Roadha Mihaaru
ވަޔެކާނޯ އަތުން ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެންޒެމާ

ވަޔެކާނޯ އަތުން ފަހު ވަގުތު ރެއާލް މޮޅުކޮށްދިނީ ބެންޒެމާ

27 ފެބުރުއަރީ 2022

މެޑްރިޑް (ފެބްރުއަރީ 27) - ސްޕެނިޝް ލަ ލީގާގައި ރަޔޯ ވަޔެކާނޯ އިން އަމިއްލަ ދަނޑުގައި ރޭ ރެއާލް މެޑްރިޑާ ދެކޮޅާށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ކަރީމް ބެންޒެމާ ޖެހި ލަނޑުން 1-0 އިން ރެއާލް މެޑްރިޑް މޮޅު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ފެބްރުއަރީ 27) - ސްޕެނިޝް ލަ ލީގާގައި ރަޔޯ ވަޔެކާނޯ އިން އަމިއްލަ ދަނޑުގައި ރޭ ރެއާލް މެޑްރިޑާ ދެކޮޅާށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ކަރީމް ބެންޒެމާ ޖެހި ލަނޑުން 1-0 އިން ރެއާލް މެޑްރިޑް މޮޅު ވެއްޖެ އެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ވިނިޝަސް ޖޫނިއާގެ އެހީތެރިކަމާއެކު ބެންޒެމާ ލަނޑު ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނިޓުގަ އެވެ. މި ނަތީޖާއާއެކު، ރެއާލް ވަނީ 26 މެޗުން 60 ޕޮއިންޓް ހަމަކޮށް އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެވަނައިގައި އޮތް ސެވިއްޔާ އަށް މިހާތަނަށް ކުޅުނު 25 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ.

ފުރަތަމަ ހާފުގައި މިޑްފީލްޑަރު ކަސެމީރޯ ރެއާލް އަށް ލަނޑެއް ޖަހައިދިން ނަމަވެސް ވީއޭއާރުން ނިންމީ އޭނާ އޮފްސައިޑް ވި ކަމަށެވެ. ވަޔެކާނޯ ވަނީ މެޗުގައި ގޯލެއް ޖަހަން ރެއާލް މެޑްރިޑަށް ވުރެ ގިނަ ހަމަލާ ފޮނުވާލައިފަ އެވެ. އެ ޓީމުގެ ފޯވާޑް ސާޖީ ގާޑިއޯލާ އެކަނި ވެސް އަށް ހަމަލާ ފޮނުވައިލި އިރު، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ވަޔެކާނޯގެ އޮސްކާ ޓްރޭހޯ އާއި އަލްވަރޯ ގާސިއާ ގާތްގާތުގައި ފޮނުވާލި ދެ ހަމަލައެއް ދިފާއު ކޮށްފަ އެވެ.

ވަޔެކާނޯގެ ގޯލު ބެލެހެއްޓި ލޫކާ ޒިދާން.-- ފޮޓޯ: އޭއެފްޕީ

ވަޔެކާނޯގެ ގޯލު ބެލެހެއްޓި ލޫކާ ޒިދާން.-- ފޮޓޯ: އޭއެފްޕީ

ވަޔެކާނޯގެ ގޯލު ބެލެހެއްޓީ ރެއާލް މެޑްރިޑްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު ލޫކާ ޒިދާނެވެ. ކުރިން ރެއާލަށް ވެސް ކުޅުނު ލޫކާ ވަނީ ވަޔެކާނޯގެ ގޯލުގައި އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ރޭ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މާކޯ އަސެންސިއޯ ފޮނުވައިލި ނުރައްކާތެރި ތިން ހަމަލައެއް ވެސް ލޫކާ ދިފާއުކުރި އެވެ.

ވަޔެކާނޯ ވަނީ މި އަހަރު ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް، ބާކީ ހަ މެޗުން ވެސް ބަލިވެފަ އެވެ. މިއާއެކު އެ ޓީމު ވަނީ ޓޭބަލްގެ 12 ވަނައަށް ވެއްޓިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، ޓޭބަލްގެ ހަތަރުވަނަ އަށް ޖެހިލައިފަ އެވެ. އެތުލެޓިކޯގެ ދެ ލަނޑު ވެސް ޖަހައިދިނީ ބްރެޒިލްގެ ފުލްބެކް ރެނާން ލޯޑީ އެވެ.

އެތުލެޓިކޯ ހަތަރުވަނައިގައި އޮތީ ކުޅުނު 26 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް ބާސެލޯނާ ވަނީ އެތުލެޓިކޯ އަށް ވުރެ ދެ މެޗު މަދުން ކުޅެގެން 42 ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. އަދި ލީގު ދެވަނައިގައި އޮތް ސެވިއްޔާ މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި، ތިންވަނައިގައި އޮތް ރެއާލް ބެޓިސްއާ ދެކޮޅަށެވެ.