Roadha Mihaaru
އެންމެ މޮޅު ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު"

މި ފަހަރު އެންމެ މޮޅު ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު"

01 އޯގަސްޓް 2017

މެދުކެނޑުމަކަށް ފަހު 2015 ވަނަ އަހަރު އަލުން ފެށި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ މި އަހަރުގެ އެންމެ މޮޅު ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު" ހޮވިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެދުކެނޑުމަކަށް ފަހު 2015 ވަނަ އަހަރު އަލުން ފެށި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ މި އަހަރުގެ އެންމެ މޮޅު ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު" ހޮވިއްޖެ އެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް ގުޅިގެން ރޯދަ މަހު ގެނެސްދޭ ޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރަން އޮލިމްޕަހުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި "ކަޅާއި ހުދު" އިން އެ ޑްރާމާގެ ޑައިރެކްޓަރު ހުސައިން ނޫރައްދީން (ނޫރް) ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އުފުލާލައިފަ އެވެ.

ނޫރަކީ ފިލްމީ ދާއިރާގައި އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަޝްހޫރު ފަންނާނެކެވެ. އޭނާ މިހާތަނަށް ޕްރޮޑިއުސްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ގައުމީ ގިނަ އަދަދެއްގެ އެވޯޑް ހޯދި ލޫދިފާ (2011) އަދި ލަވް ސްޓޯރީ (2013) ފާހަގަކޮށްލެވެ އެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާ ނޫރު ހަވާލު ވަނީ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާ ނޫރު ހަވާލު ވަނީ.

ގިނަ ކެޓަގަރީތަކުން ނޮމިނޭޓްވެ "ކަޅާއި ހުދު" ވަނީ އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ސިނެމެޓޯގްރަފީ، އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑް ވެސް ހޯދައިފަ އެވެ.

އިޖުތިމާއީ ގިނަ މައްސަލަތަކެއް ގެނެސްދިން ސްޓެލްކޯގެ ޑްރާމާ މި ފަހަރު އެންމެ މޮޅު ޑްރާމާގެ އެވޯޑް ގެންދިޔައިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ޝަރަފު އެ އޮފީހަށް އެންމެ ފަހުން ލިބިފައި ވަނީ މީގެ 17 އަހަރު ކުރިންކަމެވެ. އެއީ އެއިޑްސްގެ ޝިކާރަކަށްވާ ޒުވާނެއްގެ ހިތްދަތި ވާހަކަ ކިޔައިދޭ އަސަރު ގަދަ "ހުޅުކޮޅު" ޑްރާމާ އިންނެވެ.

އެ ޑްރާމާއަކީ އޮފީސް ޓެލެޑްރާމާ މުބާރާތުގެ ތާރީހަށް ބަލާ އިރު، ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން ވެސް ލިބުނު އަދި މިހާރު ވެސް އެ ޑްރާމާއެއްގެ ހަނދާން ހުންނަ ވަރަށް ފުރިހަމަ ޑްރާމާއެކެވެ.

"ކަޅާއި ހުދު" ގެ ޓީޒާއެއް.

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގެ އިތުރު ވަނަތަކަށް ބަލާ އިރު އެންމެ އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވުނީ ހައުސިން މިނިސްޓްރީގެ ޑްރާމާ "ބަނދަރު" އިން އަބްދުﷲ ހަލީލެވެ. އެންމެ މޮޅު ބަތަލާއަކީ ފެނަކަ ކޯޕަރޭޝަންގެ ޑްރާމާ "ހައްގަށް އެދި" ގެ ބަތަލ އާމިނަތު ޖުލީސާ އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރަކީ ހައުސިން މިނިސްޓްރީގެ "ބަނދަރު" ޑްރާމާގެ އިމްރާން މުހައްމަދެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑްރާމާ "ތައުބާވޭ" އިން ފާތިމަތު ނާޒްލީ އެވެ.

އެންމެ މޮޅު ލަވައަކަށް ހޮވުނީ އެމްޑަބްލިއުއެސްސީގެ ޑްރާމާގެ ތީމް ލަވަ "ދަތުރެއްގައި" އެވެ.

އެންމެ މޮޅު މިއުޒިކަކަށް ހޮވުނީ ހައުސިން މިނިސްޓްރީގެ "ބަނދަރު" ޑްރާމާގެ މިއުޒިކެވެ. އެ ޑްރާމާގެ މިއުޒިކް ހެދީ މަޝްހޫރު މިއުޒިޝަން އިބްރާހިމް ނިފާރު (ތިއްތި) އެވެ.

މި އަހަރު ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ މަގުބޫލް ޑްރާމާއަކަށް ހޮވުނީ އެމްއޭސީއެލްގެ "ތައުބާވޭ" އެވެ.

އޮފީސް ޓެލެޑްއްރާމާ މުބާރާތް 2017 ގެ ނަތީޖާ ފާޅު ކުރުމުގެ ހަފުލާގެ ތެރެއިން.

އޮފީސް ޓެލެޑްއްރާމާ މުބާރާތް 2017 ގެ ނަތީޖާ ފާޅު ކުރުމުގެ ހަފުލާގެ ތެރެއިން.

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ހަތް އޮފީހަކުން ވާދަކުރި އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ "ދެކޭ ގޮތް" އެވެ.