Roadha Mihaaru
ރަޝިޔާއާ ދެކޮޅަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް

ރަޝިޔާއާ ދެކޮޅަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް

02 މާޗް 2022

ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހަތް ވަނަ ދުވަހަށް ދެމިގެން ދިޔައިރު، އެ ހަނގުރާމަ ހުއްޓައިލުމަށް އެ ގައުމަށް މަޖުބޫރުކުރުމުގެ ގޮތުން، ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަވެ، އިތުރުވާން ފަށައިފި އެވެ.

ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހަތް ވަނަ ދުވަހަށް ދެމިގެން ދިޔައިރު، އެ ހަނގުރާމަ ހުއްޓައިލުމަށް އެ ގައުމަށް މަޖުބޫރުކުރުމުގެ ގޮތުން، ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަވެ، އިތުރުވާން ފަށައިފި އެވެ.

މަތިންދާބޯޓާއި އޭގެ ސްޕެއާޕާޓް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި، ބޮއިން ކުންފުންޏާއި އާގުބޯޓު ދުއްވާ އެންމެ ބޮޑެތި ކުންފުނިތައް ވެސް އިއްޔެ ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ބޮއިން ކުންފުނިން ބުނިގޮތުގައި، ރަޝިޔާގެ އެއާލައިންތަކަށް އެ ކުންފުނިން ދެމުން އައި ބޯޓުފަހަރު މަރާމާތުކުރުމުގެ ހިދުމަތާއި ސްޕެއާޕާޓް ވިއްކުމާއި ފަންނީ އެހީތެރިކަން ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ މަތިންދާ ބޯޓެއް-- ފޮޓޯ: އެއިރޯފްލޮޓް

ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ މަތިންދާ ބޯޓެއް-- ފޮޓޯ: އެއިރޯފްލޮޓް

އެމެރިކާގައި ރަޖިސްޓަރީކޮށް، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިދުމަތް ދެމުން އަންނަ ބޮއިން ކުންފުނިން ބުނީ، ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ކުރިއަށް ގެންދާ މި ދަނޑިވަޅުގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ، ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި އުޅޭ އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. އެ ކަން ކަށަވަރު ކުރުމުގެ ގޮތުން ރަޝިޔާގެ އެއްވެސް އެއާލައިނަކަށް އެ ކުންފުނިން މި ވަގުތު ހިދުމަތް ނުދޭނެ ކަމަށް ބޮއިން ކުންފުނިން ބުންޏެވެ.

އާގުބޯޓު ދުއްވުމާއި ކަނޑުމަގުން މުދާ އުފުލުމުގެ ހިދުމަތް ދޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޑެންމާކްގެ މާއެސްކް އާއި ސްވިޒަލޭންޑްގެ އެމްއެސްސީ އާއި ފަރަންސޭސި ވިލާތުގެ ސީއެމްއޭ ސީޖީއެމް އިން ބުނިގޮތުގައި، ރަޝިޔާގެ މުދާ އުފުލުމަށް ލިބޭ އެއްވެސް އޯޑަރެއް އެ ކުންފުނިތަކުން ގަބޫލެއް ނުކުރާނެ އެވެ. އަދި މުދާ އުފުލުމަށް ރަޝިޔާ އިން މިހާރު ލިބިފައި ހުރި ހުރިހާ އޯޑަރުތަކެއް ވެސް ކެންސަލް ކުރާނެ އެވެ.

މާއެސްކް ކުންފުނިން ބުނީ، ރަޝިޔާ އިން އެހެން ގައުމުތަކަށް، އަދި އެހެން ގައުމުތަކުން ރަޝިޔާ އަށް މުދާ އުފުލުން މި ވަގުތަށް އެ ކުންފުނިން ވަނީ މެދުކަނޑާލައިފައި ކަމަށެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭހާއި އިންސާނީ އެހީތެރިކަމުގެ ސާމާނު އުފުލުމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

އާގުބޯޓު ދުއްވުމާއި ކަނޑުމަގުން މުދާ އުފުލުމުގެ ހިދުމަތް ދޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފަރަންސޭސި ވިލާތުގެ ސީއެމްއޭ ސީޖީއެމްގެ ބޯޓެއް ކޮންޓޭނަރުތަކެއް ހިފައިގެން ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ

އާގުބޯޓު ދުއްވުމާއި ކަނޑުމަގުން މުދާ އުފުލުމުގެ ހިދުމަތް ދޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފަރަންސޭސި ވިލާތުގެ ސީއެމްއޭ ސީޖީއެމްގެ ބޯޓެއް ކޮންޓޭނަރުތަކެއް ހިފައިގެން ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ

އެމްއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ، އެހެން ގައުމުތަކާއި ރަޝިޔާއާ ދެމެދު މުދާ އުފުލުމަށް ލިބޭ އޯޑަރުތައް ވަރަށް ރަނގަޅަށް ބަލައި ފާސްކުރުމަށް ފަހު، އެ ކުންފުނިން ގަބޫލުކުރާނީ ޒަރޫރީ ގޮތުން ކޮންމެހެން އުފުލަންޖެހޭ މުދާ ކަމަށެވެ. އެ ނޫން އެއްވެސް ބާވަތެއްގެ މުދަލެއް މި ވަގުތު ރަޝިޔާ އަށް އަދި ރަޝިޔާ އިން ބޭރަށް ވެސް، އެ ކުންފުނީގެ ބޯޓުފަހަރުގައި އުފުލައިދިނުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

ސީއެމްއޭ ސީޖީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ބޯޓުތަކުގައި ރަޝިޔާ އާއި އެހެން ގައުމުތަކާ ދެމެދު މުދާ އުފުލުމުގެ ހިދުމަތް މެދުކަނޑައިލީ، އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ރަޝިޔާ އަށް ދަތިކުރުމަށް މިހާތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތުތަކުގައި އެއް ގައުމުން އަނެއް ގައުމަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމަށް ބޭނުންކުރަމުން އަންނަ ސްވިފްޓް ނިޒާމުން ރަޝިޔާގެ ބައެއް ބޭންކުތައް އެކަހެރި ކުރުމެވެ.

އޭގެ ފަހުން ވިލާތުގެ ގައުމުތަކުން ވަނީ ރަޝިޔާގެ މަތިންދާބޯޓުތައް ވިލާތުގެ އިއްތިހާދުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފަ އެވެ. އެމެރިކާ އިން ވެސް އިއްޔެ ވަނީ އެ ފިޔަވަޅު އަޅައިފަ އެވެ.

އޭގެ އިތުރުން ތުރުކީ ވިލާތުން މިހާރު ވަނީ އެ ގައުމުގެ އިމުގެ ތެރޭގައި އޮންނަ ބޮސްފަރޮސް ކަނޑުއޮޅި އާއި ދަރްދުނީލް ކަނޑުއޮޅި ހުރަސްކޮށް މަނަވަރުތައް ދަތުރުކުރުން މަނާކޮށްފަ އެވެ. ތުރުކީގެ މި ނިންމުމުގެ ސަބަބުން، މެޑިޓްރޭނިއަން ކަނޑުގައި އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތައް، ޔޫކްރޭންގެ ދެކުނުން އޮންނަ ކަޅު ކަނޑުގެ ތެރެއަށް ވަނުން ހުއްޓުމަކަށް އަންނާނެ އެވެ.