Roadha Mihaaru
އިންޑިއާގެ އެހީގައި އޮލިމްޕަސް މަރާމާތުކުރަނީ

އިންޑިއާގެ އެހީގައި އޮލިމްޕަސް މަރާމާތުކުރަނީ

01 މާޗް 2022

އިންޑިއާ ސަރުކާރުގެ އެހީގައި އޮލިމްޕަސް ސިނަމާ މަރާމާތުކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ ސަރުކާރުގެ އެހީގައި އޮލިމްޕަސް ސިނަމާ މަރާމާތުކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށަން ނިންމައިފި އެވެ.

އޮލިމްޕަސް ބަލަހައްޓާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު ބުނީ އެ ސިނަމާ އަޕްގްރޭޑްކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާން ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމުގެ ދަށުން ކަމަށް އެންސީއޭ އިން ބުންޏެވެ.

ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް:

- އޮލިމްޕަސްގައި ފިލްމު ދެއްކުމަށް ޕްރޮޖެކްޓަރެއް ހޯދުން.

- ސާވާއެއް އިންސްޓޯލްކުރުން.

- އޮލިމްޕަސް ހޯލުގެ ޑޮލްބީ އެޓަމްސް ސަރައުންޑް ސައުންޑް ސިސްޓަމެއް އިންސްޓޯލްކުރުން.

- ރޫމް ކަރެކްޝަން ހެދުން.

- އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލާއި ފާރާއި ސީލިންގްގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް ހޯދުން.

އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލާއި ފާރާއި ސީލިންގުގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް ހޯދުން ފިޔަވާ އެހެން ތަކެތި ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ ނުވައެއް ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ އިރު، ބާކީ ހުރި އެހެން މަސައްކަތްތައް ކުރުމަށް ހުށަހަޅަން ޖެހެނީ މި މަހު 10 ގެ ކުރިންނެވެ.

ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދުކުރި ގޮތަށް އެ ތަން އަލުން ނުހުޅުވަ އެވެ. ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވަ ލަސްވާތީ، ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ވަރަށް ބޮޑެވެ. އެންސީއޭ އިން ބުނެފައި ވަނީ އޮލިމްޕަސް ހުޅުވުން ލަސްވަނީ ޒަމާނީ ފެންވަރަށް އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ވެސް އެ ސިނަމާ މަރާމާތުކުރި އެވެ.

އިންޑިއާ ސަރުކާރާ އެކު، މިދިޔަ އަހަރު އޮކްޓޯބަރު 21 ގައި ހެދި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެއްޓާއި ތަރިކާ އާއި ސަގާފަތާއި އަންހެނުން ބާރުވެރިކުރުމާއި އަދި ކުޑަކުދިންގެ ހުނަރު ތަރައްގީކުރުން ފަދަ ކަންކަމަށް މާލީ އެހީތެރިކަން ދޭ ގޮތަށް ވި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ވަނީ 36.6 މިލިއަން ރުފިޔާ ދީފަ އެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ދެ ރަށަކަށް ސީ އެބްމިއުލާސް ހޯދައިދިނުމާއި ތިން ރަށެއްގެ ސްކޫލުތަކުގައި އިންކުލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހެދުމާއި ލ. މާބައިދޫގައި އައިސް ޕްލާންޓެއް ހެދުމާއި ނ. މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް އިމާރާތެއް ހެދުމާއި އދ. ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ހެދުން އަދި ދެ ރަށެއްގައި މަގު ބައްތި ހަރުކުރުމަށް ނިންމާފައިވެ އެވެ.