Roadha Mihaaru
މަހުލޫފަށް ކުރި ރިޝްވަތުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

މަހުލޫފަށް ލިބުނީ ރިޝްވަތު ކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށް ނިންމައި، މައްސަލަ ބޭރުކޮށްލައިފި

01 މާޗް 2022

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުބެލެވޭތީ އެ މައްސަލަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުބެލެވޭތީ އެ މައްސަލަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އޭނާގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމަވަމުން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ އެވެ.

އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަ ކުރެއްވީ އެއީ ރިޝްވަތުގެ ފައިސާ ކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އޭނާއަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފްގެ ފަރާތުން ބުނެފައިވެ އެވެ.

އަދީބަކީ އަދުލުވެރިއަކަށް ވިޔަސް، މަހްލޫފާ ދެކޮޅަށް ހެއްކެއް ނެތް

ގާޒީ މިސްބާހު ވިދާޅުވި ގޮތުގައި އަދީބުގެ އަދުލުވެރިކަމާ މެދު އުފެދިފައި ހުރި ސުވާލުތައް އެއް ފަރާތްކޮށް އަދި އޭނާއަކީ އަދުލުވެރި މީހެއް ކަމަށް ބެލިޔަސް، މަހްލޫފަށް ދިނީ ރިޝްވަތުގެ ފައިސާއެއް ކަން ސާބިތުވާނެ ހެކިބަހެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މަހްލޫފަށް ރިޝްވަތުގެ ދިން ކަމަށް އަދީބުގެ ބަޔާނުން އެނގެން އޮތީ އެސްއޯއެފްގެ ވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) މެދުވެރިކޮށް ކަމަށް ވާއިރު، އެއީ ރިޝްވަތުގެ ފައިސާ ކަމާ މެދު މޮހޯ އިންކާރު ކުރާތީ އެވެ. މޮހޯގެ ބަޔާނުގައި އޮތީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ.

އަދީބު ތަހުގީގަށް ދިން ބަޔާނާ ގުޅިގެން ގާޒީ ވިދާޅުވީ އެއީ ދައުލަތާއި އަދީބާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އަދީބު ދިން ބަޔާނަކަށް ވާތީ އޭނާ އެ ބަޔާން އޭނާ ދިނީ އެއްވެސް ބިރެއް ނެތި އަދި ފައިދާއެއް ހޯދުމުގެ އުއްމީދެއް ނެތި ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ބަޔާނަށް ބާރު ދޭ އިތުރު އެއްވެސް ހެއްކެއް ނެތްއިރު، ފައިސާ ދިން ގޮތާއި އެ ފައިސާތައް ދައުރުކުރި ގޮތާ ބެހޭ ތަފްސީލެއް އަދީބުގެ ބަޔާނުގައި ނެތް ކަމަށް ވެސް ގާޒީ މިސްބާހު ވިދާޅުވި އެވެ.

މެސެޖްތަކާ ދައުވާއާ ނުގުޅުވޭ، ތަހުގީގުގެ އަމާޒު ގޯސް

އަދީބާއި މަހްލޫފާ ދެމެދު ބަދަލުކުރި މެސެޖްތަކެއް ދައުލަތުން އެ މައްސަލާގައި ހުށަހެޅި އެވެ. އެ މެސެޖްތަކާ ގުޅިގެން ގާޒީ މިސްބާހު ވިދާޅުވީ އެ މެސެޖްތަކުގައި ފައިސާއެއް ނުވަތަ ޗެކެއް ނުވަތަ ވޯޓެއް ދިނުމުގެ ވާހަކައެއް ނެތްއިރު، އެ މެސެޖްތައް ބަދަލުކުރީ އެސްއީޒެޑް ބިލުގެ ވޯޓު ނިމުނު ފަހުން ކަމަށެވެ. އަދި މެސެޖްތަކުގައި ހުރި ވާހަކަތަކުން ޝައްކެއް އުފެދުނަސް، އެއަށް ބާރުދޭ އިތުރު ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން ދައުލަތުން ހުށަހެޅީ އަދީބާއި މަހްލޫފާ ދެމެދު ކޮށްފައިވާ ޓްވީޓްތަކަކާއި އޭގެ އެނަލިސިސް ރިޕޯޓެވެ. އެ ޓްވީޓްތަކުގައި އޮތީ މަހްލޫފްގެ ގެއަށް އަދީބު ގޭންގެއް ފޮނުވި ކަމަށް ބުނާ ވާހަކަ އާއި މަހްލޫފް ޕީޕީއެމްގައި ބަހައްޓަން އަދީބާއި މަހްލޫފާ ދެމެދު ވާހަކަ ދެއްކުމާ ގުޅޭގޮތުންނެވެ.

ގާޒީ މިސްބާހު ވިދާޅުވީ އެ މުއާމަލާތުގައި ވެސް ފައިސާއެއްގެ ވާހަކަ ދައްކާފައި ނެތުމުން ދައުވާގައި ބުނާ އެއްވެސް ކަމަކާ އެ ޓްވީޓްތަކާ ނުގުޅުވޭނެ ކަމަށެވެ. އަދި ދައުވާއާ ގުޅުވޭނެ ކަމަށް ބެލިޔަސް، އެކަން ގުޅުވޭނީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ދެވޭ އިތުރު ބާރެއްގެ ގޮތުގައި ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ އެ ޓްވީޓްތަކުން އެނގެން އޮތީ މަހްލޫފާ މެދު އަދީބުގެ ހިތްހަމަނުޖެހުމެއް އޮތް ކަން ކަމަށް ވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ވެސް އެ ނިންމުމުގައި ގާޒީ މިސްބާހު ވާހަކަ ދެއްކެވި އެވެ. ގާޒީ ވިދާޅުވީ މުޅި ތަހުގީގު ބިނާވެފައި އޮތީ އަދި އިސްކަން ދީފައި އޮތީ މަހްލޫފް ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރުމަށް ކަމަށެވެ. އެކަމަކު ޖިނާއީ ތަހުގީގެއްގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތުހުމަތު ކުރެވޭ ކުށް އެ މީހަކު ކުރިކަމުގެ ހެކި ހޯދުމަށް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމިޔަސް، އާ ހެކިތަކާ އެކު ނުވަތަ ދައުވާއަށް ބަދަލު ގެނައުމަށްފަހު އަލުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮވެ އެވެ.

އެ މައްސަލާގައި މަހްލޫފް ކުރިން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވާލި އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަރުކާރުން ކުރިން އިއުލާން ކުރިޔަސް، އޭނާ މިހާތަނަށް ވަކިކޮށްފައެއް ނުވެ އެވެ.