Roadha Mihaaru
100 މިލިއަން ޑޮލަރު ހޯދަން ވިލާއިން ކޯޓަށް ދަނީ

އެއާޕޯޓް އަތުލި މައްސަލާގައި 100 މިލިއަން ޑޮލަރު ހޯދަން ވިލާއިން ކޯޓަށް ދަނީ

25 ޖެނުއަރީ 2018

ވިލާ ކުންފުންޏަށް ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލި މައްސަލާގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދަން ކޯޓަށް ދާން ތައްޔާރު ވަމުން އަންނަ ކަމަށް ވިލާއިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލާ ކުންފުންޏަށް ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލި މައްސަލާގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދަން ކޯޓަށް ދާން ތައްޔާރު ވަމުން އަންނަ ކަމަށް ވިލާއިން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ފަހު، އެތަން މިދިޔަ އަހަރު ސަރުކާރުން ވަނީ އަތުލައިފަ އެވެ. އެ މައްސަލާގައި ބަދަލު ހޯދަން ކޯޓަށް ދާނެ ކަން ވިލާއިން ހާމަކުރީ އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ވިލާގެ ބަޔާނުގައިވާ ގޮތުން، އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ގަވާއިދާ އެއްގޮތަށް ހިންގަމުން އަންނަނިކޮށް، މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން އެތަން އަތުލީ އެއްބަސްވުމާ ޚިލާފަށެވެ. އަދި އެއާޕޯޓް ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުން ދޭން އެއްބަސްވި ރަށް ވެސް ސަރުކާރުން ނުދޭ ކަމަށާއި އެއީ އެކަމުގެ ބަދަލު ވިލާއަށް ލިބެންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ. ގެއްލުމުގެ ބަދަލު ހިސާބު ކުރަނީ އެ އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 50 އަހަރަށް ކަމަށް ވެސް ވިލާއިން ބުނެ އެވެ.

"އަޅުގަނޑުމެން ލަފާ ކުރާ ގޮތުން 50 އަހަރު ދުވަހަށް ބަލާއިރު އެއީ މަދުވެގެން 100 ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. ވިލާ އެއާއިން މި ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީއަތަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ،" ވިލާގެ ބަޔާނުގައިވެ އެވެ.

ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލަ ސިވިލް ކޯޓުގައި މިހާރު ދަނީ ހިންގަމުންނެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ، އެތަން އަތުލުން މަޑުޖައްސާލަން ސިިވިލް ކޯޓުން ދައުލަތުގެ މައްޗަށް މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނެވެ. އެކަމަކު އެ އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އަމުރު ބާތިލްކޮށްފަ އެވެ.

ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލާގައި ބޮޑު ބަދަލެއް ހޯދަން ދައުލަތާ ދެކޮޅަށް ކޯޓަށް ދާނެ ކަން ވިލާއިން މިއަދު ހާމަ ކުރިއިރު ސަރުކާރުން ވަނީ ވިލާގެ އެކި ކުންފުނިތައް އަތުން 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޯދަން ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މީގެ އިތުރުން ވިލާގެ ބައެއް ކުންފުނިތަކުގެ ރިސޯޓްތަކަށް ގަވާއިދާ ޚިލާފަށް ބަނގުރާ ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން ވަނީ ވިލާގެ ފަސް ރިސޯޓަކަށް އަރައި، އޭގެ ތެރެއިން އެއް ރިސޯޓުގައި ހުރި ރާތައް ހިފަހައްޓައިފަ އެވެ. ސަރުކާރުން ބުނެފައިވަނީ އެތަންތަން ފާސްކޮށް، ބައެއް ތަކެތި ހިފެހެއްޓީ ޓެކްސް ނުދައްކާތީ އެ ކުންފުނިތަކަށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުން ހުއްޓާލާފައި ވަނިކޮށް ގަވާއިދާ ޚިލާފަށް އެ ރިސޯޓްތަކަށް ރާ ގެންދިޔަކަމުގެ ތުހުމަތުގަ އެވެ.