Roadha Mihaaru
ދޫނިތަކެއް ހިފައިގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ގެންގުޅުނު މީހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާކޮށްފި

19 ޑިސެމްބަރ 2016

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން ގެންގުޅުނު ބ. ދޮންފަނު މީހަކު 111،500 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން ގެންގުޅުނު ބ. ދޮންފަނު މީހަކު 111،500 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

މިއީ ދޫނިތަކެއް ހިފައިގެން، އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މީހަކު ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް މިއަދު ވިދާޅުވީ ދޫނި ހިފާ މީހުންނާ ދެކޮޅަށް ތަކުރާރުކޮށް ގިނަ އިންޒާރުތަކެއް ދިން ނަމަވެސް އެކަން ހުއްޓައިނުލާ ކަމަށެވެ. އަދި ބޮޑު އަދަދަކުން ޖޫރިމަނާ މި ކުރީ ދޫނި ހިފުން އާދަޔާ ހިލާފަށް ގިނަ ވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަން މީގެ ސަބަބުން، ދޫނި ހިފުން ހުއްޓުވޭނެ ކަމަށް،" ނައީމް ވިދާޅުވި އެވެ.

ދޮންފަނު މީހާ ހިފައިގެން ގެންގުޅުނު ދޫނިތަކުގެ ތެރޭގައި ރަތަފަ، ކިރު އިލޮޅި، ދުށިމެ، އަލަކަ، ބަކަމޫނު އަދި ސުރުމުތިި ހިމެނެ އެވެ. މިތަކެތި އެ މީހާ ގެންގުޅުނީ އޭނާގެ ގޭގައި ބަންދުކޮށްގެންނެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެ ދޫނިތައް މިހާރު ވަނީ އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ނައީމް ވިދާޅުވީ ދޫނި މޫސުމުގައި އާއްމުކޮށް ރަށްރަށުގައި ދޫނި ހިފާ ކަމަށާއި އެކަމަކު އެއީ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަން، ސާކިއުލާ ފަދަ ތަކެތީގެ ޒަރީއާއިން މީހުންނަށް އަންގާ ކަަމަށެވެ.

މި އަހަރުގެ ތެރޭގައި އީޕީއޭއިން ވަނީ ލ. މާވަށުގައި ވެލާ ހިފި ތިން މީހަކު ޖޫރިމަނާ ކޮށްފަ އެވެ. އެއިން ކޮންމެ މީހަކު ޖޫރިމަނާކުރީ 12،000 ރުފިޔާ އިންނެވެ.