހޯދައިދިނުމަށްޓަކައި ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީ ކުރުމަކީ ގައުމީ މަސައްކަތަކަށް ވާންޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސީއެމްޑީއޭގެ ޑެޕިއުޓީ ސީއީއޯ (މ) އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ (ވ) މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

ސީއެމްޑީއޭގެ ޑެޕިއުޓީ ސީއީއޯ (މ) އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ (ވ) މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

ކެޕިޓަލް މާކެޓުގެ ހިދުމަތްތައް އޮންލައިންކުރުން

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް ސީއެމްޑީއޭއިން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އެންމެ އިސްކަމެއް އެ އިދާރާއިން ދީފައިވާ އެއް މަސައްކަތަކީ ކެޕިޓަލް މާރކެޓުގެ ހިދުމަތްތައް އޮންލައިންކުރުމެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވުން ފަސޭހަކުރުމަށާއި އިންވެސްޓަރުންގެ އިތުބާރާއި ކޮންފިޑަންސް ހޯދައި ދެމެހެއްޓުމަށްޓަކައި ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް މާކެޓުގެ ސިސްޓަމްތައް ގާއިމްކުރުމަށް ސީއެމްޑީއޭއިން މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިސްޓަމްތައް ހޯދުމަށް ބޭނުންވާ ފަންޑިން ހަމަޖެއްސުމެވެ. އަދި އެކަމަށް ސަރުކާރުގެ ކޮމިޓްމަންޓް ލިބިފައިވާކަމާއި ސީއެމްޑީއޭ އިން އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެތަނުން ބުނެ އެވެ. އަދި، އަންނަ އަހަރު ނިމުމުގެ ކުރިން ރަނގަޅު ކުރިއެރުމެއް މިކަމުގައި ހޯދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން ތަމްރީން ޕްރޮގްރާމެއް ހިންގަނީ. އާންމުންނާއި އިންވެސްޓަރުން ހޭލުންތެރިކުރަން އެއިދާރާއިން ތަފާތު ޕްރޮގްރާމުތައް އަންނަނީ ހިންގަމުން -- ފޮޓޯ: ސީއެމްޑީއޭ

ސީއެމްޑީއޭ އިން ތަމްރީން ޕްރޮގްރާމެއް ހިންގަނީ. އާންމުންނާއި އިންވެސްޓަރުން ހޭލުންތެރިކުރަން އެއިދާރާއިން ތަފާތު ޕްރޮގްރާމުތައް އަންނަނީ ހިންގަމުން -- ފޮޓޯ: ސީއެމްޑީއޭ

ކެޕިޓަލް މާކެޓުތައް ޓެކްނޮލޮޖީގެ ޒަރީއާއިން އަންނަނީ ގުޅުވަމުންނެވެ. މި ސަރަހައްދުގެ ކެޕިޓަލް މާކެޓުތަކާއި ގުޅާލެވިގެން ގިނަ ހަރަކާތްތަކެއް ރާއްޖެ އަށް ފަންޑިން ހޯދުމަށްޓަކައި ހިންގިދާނެ އެވެ. ނަމަވެސް އެކަން ކުރުމަށް ބޭނުންވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގާނޫނީ އޮނިގަނޑަކާއި، ޓެކްނޮލޮޖިކަލް އިންފްރާސްޓްރަކްޗާ އެއް ގާއިމްކުރުމެވެ.

"މި ޑިވަލޮޕްމަންޓްތައް ގެނައުމަށް ބޭނުން ވަނީ ސަރުކާރާއި މިކަމުގައި ހިއްސާވާ ހުރިހާ ސްޓޭކްހޯލްޑަރުންގެ ސަޕޯޓް. މިއީ އާންމު ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު އެކުލެވޭ ގައުމީ މަސައްކަތެއް،" ސީއެމްޑީއޭ އިން ބުންޏެވެ.

ކެޕިޓަލް މާކެޓުގެ ދެން އޮތް މަރުހަލާ

ސިސްޓަމްތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ގާއިމްކުރުމާއި އިންވެސްޓްމަންޓް ފަންޑާއި އިންވެސްޓްމަންޓް ބޭންކިން ހިދުމަތްތައް ތަރައްގީކުރުމުގެ އިތުރުން ދެން އޮތް މަރުހަލާގައި ފެންނާނެ ކުރިއެރުންތަކުގެ ތެރޭގައި އިސްލާމިކް ސެކިއުރިޓީޒްގެ ފުރުސަތުތައް ފުޅާކުރެވިގެން ދިއުން ވެސް ސީއެމްޑީއޭއިން ފާހަގަކުރިއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޕަބްލިކް އޮފަރިން އާއި ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކުރަމުން އަންނަ ސުކޫކް ސެކިއުރިޓީޒްގެ ކާމިޔާބީ އިން ފާހަގަވަނީ އިސްލާމިކް ކެޕިޓަލް މާކެޓެއް ރާއްޖޭގައި ކުރިއަރައިގެން ދިއުމަށް އޮތް ފުރުސަތެވެ.

ކުރިއަށް އޮތް ތާނގައި ސަރުކާރާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައިންސިލްތަކާއި ސަރުކާރު ކުންފުނިތަކާއި އަދި އާންމު ވިޔަފާރިތައް ވެސް ހިމެނޭހެން ޝަރީއާ ހުއްދާކުރާ ސެކިއުޓީޒް ދޫކޮށްގެން ފަންޑު ހޯދޭނެ ފަހި ގޮތްތަކެއް ތައާރަފުކުރުމަށް ސީއެމްޑީއޭ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.