Roadha Mihaaru
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކޮށްފި

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާއާ ހަވާލުކޮށްފި

01 މާޗް 2022

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.

ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ވިލާއާ މި ހަވާލުކުރީ، ކޯޓުން އެ ގޮތަށް ނިންމާފައިވާތީ އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ކުރިން ވިދާޅުވީ، އެހެން އެއާޕޯޓޫތަކުގެ އެއްބަަސްވުންތަކާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓުވެސް އެ އެ ކުންފުންފުންޏާ ހަވާލު ކުރާއިރު ވަކި ރަށެއް ދޭން އެދިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ރަށެއް ދިން ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ވިލާއެއާއިން ބުނީ މި މަސް ނިމުމުގެ ކުރިން އެ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހިންގަން ފަށާތާ ހަތް އަހަރުތެރޭގައި އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލުމުން، މިއަދާ ހަމައަށް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. އެ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ އަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލި އެވެ. ނަމަވެސް އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ހުކުމް ކުރުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.

އެއާޕޯޓުގެ ކަންކަން ބައްލަވާލެއްވުމަށް މިއަދު ގާސިމް ކާޑެއްދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.