Roadha Mihaaru
ސިޔާސަތު ބަދަލުކޮށް ޖަރުމަނުގެ ހަތިޔާރު ޔޫކްރޭނަށް

ސިޔާސަތު ބަދަލުކޮށް ޖަރުމަނުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަނީ

27 ފެބުރުއަރީ 2022

ހަނގުރާމަވެރި ސަރަހައްދުތަކަށް ނުރައްކާތެރި ހަތިޔާރު ނުފޮނުވުމަށް، ޒަމާނުއްސުރެ ޖަރުމަން ވިލާތުން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް، ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޮނުވަން ޖަރުމަން ވިލާތުން ނިންމައިފި އެވެ.

ހަނގުރާމަވެރި ސަރަހައްދުތަކަށް ނުރައްކާތެރި ހަތިޔާރު ނުފޮނުވުމަށް، ޒަމާނުއްސުރެ ޖަރުމަން ވިލާތުން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް، ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޮނުވަން ޖަރުމަން ވިލާތުން ނިންމައިފި އެވެ.

ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލަފް ސްކޯލްޒް، އެ ގައުމުގެ ސިޔާސަތު ބަދަލު ކުރައްވައި، ޔޫކްރޭނަށް 400 ރޮކެޓް ޕަރޮޕެލްޑް ގްރެނޭޑް (އާރްޕީޖީ) ފޮނުވުމަށް ނިންމެވީ އިއްޔެ އެވެ. މި ހަތިޔާރުތައް ޖަރުމަން ވިލާތުން ޔޫކްރޭނަށް ފޮނުވާނީ ނެދަލޭންޑްސްގެ އެހީތެރިކަމާ އެކުގަ އެވެ.

ވިލާތުގެ އެހެން ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ދާއިރު، ޖަރުމަން ވިލާތުން ހަތިޔާރު ނުފޮނުވާ މައްސަލައިގައި، ވިލާތުގެ ގައުމުތަކުން ދަނީ އެ ގައުމަށް ފާޑު ކިޔަމުންނެވެ. ޖަރުމަން ވިލާތުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރު ޔޫކްރޭނަށް ގެންދާނީ، ނެދަލޭންޑުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތަކާ އެކުގަ އެވެ.

ނެދަލޭންޑް ސަރުކާރުން އިއްޔެ ބުނި ގޮތުގައި ޓޭންކަށް ހަމަލާ ދިނުމަށް ބޭނުންކުރާ 50 މިސައިލާއި 400 ރޮކެޓް ވަރަށް އަވަހަށް ޔޫކްރޭނަށް ފޮނުވާނެ އެވެ. ސްލޮވާކިއާގައި މިހާރު އޮތް ނޭޓޯގެ ފައުޖުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ނިޒާމު ފޮނުވުމަށް ވެސް ޖަރުމަނާ ގުޅިގެން ނެދަލޭންޑުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިއާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެ، ނޭޓޯގެ ގައުމުތަކަށް ނުރައްކާވެދާނެ ކަމަށް ބަލައި، ނޭޓޯގެ ގައުމުތަކުން އަންނަނީ ދިފާއީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ޔޫކްރޭނާ ގާތުގައި އޮތް ނޭޓޯގެ ގައުމުތަކަށް އިތުރު ސިފައިންނާއި ބަރު ހަތިޔާރުގެ އިތުރުން، މިސައިލުން ދިފާއުވާ ނިޒާމުތައް ވެސް މިހާރު އަންނަނީ ޖަމާކުރަމުންނެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން މަނަވަރުތައް ވެސް މިހާރު ވަނީ އުތުރު އެޓްލާންޓިކް ސަރަހައްދަށާއި ބޯލްޓިކް ކަނޑަށް ފޮނުވަން ފަށައިފަ އެވެ.

އެމެރިކާ އާއި ހުޅަނގާ އެކު ގާތް ގުޅުމެއް އޮންނަ ޔޫކްރޭނަށް ރަޝިއާގެ ސިފައިން އަރައި ވައިގެ މަގުންނާއި އެއްގަމާއި ކަނޑުމަގުން ހަމަލާތައް ދެމުން ދިޔަސް، ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަންނަން އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބޭނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ޔޫކްރޭންގެ ސިފައިންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީގެން ރަޝިއާގެ ސިފައިން ބަލިކުރުމަށެވެ.