Roadha Mihaaru
ސްވިފްޓް ނިޒާމުން ރަޝިއާ އެކަހެރިކޮށްފި

ސްވިފްޓް ނިޒާމުން ރަޝިއާ އެކަހެރިކޮށްފި

27 ފެބުރުއަރީ 2022

ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހަކަމާއެކު ހިންގުމަށް ބޭނުންކުރާ ސްވިފްޓް ނިޒާމުން، ރަޝިއާގެ ބައެއް ބޭންކުތައް މި ވަގުތަށް ބޭރު ކުރުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ އިތުރުން ވިލާތުގެ ގައުމުތަކުން ނިންމައިފި އެވެ.

ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހަކަމާއެކު ހިންގުމަށް ބޭނުންކުރާ ސްވިފްޓް ނިޒާމުން، ރަޝިއާގެ ބައެއް ބޭންކުތައް މި ވަގުތަށް ބޭރު ކުރުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ އިތުރުން ވިލާތުގެ ގައުމުތަކުން ނިންމައިފި އެވެ.

ސްވިފްޓް ނިޒާމުން ރަޝިއާގެ ބޭންކުތައް އެކަހެރި ކުރަން މި ނިންމީ، މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައި، އެ ގައުމާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމާ ގުޅިގެން، ރަޝިއާ އަށް ދަތިކުރުމުގެ ގޮތުންނެވެ.

ސްވިފްޓް (ސޮސައިޓީ ފޯ ވޯލްޑް ވައިޑް އިންޓަ ބޭންކް ފައިނޭންޝަލް ޓެލެކޮމިޔުނިކޭޝަން ސިސްޓަމް) އަކީ ދޭދޭ ގައުމުތަކުގެ މެދުގައި ފައިސާގެ މުއާމަލާތުތައް ހިންގުމަށާއި ބައިނަލްއަގްވާމީ ވިޔަފާރިތަކުގައި އެއް ގައުމުން އަނެއް ގައުމުގެ ބޭންކަށް ފައިސާ ފޮނުވުމުގައި ބޭނުންކުރުމަށް ބެލްޖިއަމްގައި ގާއިމުކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއެކެވެ.

ސްވިފްޓް ނިޒާމުން ރަޝިއާގެ ބައެއް ބޭންކުތައް އެކަހެރި ކުރަން ނިންމި ގައުމުތަކުގެ ތެރޭގައި ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، އިޓަލީ ވިލާތް، އިނގިރޭސި ވިލާތާއި ކެނެޑާގެ އިތުރުން ޔޫރަޕިއަން ކޮމިޝަން ހިމެނެ އެވެ. މި ނިޒާމުން ރަޝިއާގެ ބޭންކުތައް އެކަހެރި ކުރުމުން، ނުވަތަ އެ ނިޒާމު ބޭނުން ނުކުރެވޭ ގޮތް ހެދުމުން، ރަޝިއާގެ ވަރަށް ގިނަ ވިޔަފާރި ކުންފުނިތަކަށް ގެއްލުން ލިބޭނެ އެވެ.

މީގެ އިތުރުން، ރަޝިއާ އަށް ދަތިކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ވިލާތުގެ ގައުމުތަކުގައި ހުރި ރަޝިއާގެ މަރުކަޒީ ބޭންކުގެ ރިޒާވް ފައިސާތައް ހިފެހެއްޓުން ވެސް ހިމެނެ އެވެ. މި ފައިސާތައް ހިފެހެއްޓުމުން، ބައިނަލްއަގްވާމީ ވިޔަފާރީގައި ރަޝިއާގެ މަރުކަޒީ ބޭންކުން ހިންގާ މުއާމަލާތުތަކަށް ހުއްޓުން އަރާނެ އެވެ.

ރަޝިއާ އިން ދުނިޔޭގެ އެކި ގައުމުތަކާ އެކުގައި ކުރަމުން އަންނަ ތެލާއި ގޭހުގެ ވިޔަފާރީގައި ފައިސާގެ މުއާމަލާތުތައް ކުރަނީ މައިގަނޑު ގޮތެއްގައި ސްވިފްޓް ނިޒާމުގެ ތެރެއިންނެވެ. އެ ނިޒާމުން ރަޝިއާގެ ބައެއް ބޭންކުތައް އެކަހެރި ކުރުމާ ގުޅިގެން، ދެން އެ ބޭންކުތަކަށް ވިޔަފާރީގެ މުއާމަލާތުތައް ހިންގޭނީ ޓެލެފޯނާއި ފެކްސް މެޝިންގެ ޒަރީއާއިންނެވެ.

ރަޝިއާގެ އިގްތިސާދުގެ ބޮޑުމިނާއި ވިޔަފާރިތައް ފުޅާވެފައިވާ ވަރަށް ބަލާއިރު، ރަޝިއާ އަށް ދަތިކުރުމަށް މި އެޅި ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާއެއް ފެންނަން ދުވަސްތަކެއް ނަގާނެ ކަމަށް ބައިނަލްއަގްވާމީ އިގްތިސާދީ އަދި މާލީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮންޑާ ވިދާޅުވި ގޮތުގައި ރަޝިއާގެ މަރުކަޒީ ބޭންކްގެ މުދާތައް ހިފެހެއްޓުމުން، ރަޝިއާ އިން މިހާރު ކުޅެން ފަށާފައިވާ ހަނގުރާމައިގައި ކުޅިފަސް އަތުލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.