Roadha Mihaaru
ޝައިނީގެ ކުންފުންޏަކުން މާލެ އިން ފްލެޓެއް ގަނެފި

ޝައިނީގެ ކުންފުންޏަކުން މާލެ އިން އެޕާޓްމެންޓެއް ގަނެފި

01 މާޗް 2022

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ބޮޑު މަސްލަހަތެއް އޮތް ކުންފުންޏަކުން މާލެއިން އަގުބޮޑު ފްލެޓެއް ކުޑަ އަގެއްގައި ގަނެފި އެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ބޮޑު މަސްލަހަތެއް އޮތް ކުންފުންޏަކުން މާލެއިން އަގުބޮޑު ފްލެޓެއް ކުޑަ އަގެއްގައި ގަނެފި އެވެ.

ޝައިނީ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާ ފޯއެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 1.9 މިލިއަން ރުފިޔާ އަށް ފްލެޓެއް ގަނެފައި ވަނީ މއ. ދޭލިޔާގެ އަބްދުﷲ ފާއިޒްގެ ނަމުގައި މ. މަނާގޭގައި ހުރި އެޕާޓްމެންޓެކެވެ. ސަތާރަ ސަތޭކަ އަކަފޫޓުގެ އެ އެޕާޓްމެންޓް ހުންނަ އިމާރާތުގައި ޕޫލެއް ވެސް ހިމެނެ އެވެ.

މާލޭގެ ބިމުގެ އަގާއި އެޕާޓްމެންޓްގެ އަގުތަކަށް ބަލާއިރު، 1700 އަކަފޫޓުގެ ތަނެއްގައި އިމާރާތް ކުރާ އެޕާޓްމެންޓެއްގެ އެވްރެޖް އަގު އުޅެނީ މަދުވެގެން އަށެއްކަ މިލިއަން ރުފިޔާ އަށެވެ.

އެ މުއާމަލާތަކީ، ސައްހަ މުއާމަލާތެއް ކަމަށް ނިންމައި، އެ ފްލެޓުގެ މިލްކުވެރި ފަރާތަކީ ފޯއެކްސް ކުންފުނި ކަމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

ފޯއެކްސް ކުންފުނީގައި ޝައިނީގެ އިތުރުން ހިއްސާދާރުންގެ ގޮތުގައި ދެން ތިއްބަވަނީ އޭނާގެ ދެ ބޭފުޅުންނާއި އަނބިކަނބަލުންނެވެ.

އެހާ ކުޑަ އަގެއްގައި ފްލެޓެއް ލިބިވަޑައިގަތީ ކިހިނެއްތޯ ދެންނެވުމުން، ޝައިނީ މިއަދު "މިހާރު" އަށް ވިދާޅުވީ އެ ފްލެޓަކީ އޭނާ މީގެ ހަތް އަހަރު ކުރިން ބައްލަވައިގަތް ފްލެޓެއް ކަމަށާއި އެއީ އެއްފަހަރާ ފައިސާ ދެއްކި ތަނެއް ނޫން ކަމަށެވެ.

"[ފައިސާ] ދައްކަމުން ދައްކަމުން އައީ ކޮންމެ މަހަކު ވެސް. އެގޮތަށް ދައްކަމުން އައިސް އެތަނުގެ އަގު ހަމަވީމަ ރަޖިސްޓްރީ އަދިކިރިޔާ މި ބަދަލުކުރެވުނީ،" އޭނާ ވިދާޅުވި އެވެ.