Roadha Mihaaru
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ

މަހްލޫފްގެ ޝަރީއަތް: މައި ހެއްކަކީ އަދީބު، ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާތައް

10 ފެބުރުއަރީ 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރަން ދައުލަތުގެ މައި ހެއްކަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން ދައުލަތުން ހުށަހަޅައި، އަދި ދައުލަތާއި މަހްލޫފާ ދެމެދު ކޯޓުގައި މިއަދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރަން ދައުލަތުގެ މައި ހެއްކަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން ދައުލަތުން ހުށަހަޅައި، އަދި ދައުލަތާއި މަހްލޫފާ ދެމެދު ކޯޓުގައި މިއަދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.

ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާތައް

ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާ އިއްވުމުން މަހްލޫފްގެ ވަކީލުންގެ އެންމެ ފުރަތަމަ އަމާޒުކުރި އެއް ސުވާލަކީ އެއީ އެސްއީޒެޑްގެ ބިލަށް ވޯޓު ދިނުމުގެ ބަދަލުގައި ލިބުނު ފައިސާއެއް ކަމަށް ދައުލަތުން ބުނާ ސަބަބަކީ ކޮބައިތޯ ވިދާޅުވެ އެވެ. ދައުލަތުން ބުނީ އެ ފައިސާ ދިނީ އެ ބިލަށް ވޯޓު ދިނުމަށްޓަކައި ކަން އަދީބުގެ ބަހުން އެނގޭނެ ކަމަށާއި އަދި އެކަމަށް ބާރު ލިބޭ މެސެޖްތަކެއް ވެސް އެ ދެ ބޭފުޅުންގެ މެދުގައި ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ ވާހަކަ ދޮގު ކުރައްވައި، މަހްލޫފް ވިދާޅުވީ އަދީބުގެ ބަޔާނުގައި އޭނާ އަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެފައި ނުވާ ކަމަށެވެ. އެ ބަޔާނުގައި އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނީގެ އޭރުގެ ވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) މެދުވެރިކޮށް، ފައިސާ ދިން ވާހަކަ ކަމަށާއި އެކަމަކު އައްލާމްގެ ބަޔާނުގައި އޮތީ ޑޮލަރު ގަންނަން އޭނާގެ ކޮއްކޮ އެސްއޯއެފްގެ އޮފީހަށް ދިޔަ ވާހަކަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ވަކީީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝީނާ މުހައްމަދު ވިދާޅުވީ، އަދީބާއި މަހްލޫފާ ދެމެދު ކޮށްފައިވާ މެސެޖްތަކެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި މެސެޖްތަކުގައި ފައިސާގެ އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށެވެ. އެކަމަކު، ދައުލަތުން ބުނީ ފައިސާގެ ވާހަކަ ނުދެއްކިޔަސް، އެ މެސެޖްތަކުގައި ހުރި ވާހަކަތަކާއި ކަން ހިނގި ގޮތް ގުޅުވޭ ކަމަށެވެ. އެގޮތުން އަދީބަށް ޝުކުރު އަދާކުރައްވައި، މަހްލޫފް މެސެޖް ކުރެއްވި ދުވަހު މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އެއީ މަހްލޫފްގެ އާއިލީ ވިޔަފާރިއަކަށް ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވިޔަސް، އެ ފައިސާ ބޭނުންކުރީ މަހްލޫފްގެ އަމިއްލަ ބޭނުމަށް ރާއްޖެ އިން ބޭރުގައި ކަން އެނގޭނެ ހެކި އެބަހުރި ކަމަށެވެ. އަދި މަހްލޫފްގެ އާއިލީ ވިޔަފާރިއަކީ އެއްފަހަރާ އެ ވަރަށް ޑޮލަރު ގަތުމުގެ ގާބިލްކަން ހުރި ވިޔަފާރިއެއް ނޫންކަން ސާބިތުވާ ބޭންކް ސްޓޭޓްމަންޓާއި ޓެކްސް ބަޔާންތައް ވެސް އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.

އެކަމަކު ވަކީލާ ޝީނާ ވިދާޅުވިގޮތުގައި، އެސްއޯއެފް ކުންފުނިން މަހްލޫފްގެ އެކައުންޓަށް ޖަމާކުރި ޑޮލަރަކީ އޭނާގެ އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއް ކަން ދައުލަތުން ހުށަހެޅި ހެކިތަކުން ފެންނަ އެބައޮތް ކަމަށެވެ. އަދި އެ ފައިސާ އޭނާ ހޭދަކުރެއްވި ގޮތަކީ މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނިގޮތުގައި މަހްލޫފަށް ފައިސާ ދިނީ އެސްއީޒެޑް ބިލަށް ވޯޓު ހޯދަން އެހެން މެމްބަރުންނަށް ވެސް ފައިސާ ދިން ވަރަށް ކަމަށް އަދީބު ވިދާޅުވެ އެވެ. އެގޮތަށް ދައުލަތުން ބުނުމުން މަހްލޫފްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވަނީ އެ ފައިސާ ލިބުނު އެހެން މެމްބަރަކަށް ދައުވާ ކުރިންތޯ ވިދާޅުވެ، ދައުލަތާ ސުވާލު ކުރިމަތިކޮށްފަ އެވެ. ދައުލަތުން ބުނީ މިހާތަނަށް ދައުވާކުރީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނަށް އެކަނި ކަމަށެވެ.

ވަކީލާ ޝީނާ ވިދާޅުވީ، އެ މުއާމަލާތް ހިނގިއިރު މަހްލޫފަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރަކަށް ވާތީ، އެސްއީޒެޑް ބިލަށް އޭނާ މަޖިލީހުގައި ވޯޓު ދެއްވީ ޕާޓީގެ ވިޕްލައިނަށް އަމަލު ކުރުމުގެ ގޮތުންނެވެ. އަދި އެކަމާ އެ ފައިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެކިތަކާ ބެހޭގޮތުން ހޫނު ބަހުސް

ދައުލަތުން މަހްލޫފާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހެޅީ އަދީބުގެ އިތުރުން އައްލާމާއި އެސްއޯއެފްގައި މަސައްކަތްކުރި އަހުމަދު އިޝްފާހުގެ އިތުރުން އެ ކުންފުނީގައި އޭރު އުޅުނު ސްރީ ލަންކާގެ މީހެކެވެ. އަދި ފޯނު އެނަލިސިސް ރިޕޯޓެއްގެ ގެ އިތުރުން އިތުރު ލިޔުންތަކެއް ދައުލަތުން މަހްލޫފާ ދެކޮޅަށް ހުށަހެޅި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ފޮޓޯ/މިހާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ފޮޓޯ/މިހާރު

ރިޝްވަތު ދިނީ އަދީބު ކަމަށް ދައުލަތުން ބުނާއިރު، އޭނާ އަށް ދައުވާ ނުކުރި ސަބަބާ މެދު މަހްލޫފްގެ ވަކީލުން ސުވާލު އުފެއްދެވި އެވެ.

ވަކީލް ނޫރު ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، ދައުލަތާ އެކު އެއްބަސްވި މައްސަލަތަކުގެ ތެރޭގައި މަހްލޫފަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. އަދި އަދީބަކީ ކުށްތަކެއް ސާބިތުވެފައިވާ ބޭފުޅަކަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ނޫރު ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން ބުނީ އަދީބުގެ ހެކިބަސް އެއްކޮށް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނެތް ކަމަށާއި އަދި ގުޅުވައިލެވޭ އެހެން ހެކިތައް ހުރެއްޖެ ނަމަ، އޭނާގެ ބަސް ބަލައިގަނެވޭނެ ކަމަށެވެ. ރައްދުގައި ވަކީލް ނޫރު ވިދާޅުވީ އަދީބުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމާ މެދު ބަހުސެއް ނުކުރެވޭނެ މިންވަރަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އަދީބަކީ މަހްލޫފާ މެދު އަދާވާތްތެރިކަން އޮތް ބޭފުޅަކަށް ވާތީ އެއީ ވެސް ހެކިބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އަދީބު ނައިބު ރައީސަކަށް ހުންނެވިއިރު، އޭނާ އާއި އަދީބާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހުނު ކަމަށާއި އޭނާގެ ގެއަށް ގޭންގް ފޮނުވައިގެން ބިރު ވެސް ދެއްކި ކަމަށެވެ. އެ ވާހަކަތައް އޭރު ވެސް އޭނާ ދައްކަވާފައިވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މެެސެޖްތަކާ ގުޅިގެން ދައުލަތުން ހުށަހެޅި ރިޕޯޓަކީ ފޯނެއް ތަހުލީލު ކުރުމަށް ފަހު ހެދި ރިޕޯޓެއްތޯ ނުވަތަ ޕެން ޑްރައިވެއް ތަހުލީލު ކޮށްގެން ހެދި ރިޕޯޓެއްތޯ މަހްލޫފްގެ ވަކީލުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެ ރިޕޯޓް ހެދީ ފޯނެއް ތަހުލީލު ކޮށްގެން ކަމަށެވެ. އެކަމަކު މަހްލޫފް ވިދާޅުވީ އެ ބުނާ ފޯނެއް ފުލުހުންގެ އަތުގައި ނޯންނާނެ ކަން ޔަގީންކަމާ އެކު ދަންނަވަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ލަންކާ މީހާގެ މައްސަލާގައި މަހްލޫފްގެ ވަކީލުން ވިދާޅުވީ، އެއީ އެސްއޯއެފްގެ މުވައްޒަފަކަށް ވުމުން އޭނާއަށް ފުލުހުންގެ ތުހުމަތެއް ކޮށްފާނެ ކަމުގެ ބިރު އޮތުމުން ވަކި ގޮތަކަށް ބަޔާން ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މަހްލޫފް ވިދާޅުވީ އެ މީހާގެ ބަޔާން ނެގީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އޭނާ ގެންގޮސް، ހައި ކޮމިޝަނަރުގެ ހާޒިރުގައި ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ރައީސް އޮފީހުން ވެސް އަންގާފައި އެބައޮތް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، އެ މައްސަލައިގައި ރިޝްވަތުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެކަމަކު މަހްލޫފްގެ ވަކީލުން ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ދައުލަތުން މަސައްކަތް ކުރަނީ އެ ދައުވާ ސާބިތުކޮށް ދިނުމަށް މަސައްކަަތް ކުރުމުގެ ބަދަލުގައި މަހްލޫފްގެ ދިފާއުތައް ދޮގު ކުރަން ކަމަށް ވެސް އޭނާގެ ވަކީލުން ވިދާޅުވި އެވެ.

ޕީޖީން އެދެނީ ގާޒީ ބަދަލުކުރަން، މަހްލޫފްގެ ފާޑުކިޔުން ޝަމީމަށް

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މައްސަލަތަކެއްގައި ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ، އޭނާއަށް މަހްލޫފްގެ މައްސަލަ ނުބެއްލެވޭނެ ކަމަށް ބުނެ ދައުލަތުން ކޯޓަށް ކުރިން ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގެ ޖަވާބުގައި ކޯޓުން އޭރު އެންގީ އެ މައްސަލަ ގާޒީ މިސްބާހަށް ބެއްލެވޭނެ ކަމަށެވެ. އެކަމަކު މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން އަނެއްކާވެސް އެ މައްސަލަ ނެގި އެވެ.

ދައުލަތުން ބުނީ އެއީ ގާޒީ މިސްބާހުގެ ސީދާ ނުވަތަ ނުސީދާ މަސްލަހަތެއް ހިމެނޭ މައްސަލައެއް ކަމަށެވެ. އެކަމަކު މަހްލޫފްގެ ވަކީލް ނޫރު ވިދާޅުވީ ކޯޓުން އެކަމާ މެދު ގޮތެއް ނިންމުމުން ދެން އިތުރަށް އެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އަދި މަހްލޫފްގެ މައްސަލައާ އެމްއެމްޕީއާރުސީގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެގޮތުން ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރަނީ އަދީބުގެ މައްޗަށް ކަމަށް ވާތީ އެ މައްސަލަ ގާޒީ މިސްބާހަށް ބެއްލެވޭނެ ކަމަށް ވަކީލް ނޫރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ވެސް މަހްލޫފް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅުވައިގެން އެ މައްސަލަ ގާޒީ މިސްބާހަށް ނުބެއްލެވޭނެ ކަމަށް ދައުލަތުން ބުނާއިރު، އޭނާގެ މައްޗަށް ދައުވާކުރި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަކީ އަދީބުގެ ކުރީގެ ވަކީލް ކަމަށެވެ.

ގާޒީ މިސްބާހު ވަނީ ކޯޓުގެ ނިންމުން އިސްތިއުނާފް ކުރިންތޯ ވިދާޅުވެ، ދައުލަތާ ސުވާލު ކުރިމަތިކޮށްފަ އެވެ. ދައުލަތުން ބުނީ އެފަދަ ނިންމުންތައް އިސްތިއުނާފް ނުކުރެވޭ ކަމަށާއި އެހެންވެ، އެ ނިންމުން އަލުން މުރާޖައާ ކޮށްދޭން އެދޭ ކަމަށެވެ.

ގާޒީ ވިދާޅުވީ އެގޮތަށް ލިޔުމުން އެދެފި ނަމަ، އެ ނިންމުން މުރާޖައާ ކުރައްވާނެ ކަމަށެވެ. އެހެންވެ، ދައުލަތުން ވެސް ބުނީ އެކަމަށް އަނެއްކާވެސް ލިޔުމުން އެދޭނެ ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނާނީ އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ގޮތެއް ނިންމުމެވެ.