Roadha Mihaaru
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް

ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް

12 ސެޕްޓެމްބަރ 2023

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިއަދު ރޭލުގައި ރަޝިޔާ އަށް ވަޑައިގެންފި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިއަދު ރޭލުގައި ރަޝިޔާ އަށް ވަޑައިގެންފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް އިން ރަޝިޔާގެ ޚާސާން އަށް ރައީސް ކިމް ވަޑައިގަތީ، ރައީސް ކިމް އަށް ޚާއްސަ އަސްކަރީ ރޭލުގައި 15 ގަޑިއިރުގެ ދަތުރަކަށް ފަހު އެވެ. ޚާސާންއަކީ އުތުރު ކޮރެއާ އާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ރަށްފުށު ސަހަރެކެވެ.

ޚާސާންގައި ރައީސް ކިމް އަށް މަރުހަބާ ދެންނެވުމުގެ ކުޑަ ރަސްމިއްޔާތެއް ބޭއްވި އެވެ. ރައީސް ޕުޓިންއާ ބައްދަލުކުރެއްވުމަށް، ރަޝިޔާގެ ރޭލެއްގައި ފަސް ގަޑިއިރުގެ ދަތުރަކަށް ފަހު ދެން ވަޑައިގަންނަވާނީ، ރަޝިޔާގެ އިރު ދެކުނުގައި އޮންނަ ބަނދަރު ސަހަރެއް ކަމަށްވާ ވިލަޑިވޮސްޓޮކް އަށެވެ. ރައީސް ޕުޓިން މިހާރު ހުންނެވީ އެ ސަހަރުގަ އެވެ.

ރަޝިޔާ އަށް މި ކުރައްވާ ދަތުރުގައި ރައީސް ކިމްގެ އަރިހުގައި އުތުރު ކޮރެއާގެ އަސްކަރީ އިސް ޖެނެރަލުންތަކަކާއި އަސްކަރީ ސިނާއަތްތެރިކަމުގެ ތަޖުރިބާކާރުންގެ ޓީމެއް ބައިވެރިވެ އެވެ. ރައީސް ކިމް ރަޝިޔާ އަށް މި ވަޑައިގަތީ، އުތުރު ކޮރެއާގެ ހަތިޔާރު ގަތުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.

އުތުރު ކޮރެއާގައި އުފައްދާފައިވާ ހަތިޔާރު ގަތުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުން ދަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރޭނާ ދެކޮޅަށް ބޭނުންކުރުމަށެވެ. އެހެންކަމުން، ރަޝިޔާ އަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ވިއްކައިފި ނަމަ، އުތުރު ކޮރެއާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެމެރިކާ އިން ވަނީ އިންޒާރުކޮށްފަ އެވެ.

މި އިންޒާރުތަކަށް ބެއްލެވުމެއް ނެތި ރައީސް ކިމް މިއަދު ރަޝިޔާ އަށް ވަޑައިގެން ރައީސް ޕުޓިންއާ އެކުގައި އެކަހެރި ބައްދަލުވުމެއް ބާއްވައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ. ހުޅަނގުގެ މީޑިއާތައް ބުނާ ގޮތުގައި ދެ ރައީސުން ބާއްވާ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނާނެ ކަމަށް ބެލެވެނީ އުތުރު ކޮރެއާގައި އުފައްދާފައި ހުރި ޒަމާނީ ހަތިޔާރު ރަޝިޔާ އަށް ގަތުމުގެ ކަންތައް ހަމަޖެއްސުމެވެ.

އުތުރު ކޮރެއާގެ ހަތިޔާރު ގަތުމާ ބެހޭ ގޮތުން ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ސިއްރު މަޝްވަރާތަކެއް ކުރަމުން އަންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. ސިއްރު މައުލޫމާތުތަކަށް ބުރަވެ އެމެރިކާ އިން މިދިޔަ ހަފުތާގައި ބުނެފައިވަނީ، ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ދައްކަމުން އައި ހަތިޔާރުގެ ވިޔަފާރިއާ ބެހޭ ވާހަކަތައް ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ.

ރައީސް ކިމްގެ މި ދަތުރުގެ މާ ގިނަ މައުލޫމާތުތަކެއް ރަޝިޔާ އާއި އުތުރު ކޮރެއާ އިން ވެސް މިހާތަނަށް އާންމެއް ނުކުރެ އެވެ. ނަމަވެސް ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މިއަދު ވިދާޅުވި ގޮތުގައި ރައީސް ކިމްގެ މި ދަތުރުގައި ރަސްމީ ދެ ބައްދަލުކުރެއްވުމަކާއި ރަސްމީ ޖާފަތެއް އޮންނާނެ އެވެ.

ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވާނީ ދެ ގައުމުގެ ރަސްމީ ވަފުދުގެ ބޭފުޅުންނެވެ. އަދި އޭގެ ފަހުން ދެ ރައީސުންގެ އެކަހެރި ބައްދަލުވުމެއް އޮންނާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.