Roadha Mihaaru
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟

މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟

08 ފެބުރުއަރީ 2022

ސަރުކާރުގެ މިނިސްޓަރަކާ މެދު ކޮރަޕްޝަންގެ ތުހުމަތުކުރެވި ދައުވާ އުފުލުމަކީ ކުޑަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި ސަރުކާރެއްގެ ފަރާތުން މިއީ ކުޑަކޮށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވި ކަމުގެ ތުހުމަތުކުރެވި ދައުވާ އުފުލުމަށް މީގެ ދެ މަސް ކުރިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވިޔަސް އޭނާ އަދިވެސް ހުންނެވީ ކެބިނެޓްގަ އެވެ. ޒުވާނުންނަށް ނަމޫނާ ދައްކަވާ މިނިސްޓަރުގެ މަގާމުގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުގެ މިނިސްޓަރަކާ މެދު ކޮރަޕްޝަންގެ ތުހުމަތުކުރެވި ދައުވާ އުފުލުމަކީ ކުޑަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި ސަރުކާރެއްގެ ފަރާތުން މިއީ ކުޑަކޮށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވި ކަމުގެ ތުހުމަތުކުރެވި ދައުވާ އުފުލުމަށް މީގެ ދެ މަސް ކުރިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވިޔަސް އޭނާ އަދިވެސް ހުންނެވީ ކެބިނެޓްގަ އެވެ. ޒުވާނުންނަށް ނަމޫނާ ދައްކަވާ މިނިސްޓަރުގެ މަގާމުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުން ވީ ވައުދެއް ނަމަވެސް މަހްލޫފާ ހިސާބުން މައްސަލަ މަޑުޖެހިއްޖެ އެވެ. އޭގެ ހެއްކަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގުން ހޯދުނު ހެކިތަކަށް ބަލައި ޕީޖީން މަހްލޫފުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ވެސް ސަރުކާރަށް އެއީ މާ ބޮޑު ކަމަކަށް ނުވުމެވެ.

ކޮރަޕްޝަނާއި ދެފުށް ފެންނަ ސިޔާސަތުތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ނަމަވެސް މަހްލޫފާ ޖެހިވަޑައިގަތުމުން އަޅާނެ ފިޔަވަޅެއް ނެތެވެ. އޭނާގެ ޝަރީއަތްތައް ފެށުމަށް ކޯޓުގައި ތާވަލުކޮށްފައި އޮއްވާ ވެސް ފެނިގެންދިޔައީ ސަރުކާރުގެ އިސްވެރިންނާ އެކު ރަށްރަށަށް ދަތުރުފުޅު ފެއްޓެވި މަންޒަރެވެ. މި ދައުވާއަކީ މާބޮޑު ކަމަކަށް ނުވި އެވެ.

ސާފްޗެމްޕިއަންޝިޕްގެ މެޗެއްގައި ގަލޮޅު ދަނޑުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަހްލޫފްއާ ވާހަކަ ދައްކަވަނީ-- މަހްލޫފްގެ ސަސްޕެންޝަން އުވާލީ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާފްޗެމްޕިއަންޝިޕްގެ މެޗެއްގައި ގަލޮޅު ދަނޑުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަހްލޫފްއާ ވާހަކަ ދައްކަވަނީ-- މަހްލޫފްގެ ސަސްޕެންޝަން އުވާލީ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު މިނިސްޓްރީން ޒުވާނުންނަށް މި ދައްކަނީ ކޮންކަހަލަ ނަމޫނާއެއް؟

އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރާއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެއް އަހަރަށް ވުރެ ދިގު ހުކުމެއް މަހްލޫފްގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ގެއްލޭނެ އެވެ. މަހްލޫފްގެ މައްޗަށް އުފުލާފައި މިވާ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ މަހްލޫފް ވެސް ވިދާޅުވަމުން ދިޔައީ އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެކަމަކު ފަހުން ވިދާޅުވި އެއްޗެއް ބަދަލުވީ އެވެ. އޭނާގެ މައްޗަށް ދައުވާކުރަން ނިންމި ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ހުސެއިން ޝަމީމްގެ ޗެޓްލޮގްގެ ފޮޓޯތަކެއް އާންމުކުރައްވައި ވިދާޅުވީ، "އިސްތިއުފާ ނުދޭނެ ކަމަށާއި ކޯޓުން ހަގީގަތް ސާފުވާނެ" ކަމަށެވެ.

ބޮޑެތި ތުހުމަތުތަކެއް އޮތަސް، އަނެއްކާ މިހާރު ފެނިގެން ދަނީ ކޯޓުގެ ޝަރީއަތްތައް ލަސްކޮށް ކޯޓަށް ހާޒިރުވުމުގެ އުޒުތައް ވެސް ދައްކާ މަންޒަރެވެ. އެންމެ ފުރަތަމަ މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 20 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް ވަކި ސަބަބެއް ނާންގާ ކޯޓުން އަޑުއެހުން ފަސްކުރީ އެވެ. އޭރު މަހްލޫފް އުޅުއްވީ މަސައްކަތުގައި އަވަދިނެތި އަތޮޅު ތެރޭގަ އެވެ.

ފަހުން ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އެކަމަކު އެހެން ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތައް ވެސް ކުރިއަށްދާއިރު ވަކި މަހްލޫފުގެ ޝަރީއަތް މި ދުވަސްވަރު ނުގެންދެވެންވީ ކީއްވެތޯ އާންމުން ސުވާލު އުފައްދަ އެވެ. އެންމެ ބޮޑު ތުހުމަތަކީ ކޯޓަށް ވެސް ނުފޫޒު ފޯރުވާ ކަމެވެ. މި ވަގުތު ވެސް ރާއްޖެއިން ބޭރުގައި ހުންނެވި މަހްލޫފު މާލޭގައި ނޫޅުއްވަނީ މި މައްސަލައިގެ އަޑުއެހުންތައް ފަށާފާނެތީ ކަމުގެ ތުހުމަތު ވެސް އެބަ ކުރެ އެވެ.

ޒުވާނުން ނަމޫނާ ބަލަން ހުންނެވި ބޭފުޅާ ވެސް ހަމަ އެގޮތެވެ. ދާދިފަހަކާ ޖެހެންދެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަސްހަދު އަލީ (އަޑުބަރޭ) ޝަރީއަތަށް ފިލައިގެން ރާއްޖެއިން ބޭރުގައި ހުންނެވިއިރު އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓަށް ހާޒިރުނުކޮށްދީގެންނެވެ.

އަލީ ވަހީދު، އައްސަދާ އެކު: އައްސަދު ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފި ނަމަ ޒިންމާވާން އެއްބަސްވެވަޑައިގެންފައި- މިހާރު ފައިލް ފޮޓޯ

އަލީ ވަހީދު، އައްސަދާ އެކު: އައްސަދު ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފި ނަމަ ޒިންމާވާން އެއްބަސްވެވަޑައިގެންފައި- މިހާރު ފައިލް ފޮޓޯ

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭހަށް ދިއުމަށް ޖާމިނުވި އަޑުބަރޭ ވެސް އޭނާގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ފިލުމަކީ މިއީ ހަމަ އިއްތިފާގެއްތޯ މީހުން ސުވާލު އުފައްދަ އެވެ. މިއީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް މީހުން ތުހުމަތުކުރަނީ އެއްވެސް ހިލަމެއް ނެތި އަލީ ވަހީދެކޭ އެއްގޮތަށް އޭނާ ވެސް ފިލައިގެން ދިއުމުންނެވެ.

ޔޫތު މިނިސްޓްރީން މި ފެންނަ ނަމޫނާ ބަލައިގަނެވިދާނެ ހެއްޔެވެ؟ ބޮޑެތި ކުށްތަކެއްގައި ތުހުމަތުކުރެވިފައި ތިބި ބަޔަކު ޒުވާނުންނަށް ނަމޫނާ ދައްކަވަން ތިއްބެވިއިރު މި ގައުމަށް މި ވަގުތު އެންމެ ބޭނުން ޖެހިފައި ވަނީ ޒުވާނުންގެ އާބާދީ އިސްލާހު ކުރެވިދާނެ ފަދަ ބޭފުޅުންނެވެ.

މަހްލޫފަށް ބަލަނީ ސަރުކާރު ބޭޒާރުކޮށްލަފާނެތީ؟

މަހްލޫފުގެ މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާ ސަބަބުތައް ބައިވަރެވެ. މި ސަރުކާރުގެ ކުރީކޮޅު ބައެއް މިިނިސްޓަރުންނަށް އެކިއެކި ތުހުމަތުތައް ކުރެވި އެ ބޭފުޅުން މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ބައެއްގެ މެމްބަރުން ގަދައަށް ހިފި އެވެ. އެގޮތަށް ކުރިމަތިވި ފިއްތުންތަކުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް އިސްތިއުފާ ދެއްވީ އެވެ. އެކަމަކު އެމްޑީޕީއާ ހިސާބަށް އައުމުން މިއީ ސަރުކާރު ބަދުނާމުކުރުން ކަމަށް ވެސް ނުވި އެވެ. އޭރު ގަދައަށް ވާހަކަ ދެއްކެވި މެމްބަރުންގެ އަނގައިން ވެސް ބަހެއް ނުނިކުތެވެ.

"ރާއްޖޭގެ ގާނޫނު އަސާސީގައި ގަވާއިދުތައް އެންމެންގެ މައްޗަށް ހިންގަންވާނީ ހަމަހަމަ އުސޫލުންނޭ ބުނެފައި އޮތަސް، އެ މަންޒަރެއް ނޫން މިއަދު ފެންނަނީ. ކޮބައިތޯ ކިރިޔާ ތުހުމަތެއް ކޮށްލި އިރަށް މުޅި ގައުމު އެ ފުށް މި ފުށަށް ޖަހާ އަބްދުﷲ އަމީން މަގާމުން ބޭރުކޮށްލަން ފޫގަޅައިގެން ނިކުތް ނަޝީދު/އީވާ ފެކްޝަން މީހުން؟ ލަދު ކޮބައިބާ؟،" މީގެ ކުރިން މަހްލޫފާ ގުޅިގެން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓަކަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.

މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮވެ، ސަރުކާރު ޒިންމާދާރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ މަންޒަރެއް ވެސް ނުފެނުނެވެ.

"އަލީ ވަހީދު ފުރުވާލުމާ، މަހްލޫފު މަގާމުގައި ހުރުމާ މިއީ އަދުގެ ސަރުކާރުގެ ފުރިހަމަ ރޭވުން. އިންސާފާ ޑިމޮކްރަސީ އަށް ލޯބި ކުރާ އެމްޑީޕީ އަށް ވެސް ކަމެއް ވާހެން ވެސް ހީނުވޭ،" ސަރުކާރަށް ފާޑުކިޔަމުން މީހަކު ބުންޏެވެ.

ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާދަމް، "މިހާރު" އަށް ވިދާޅުވީ މި ސަރުކާރުގެ އެއްވެސް މޯރަލް ވެލިއުއެއް ނެތް ކަމަށާއި އެއްވެސް ކަމެއްގައި ރައްޔިތުންނަށް ރީތި ނަމޫނާއެއް ނުދެއްކޭ ކަމަށެވެ.

"ޒުވާނުންނަށް ވަރަށް ގޯސް މިސާލެއް ސަރުކާރުން އެ ދައްކަނީ. މަހްލޫފުގެ މައްސަލަ އެކަންޏެއް ނޫން. ކޮމަންޑޫ ބައި އިލެކްޝަނާ ދިމާކޮށް ވެސް ހަމަ ރައްޔިތުންނަށް ފެނިގެން ނުވާނެ އެތައް ކަމެއް އެދިޔައީ ފެނިގެން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަމަށްވާތީ މަހްލޫފުގެ މައްސަލައަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެނީ ކަމަށެވެ.

ހަގީގަތުގައި މަހްލޫފު ވިދާޅުވެފައި އޮތީ ސަރުކާރު ބޭޒާރުކޮށްލާނަމޭ އޭނާއަށް ބެހެފިއްޔާ. އެހެންވީމަ ސަރުކާރު މިއޮތީ މަހްލޫފުގެ މުށު ތެރޭގައި ފިތިފައި. އެހެންވީމަ އަސްލު ގޮތެއް ނުހެދިގެން އުޅޭ ކަމަށް ގަބޫލުކުރެވެނީ،-- އާދަމް ޝަރީފް

ސަރުކާރަށް މިކަން ހުތުރެއް ނޫން؟

ސަރުކާރުން ކުރިން ގެންގުޅު އުސޫލަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ނަމަ އެ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުން ނަމަވެސް ތަހުގީގު މަރުހަލާ ދިގުލައިގެން ދިއުމުގައި ހައްލުތަކެއް ނުފެނިގެން އުސޫލަށް ބަދަލު ގެނައީ ދައުވާކޮށްދޭން ޕީޖީއަށް ފޮނުވުމުން ފިޔަވަޅު އަޅާ ގޮތަށެވެ. މި އުސޫލު ދެ ވަނަ ފަހަރަށް ބަދަލުކުރީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިމުމުން ފިޔަވަޅު އަޅާ ގޮތަށެވެ.

މި ނިންމުމުގައި ތިއްބައި މަހްލޫފްގެ މައްސަލަ އާދަޔާ ޚިލާފަށް ޕީޖީ އޮފީހުގައި ވެސް ލަސްވީ އެވެ. ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ހޭދަވުމުން ސަރުކާރަށް ވެސް އެކަން ބަލައިނުގަނެވި މަހްލޫފްގެ ސަސްޕެންޝަން އުވާލާ މަސައްކަތަށް ނެރުއްވީ އެވެ.

ޒުވާނުންގެ މިނިސްޓްރީ މާކުރިން އޮތީ ސާފު ކުރަން ޖެހިފަ އެވެ. ހަގީގަތަކީ، އެ މިނިސްޓްރީގެ އެންމެ އިސް ދެ ބޭފުޅަކު ބޮޑެތި އަދި ހުތުރު ތުހުމަތުކޮށްފައި އޮވެ، ޝަރީއަތް ހިނގަމުން ދިޔައިރު ވެސް އަދި ޝަރީއަތް ހިނގަމުން ދާއިރު ވެސް ވަޒީފާގައި ތިބި ކަމެވެ. މިއީ ރީތި ނަމޫނާއެއް ނޫނެވެ.