Roadha Mihaaru
އެންމެ މޮޅު ޑްރާމާއަކަށް "ދަތުރު"

އެންމެ މޮޅު ޑްރާމާއަކަށް އެމްޑަބްލިއުއެސްސީގެ "ދަތުރު" ހޮވިއްޖެ

16 ޖުލައި 2018

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން މި އަހަރު ރޯދަ މަހު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް އެމްޑަބްލިއުއެސްސީގެ "ދަތުރު" ހޮވިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން މި އަހަރު ރޯދަ މަހު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް އެމްޑަބްލިއުއެސްސީގެ "ދަތުރު" ހޮވިއްޖެ އެވެ.

މި އަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކުރަން މިރޭ އޮލިމްޕަހުގައި ބޭއްވި ހަފުލާގައި، އެންމެ މޮޅު ޑްރާމާގެ އެވޯޑް އެ ކުންފުންޏާ ހަވާލުކޮށް ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ޖުމްލަ ހަ އޮފީހަކުން މި އަހަރު ވާދަކުރި އޮފީސް ޑްރާމާ މުބާރާތުގެ ވަނަތަނަކަށް ބަލާ އިރު "ދަތުރު" ވަނީ މުހިއްމު ގިނަ އެވޯޑްތަކެއް ވެސް އުފުލާލައިފަ އެވެ. އެގޮތުން މި ޑްރާމާގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނާއި އެޑިޓިން އަދި ސިނަމޮޓޯގްރަފީން މަދޮށިފް ސްޓޫޑިއޯގެ ޝާމިން ނިޒާމް ވަނީ އެވޯޑްތައް އުފުލާލައިފަ އެވެ.

ޝާމިން އާއި މަދޮށިޝިފް އަކީ ފިލްމީ ދާއިރާގައި މި ފަހަކަށް އައިސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޓީމެކެވެ. އެގޮތުން 2016 ވަނަ އަހަރު ޔާރާ ޕްރޮޑަކްޝަން ގެނެސް ދިން އަދި މި އަހަރު ބޭއްވި ނުވަ ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ވާދަ ކުރި "ވިޝްކާ" ޓެކްނިކަލް މަސައްކަތުގެ ފަހަތުގައި އޮތީ ވެސް މަދޮށިޕް އެވެ.

"ދަތުރު" ޑްރާމާ އިން ޝާމިން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް އުފުލައިލީ މީގެ ކުރިން އޮފީސް ޓެލެޑްރާމާ މުބާރާތުގެ ގިނަ ޑްރާމާތަކެއްގެ ސްކްރިޕްޓް ލިޔުމުގެ އިތުރުން ފިލްމީ ދާއިރާގައި އެންމެ ނަން މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދުގެ ދެ ސްކްރީންޕްލޭއަކާ ވާދަކޮށެވެ.

އޭނާ ބުނި ގޮތުގައި "ދަތުރު" ގެ ސްކްރީންޕްލޭ ލިޔުނީ އެމްޑަބްލިއުއެސްޓީގެ ޓީމުން ދިން ވާހަކައަކަށެވެ.

"ދަތުރު" ޑްރާމާ އަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ އަނެއް އެވޯޑަކީ ބެސްޓް އެކްޓަރުގެ އެވޯޑެވެ. އެވޯޑް އުފުލައިލީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފާތުމަތު ނަހުލާގެ ފިލްމް "ބޮސް" ގެ ބަތަލު މުހައްމަދު ޔުނާން އެވެ.

އޭނާ ފިލްމީ ދާއިރާ އަށް ތައާރަފުވީ ވެސް އެމްޑަބްލިއުއެސްސީގެ ޑްރާމާތަކުގައި ދެއްކި ހުނަރާ އެކުގަ އެވެ.

މި އަހަރުގެ އޮފީސް ޑްރާމާ މުބާރާތުގެ އިތުރު މަގާމުތަކަށް ބަލާ އިރު އެންމެ މޮޅު ބަތަލާގެ އެވޯޑް މި ފަހަރު ވެސް ގެންދިޔައީ މިދިޔަ އަހަރު އެވޯޑް ހޯދި ފެނަކަ ކޯޕަރޭޝަންގެ އައިމިނަތު ޖުލީސާ އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު އެމްއޭސީއެލްގެ ޑްރާމާ "އިހުމާލު" އިން އަބްދުﷲ މާހިރު ހޯދި އިރު، އެންމެ މޮޅު ސަޕޯޓިން ބަތަލާއަކީ ފެނަކަގެ "ބަދަލު" ޑްރާމާއިން އައިމިނަތު ރައުލާ އެވެ.

އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލުގެ އެވޯޑް "އިހުމާލު" އިން ސިމާހު އަހުމަދަށް ލިބުނު އިރު، އެންމެ މޮޅު އާ ބަތަލާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ "ތައުހީލު" ޑްރާމާއިން ފާތުމަތު އިހުސާނާ އަހްމަދު ސާދިގެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ހަފުލާގައި ޔޫތު މިނިސްޓަރު.

އޮފީސް ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ހަފުލާގައި ޔޫތު މިނިސްޓަރު.

މި އަހަރުގެ ޑްރާމާ މުބާރާތުގައި ބެލުންތެރިންގެ އެންމެ މަގުބޫލު ޑްރާމާގެ މަގާމު ލިބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ "ކަނި" އެވެ. ބެލުންތެރިންގެ އެންމެ މަގުބޫލު ބަތަލާއަކީ އެމްސީއެލްގެ "އިހުމާލު" ގެ ބަތަލާ އަދި ދާފި ފަހުން ނިޔާވި ފާތުމަތު ނާޒްލީ އެވެ.

ބެލުންތެރިންގެ އެންމެ މަގުބޫލު އެކްޓަރަކީ "ކަނި" ގެ އެކްޓަރު ނަސްރުﷲ އަހުމަދެވެ.

މުބާރާތުގައި މި ފަހަރު ވާދަކުރި އޮފީސްތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މާލޭ ވޯޓަ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.

ޔޫތު މިނިސްޓަރު އިރްތިޝާމް ވިދާޅުވި ގޮތުގައި އަންނަ އަހަރުން ފެށިގެން އޮފީސް ޓެލެޑްރާމާ މުބާރާތް ބާއްވާނީ ޕްރައިވެޓް އޮފީސްތަކަށް ވެސް ހުޅުވާލައިގެންނެވެ. އަދި އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާ ޑްރާމާތަކުގައި އެކްޓް ކުރާ މީހުންނަށް ހާއްސަކޮށްގެން އެކްޓިން ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ދެ ޕްރެޒެންޓަރުން ކަމަށްވާ މިޒްނާ އަހުމަދާއި އިބްރާހީމް ޒިޔާއު ހޯސްޓްކޮށް ދިން މިރޭގެ ހަފުލާގައި އެވޯޑްތައް ހަވާލުކޮށް ދިނީ ފިލްމީ ދާއިރާގެ ބައެއް ފަންނާނުންނެވެ. އަދި ހަފުލާގައި ބައެއް އޮފީސްތަކުން ސްޓޭޖް އައިޓަމްތަކެއް ވެސް ގެނެސް ދިނެވެ.