Roadha Mihaaru
ގްރާންޑޭ ބަލިކޮށް ވެލެންސިއާ އަލުން ޓްރެކަށް

ޔާންގެ ލަނޑުން ގްރާންޑޭ ބަލިކޮށް ވެލެންސިއާ އަލުން ޓްރެކަށް

26 ފެބުރުއަރީ 2022

ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) ޖެހި ލަނޑުން، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ން މޮޅުވެ ކްލަބް ވެލެންސިއާ އަލުން މޮޅުވުމުގެ ޓްރެކަށް ވަދެއްޖެ އެވެ.

ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) ޖެހި ލަނޑުން، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ން މޮޅުވެ ކްލަބް ވެލެންސިއާ އަލުން މޮޅުވުމުގެ ޓްރެކަށް ވަދެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެލެންސިއާ ކުޅުނު މެޗުގައި، ކްލަބް ގްރީން ސްޓްރީޓްސް އަތުން ވީ ބައްޔެވެ. އެއީ ނުވަ މެޗަށް ފަހު ވެލެންސިއާ ބަލިވި ފުރަތަމަ މެޗެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ، ރޭ މަރުވި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްގެ މަންމަ އަޒީޒާ އަހްމަދުގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. ނިއު ރޭޑިއަންޓްގެ ބާނީ ކުއީން އަހްމަދު ވަހީދުގެ އަނބިކަނަބލުން ރޭ މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 72 އަހަރުގަ އެވެ. އޭނާ އަކީ މަޝްހޫރު ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ގެ ވެސް މަންމަ އެވެ.

ވެލެންސިއާ އާއި ގްރާންޑޭ މިއަދު ކުޅުނު މެޗުގެ ތެރެއިން: ތިން މެޗު ކުޅެ ވެލެންސިއާ މޮޅުވީ ދެ މެޗުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލެންސިއާ އާއި ގްރާންޑޭ މިއަދު ކުޅުނު މެޗުގެ ތެރެއިން: ތިން މެޗު ކުޅެ ވެލެންސިއާ މޮޅުވީ ދެ މެޗުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ތިން މެޗް ކުޅުނު އިރު، ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާގެ ކިބައިން ފެނުނު ކުޅުމެއް އަދި ނުދެއްކެ އެވެ. އަނިޔާގެ ސަބަބުން އެޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ބާކީ ވެފަ އެވެ. ކެޕްޓަން އަލީ ފާސިރު ީ(ސެންޓޭ) އާއި މުހިންމު ދެ ފޯވާޑުން ކަމަށްވާ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި އިސްމާއީލް އީސާ ވެސް ވަނީ ބާކީ ވެފަ އެވެ. މިޑްފީލްޑަރު އަސްހަދު އަލީ ގެންދަނީ 15 ދުވަހުގެ ޖަލުގެ އަދަބެއް ތަންފީޒު ކުރަމުންނެވެ.

ޔާން ވެލެންސިއާގެ ލަނޑު ޖެހީ ހުސައިން ހަނާން ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ހަނާން ދިން ބޯޅަ ގްރާންޑޭގެ އޭރިއާގެ ބޭރުގައި ހުރެފައި ޔާން ހަމަޖެހިލާފައި ފޮނުވާލީ ސީދާ ގޯލްގެ މެދަށްވާ ގޮތަށެވެ. ބޯޅަ ގޯލަށް ވަނީ ގްރާންޑޭގެ ޑިފެންޑަރުގެ ފައިގައި ޖެހިފަ އެވެ. އެހެންވެ ބޯޅަ ދިޔަ މިސްރާބު ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް އަށް ހުރީ އޮޅިފަ އެވެ.

މެޗުން މޮޅުވެ ވެލެންސިއާ ވަނީ ޖުމުލަ ހަ ޕޮއިންޓް ހޯދައިފަ އެވެ. މިރޭ ލީގުގައި ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ޔުނައިޓެޑް ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗުގައި ގްރާންޑޭ އަތުން މޮޅުވި އެވެ.