Roadha Mihaaru
ފަސްޓް ނޭޝަނަލުން އިންވެސްޓްމަންޓް ފަންޑެއް ހުޅުވާލައިފި

ފަސްޓް ނޭޝަނަލް އިން އިންވެސްޓް ކުރުމަށް ފަންޑެއް ހުޅުވައިފި

14 އޯގަސްޓް 2022

ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ ކުންފުނި "ފަސްޓްް ނޭޝަނަލް" އިން އިންވެސްޓްކުރުމަށް ފަންޑެއް ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ ކުންފުނި "ފަސްޓްް ނޭޝަނަލް" އިން އިންވެސްޓްކުރުމަށް ފަންޑެއް ހުޅުވައިފި އެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އެ ފަންޑަށް އެންމެ މަދުވެގެން ވެސް އެއް ލައްކަ ރުފިޔާ އިންވެސްޓްކުރަން ޖެހޭނެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ޕްރޮޕެޝަނަލުންނަށް ހާއްސަކޮށް ހުޅުވާލި އެ ފަންޑަށް އެއް އަހަރު ދުވަސް ވަންދެން އިންވެސްޓް ކުރުމުން 5.5 ޕަސެންޓުގެ ރިޓާނެއް ނުވަތަ ފައިދާއެއް ލިބޭނެ އެވެ. މިއީ ރާއްޖޭގެ ބޭންކެއްގައި ފައިސާ ރައްކާ ކޮށްގެން ލިބޭނެ ފައިދާއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ފަސްޓް ނޭޝަނަލްގެ ކެޕިޓަލް މާކެޓްސް އެންޑް އިންސްޓިޓިއުޝަންސްގެ މެނޭޖަރު އަހުމަދު ނާސިރު ވިދާޅުވީ އެކުންފުނިން ބޭނުން ވަނީ ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ ތަފާތު ހިދުމަތްތަކެއް ތައާރަފް ކުރުމަށް ކަމަށެވެ. އެކުންފުނިން ތައާރަފްކުރާ ހިދުމަތްތަކަކީ އާންމުންނަށް އޭގެ ނަފާ ހޯދޭނެ، އަދި ރައްކާތެރި ޕްރޮޑަކްޓްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެކުންފުނީގެ އިންވެސްޓްމެންޓް ފަންޑުތައް އުފައްދާފައިވަނީ ސީއެމްޑީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ފަސްޓް ނޭޝަނަލްގެ މުވައްޒަފުންތަކެއް: އެ ކުންފުނިން ވަނީ އިންވެސްޓްމެންޓެއް ފަންޑެއް ހުޅުވާލާފައި-- ފޮޓޯ: ފަސްޓް ނޭޝަނަލް

ފަސްޓް ނޭޝަނަލްގެ މުވައްޒަފުންތަކެއް: އެ ކުންފުނިން ވަނީ އިންވެސްޓްމެންޓެއް ފަންޑެއް ހުޅުވާލާފައި-- ފޮޓޯ: ފަސްޓް ނޭޝަނަލް

"ފައިސާ ރައްކާކުރާ ފަރާތްތަކާއި އަދި ފައިސާ ބޭނުންވާ ފަރާތްތަކަށް ވެސް އެކަށީގެންވާ ފަދަ ތަފާތު ހިދުމަތްތައް މިކުންފުނިން މާލީ ބާޒާރަށް ތަޢާރަފް ކުރަމުން ގެންދާނެ. އަދި ފަސްޓް ނޭޝަނަލް އިން ނެރޭ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކަކީ ރައްކާތެރި ޕްރޮޑަކްޓުތަކާއި ހިދުމަތްތަކެއްކަން ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.

އިންވެސްޓްމަންޓު ފަންޑުތަކަކީ ބޭންކުތަކުގައި ފައިސާ ބަހައްޓާ ފަދައިން ފައިސާ ފަހަށް ރައްކާކުރުމަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެކެވެ. އެކަން ކުރެވޭނީ ސީއެމްޑީއޭއިން ހާއްސަ ލައިސެންސެއް ހޯދައިގެންނެވެ. ފަސްޓް ނޭޝަނަލް އަކީ އެ ލައިސަންސާ އެކު ރާއްޖޭގައި އިންވެސްޓްމެންޓް ފަންޑެއް ހުޅުވާލި ފުރަތަމަ ކުންފުންޏެވެ.

ފަސްޓް ނޭޝަނަލްގެ ފަންޑަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފަ އެވެ. އެ ޕްލެޓްފޯމުގައި ރަޖިސްޓާ ވުމުން ފަންޑާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އެނގޭނެ އެވެ. އެގޮތުން އެ ފަންޑު ބޭނުންކޮށްގެން ފަސްޓް ނޭޝަނަލް އިން އިންވެސްޓް ކުރާނެ ދާއިރާތައް ވެސް ފަންޑަށް ސަބްސްކްރައިބު ކުރުމުން އެނގޭނެ އެވެ.

މި ފަންޑަށް އެންމެ ގިނަވެގެން އިންވެސްޓް ކުރެވޭނީ 50 މީހުންނަށެވެ. ފަންޑު ހުޅުވާލެވިފައިވާ އިރު މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް ފަސްޓް ނޭޝަނަލް އިން ބުންޏެވެ. އިންވެސްޓްމެންޓް ފަންޑުގެ އިތުރުން އެ ކުންފުނިން ވަނީ އިންވެސްޓްމަންޓު ފަންޑެއް ތައާރަފުކޮށް، ހާއްސަ ޕްލެޓްފޯމެއް މެދުވެރިކޮށް ކެޕިޓަލް މާކެޓުގެ އިންސްޓްރޫމަންޓް އިންވެސްޓްކުރެވޭނެ މަގު ތަނަވަސްކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އުފެދުނު ފަސްޓް ނޭޝަނަލް ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އާ ހަރުފަތަކަށް ގެންގޮސް ރާއްޖޭގެ އިގްތިސާދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުމެވެ. އެކަމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ފަސްޓް ނޭޝަނަލް އިން މި ވަގުތު ދެނީ މައިގަނޑު ތިން ހިދުމަތެކެވެ. އެއީ ސްޓޮކް އާއި ބޮންޑާއި ސުކޫކް އިޝޫ ކުރުމުގައި ކުންފުނިތަކަށް އެހީވުމާއި ފަންޑް މެނޭޖްކޮށްދިނުމާއި ވެލްތު މެނޭޖް ކުރުމުގެ ހިދުމަތެވެ.