Roadha Mihaaru
މުބާރާތް ރާވަނީ ގަވާއިދެއް ވެސް ނެތި!

ގަވާއިދެއް ނެތި މުބާރާތް ރޭވުން، މަސައްކަތެއް ނުކޮށް ލޯގޯ އިސްތިހާރުކުރުން!

02 މާޗް 2022

މުބާރާތަށް އިއުލާނުކުރިއިރު، ގަވާއިދު ނެތެވެ. މުބާރާތް ފެށޭއިރު އަދިވެސް ގަވާއިދު ހަދައި ނުނިމެ އެވެ. އެކަމަކު "އާ ފޯމެޓް" އޭ ކިޔައި ޖެނުއަރީ މަހު އިއުލާނު ކުރުމުން 53 ރަށަކުން 61 ކްލަބް ބައިވެރިވެއްޖެ އެވެ. މާލެ އިން އޯޕަން ޑިވިޝަންގައި ބައިވެރިވި ކްލަބްތަކުގެ އަދަދު އަދިވެސް ނޭނގެ އެވެ. އަންނަ ހޯމަ ދުވަހު ކޮލިފައިން އެ ފަށަނީ މުބާރާތުގެ ގަވާއިދަކާ ނުލަ އެވެ. ކޮލިފައިން ކުޅޭނެ އުސޫލުތައް އޮޅުން ނުފިލައިގެން ކްލަބްތަކުން އެސޯސިއޭޝަނާ ގުޅަން މަސައްކަތް ކުރެ އެވެ. ފޯނެއް ނުނަގަ އެވެ!

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

މުބާރާތަށް އިއުލާނުކުރިއިރު، ގަވާއިދު ނެތެވެ. މުބާރާތް ފެށޭއިރު އަދިވެސް ގަވާއިދު ހަދައި ނުނިމެ އެވެ. އެކަމަކު "އާ ފޯމެޓް" އޭ ކިޔައި ޖެނުއަރީ މަހު އިއުލާނު ކުރުމުން 53 ރަށަކުން 61 ކްލަބް ބައިވެރިވެއްޖެ އެވެ. މާލެ އިން އޯޕަން ޑިވިޝަންގައި ބައިވެރިވި ކްލަބްތަކުގެ އަދަދު އަދިވެސް ނޭނގެ އެވެ. އަންނަ ހޯމަ ދުވަހު ކޮލިފައިން އެ ފަށަނީ މުބާރާތުގެ ގަވާއިދަކާ ނުލަ އެވެ. ކޮލިފައިން ކުޅޭނެ އުސޫލުތައް އޮޅުން ނުފިލައިގެން ކްލަބްތަކުން އެސޯސިއޭޝަނާ ގުޅަން މަސައްކަތް ކުރެ އެވެ. ފޯނެއް ނުނަގަ އެވެ!

އޮޅުންފިލާ ބައެއް ކަންކަން ވެސް އެބަހުއްޓެވެ. އެއްފަސްކޮށް އޮންނަ މާލެއެކޭ އެއްގޮތަށް، ރާއްޖެތެރޭގެ 5-6 އަތޮޅު އެއްކޮށް، ދަތުރުފަތުރުގެ ދަތިކަމަށް ބަލައިލުމެއް ނެތި، އެކުލަވާލާލައިފައިވާ ބޮޑެތި ޒޯންތަކުގައި ވެސް އޯޕަން ޑިވިޝަނަކާއި ތިން ވަނަ ޑިވިޝަނަކާއި ދެ ވަނަ ޑިވިޝަނަކާއި އެއް ވަނަ ޑިވިޝަނެއް އޮންނާނެ ކަމަށް ބުނެ އެވެ. މާލެއަކީ ހަތަރު ވަނަ ޒޯންކަން ވެސް އެނގެ އެވެ. ޕްރެމިއަ ލީގަކީ، ހަތަރު ޒޯނުން ކޮލިފައިކުރާ 12 ކްލަބްގެ މައްޗަށް އެކުލެވޭ "ގައުމީ" ލީގެއް ކަމާއި މެޗްތައް ކުޅޭނީ "ހޯމްއެންޑް އަވޭ" އުސޫލުން ކަމަށް ވެސް ބުނެ އެވެ. އަދި ޕްރެމިއަ ލީގްގެ 12 ޖާގައިގެ ތެރެއިން ނުވަ ޖާގަ ނަގަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ތިބޭ މާލޭގެ ކްލަބްތަކުން ކަން ވެސް ސާފުވެ އެވެ. އަތޮޅުތައް ގްރޫޕްކޮށް އުފެއްދި ބޮޑު ބިޔަ ތިން ޒޯނަކީ ލީގުގައި ބާކީ އޮތް ތިން ޖާގަ ރާއްޖެތެރޭގެ ކްލަބްތަކަށް ދިނުމަށް ކުރަހައިލި ރޮނގެއް ކަން ވެސް ވަނީ ސާފުވެ އޮޅުންފިލައިފަ އެވެ.

މި ވަގުތުގެ ހުލާސާ

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް 2019 އިން ފެށިގެން ރާއްޖެތެރެ އަށް ވަކި މުބާރާތެއް ބޭއްވުން ނިމުމަކަށް ގެންނަން ޖެހެ އެވެ. އަދި މާލެ އާއި މުޅި ރާއްޖެ އެކުލެވޭ ގޮތަށް ގައުމީ ފެންވަރުގެ "ހޯމް އެންޑް އަވޭ" ޕްރެމިއާ ލީގެއް އުފަންކުރަން ޖެހެ އެވެ. މި ސިޔާސަތުގެ ދަށުން އެފްއޭއެމަށް ވީ ވަރަކީ، 324،451 ގެ އާބާދީއެއް ބޮޑު ތިން ޒޯނަށް ބަހައި، ލީގުން އެންމެ ތިން ޖާގަ ދިނުމެވެ! ގައުމީ ނިސްބަތުން އިންސާފުވެރި ލީގަކަށް ވެސް ނުހެދުނެވެ. މި ވަގުތު ޕްރެމިއާ ލީގް މަންޒަރު ކޮށްލެވޭ ގޮތް ތިރީގައި އެ ވަނީ އެވެ.

މިހާތަނަށް އޮޅުންފިލި ކަމަކީ ކޮންމެ ޒޯނެއްގައި ވެސް ތިން ވަނަ ޑިވިޝަނަށް 15 ކްލަބް، ދެ ވަނަ ޑިވިޝަނަށް 12 ކްލަބް އަދި އެއްވަނަ ޑިވިޝަނަށް އަށް ކްލަބް ހަމަޖައްސާފައި ވާ ކަމެވެ. މިކަން ވެސް މުޅިން ޔަގީން ވާނީ ގަވާއިދު ނުކުތީމަ އެވެ. ގަވާއިދު ނެތުމުގެ ސަބަބުން 53 ރަށުން ބައިވެރިވި 61 ކްލަބް، އޯޕަން ޑިވިޝަނުން މަތީ ޑިވިޝަންތަކަށް ކޮލިފައިކޮށް، ތަރުތީބުކުރާ އުސޫލުތަކެއް އޮޅުމެއް ނުފިލަ އެވެ.

ޕްރެމިއާ ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗް ކުޅެން ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހު (މާޗް 7 ގައި) ލ. ގަމުގަ އެވެ. އަޑުއަހާ ގޮތުގައި މިހާރަކަށް އައިސް ގަވާއިދު ނެރެނީ މުބާރާތް ފަށަން ދެ ތިން ދުވަހަށް ވީމަ އެވެ! މި ފަހަކުން ކުޅުނު އޮނަވިހި އަހަރުން ދަށުގެ މުބާރާތުގެ ގަވާއިދު ވެސް ލިބުނީ މުބާރާތް ފަށަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށް ކްލަބްތަކުން ބުނެ އެވެ.

ކޮލިފައި ކުރުމުގެ އުސޫލް

އާ ފޯމެޓް އިއުލާނު ކުރިއިރު، ހޯމް އެންޑް އަވޭ އުސޫލަށް ވާސިލް ވުމަށް، ގެންގުޅޭ އުސޫލުތަކަކީ އިންތިގާލީ އުސޫލުތަކަކަށް ވާން ޖެހޭނެކަން ދެނެގަނެވުނެވެ. ނަމަވެސް، މުބާރާތް ފަށަން ވަގުތު ޖެހުނުއިރު، ގަވާއިދެއް މެދުވެރިކޮށް، މި އުސޫލުތައް އޮޅުންފިލުވައި ދެވިފައެއް ނުވެ އެވެ. މުބާރާތުގެ ގަވާއިދު ނުނިންމުނު ނަމަވެސް ރަސްމީ ދަނޑުގައި ހަވާ އަރުވައި، ލޯގޯއެއް އާއްމުކޮށްފި އެވެ. އޮއްޓަރެއް ނެތި ބުރަވަނީ "މާކެޓިން" އަށެވެ. އަޑުއެރުވުމަށެވެ!

އޯޕަން ޑިވިޝަން

މިދިޔަ ބުރާސްފަތި ދުވަހު "ވަގުތު" ނޫހަން ދީފައިވާ އިންޓަވިއުއަކުން ބުނާ އަޑު އިވެނީ، ފުރަތަމަ މަރުހަލާގައި އޯޕަން ޑިވިޝަނުން ތިންވަނަ ޑިވިޝަނަށް 18 ކްލަބް ކޮލިފައި ކުރާނެ ކަމަށެވެ. އަދި މި 18 ކްލަބްގެ ތެރެއިން ތިންވަނަ ޑިވިޝަނަށް ކަނަޑައަޅާފައިވާ 15 ޖާގަ އަށް ކްލަބްތައް މަދުކުރާނެ ކަމަށެވެ.

ކޮންމެ ޒޯނެއްގެ އޯޕަން ޑިވިޝަނުން ފުރަތަނަ މަރުހަލާގައި 18 ކްލަބް ކޮލިފައި ކުރާ ގޮތް ލަފާކޮށްލަމާތޯ އެވެ. ގަވާއިދެއް ނެތް ނަމަވެސް މެޗުތައް ވަނީ ތާވަލް ކޮށްފަ އެވެ. އެއީ ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވާ ހަ ރަށް ފާހަގަކޮށް، އެ އިން ކޮންމެ ރަށެއް އެއް ކްލަބަށް ތިރިކުރުމަށެވެ. މި މެޗުތައް ތާވަލް ކޮށްފައިވާ ގޮތް ތިރީގައި އެ ވަނީ އެވެ.

ފުރަތަމަ މެޗު ކުޅެން ތާވަލް ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހު ލ. ގަމުގަ އެވެ.

ރަށަކުން އެއް ކްލަބް ހޮވަން ކަނޑައަޅާފައިވާ ތާވަލް (އޯޕަން ޑިވިޝަން)

• ލ. ގަމުން ހަތަރު ކްލަބް (މާޗް 7-14 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• ލ. ކުނަހަންދޫން ދެ ކްލަބް (މާޗް 18-22 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• އައްޑޫ ހިތަދޫން ދެ ކްލަބް (މާޗް 26-30 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• އައްޑޫ ފޭދޫން ދެ ކްލަބް (މާޗް 27-31 އަށް) ކުޅުން އޮންނާނީ ޒޯން ތިނެއްގައި.

• ށ. ނަރުދޫން ދެ ކްލަބް (މޭ 13-17 އަށް) ކުޅުން އޮންނާނީ ޒޯން އެކެއްގައި.

• ބ. އޭދަފުށިން ދެ ކްލަބް (މޭ 20-24 އަށް) ކުޅުން އޮންނާނީ ޒޯން ދޭއްގައި.

ކުދި ރަށްތަކުން ފުޓުބޯޅަ ކުޅެން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ނުނިކުންނަކަން ބައިވެރިވި ރަށްތަކުގެ ރެކޯޑްތަކުން އެނގެ އެވެ. ފަންސާސް ހަތް ރަށުން ކްލަބް ބައިވެރިވެފައިވާއިރު، އެއް ރަށަކުން ދެ ކްލަބް ބައިވެރިވެފައި ވަނީ އެންމެ ފަސް ރަށުންނެވެ. ލ. ގަމުން ހަތަރު ކްލަބް ބައިވެރިވި އެވެ.

އެކަމަކު، ކްލަބަކީ ކްލަބެވެ. ވީމާ އެއް ރަށުން ދެ ކްލަބް ބައިވެރިވުމުން، ރަށުގެ އާބާދީއަށް ވެސް ބަލައިލުމެއް ނެތި، އެ ކްލަބްތަކަށް އަތޮޅާއި ގައުމީ ފެންވަރުގައި ކުޅުމުގެ ފުރުސަތު ގެއްލުވައިލުމަކީ ފުޓުބޯޅަ އަށް ވެސް އަދި އުފައްދަން މި އުޅޭ ޖަޒީރާ ލީގްގެ ނިޒާމަށް ވެސް ފަހިކަމެއް ނޫނެވެ.

ހަމަ މާލޭގެ ޒޯނެކޭ އެއްފަދައިން، އެއްރަށުގެ ދެ ކްލަބް ވެސް ޒޯނެއްގެ ތިންވަނަ ޑިވިޝަނަށް ވެސް ދެ ވަނަ ޑިވިޝަނަށް ވެސް އަދި އެއްވަނަ ޑިވިޝަނަށް ވެސް ކޮލިފައި ވެވިދާނެ އެވެ. މިސާލަކަށް ށ. ނަރުދު އާއި ބ. އަތޮޅު އޭދަފުއްޓާއި ލ. ކުނަހަންދު އާއި އައްޑޫ ހިތަދު އާއި ފޭދޫގެ ކްލަބްތައް އެންމެ ދެ މެޗަށް ފަހު ބާކީވާ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މި ފަދަ އުސޫލުތައް ދަމަހައްޓާ ނަމަ، ކްލަބް ބައިވެރިވުމަށް ހުރަސް އެޅޭނެ އެވެ. ދެނެގަންނަންޖެހޭ ހަގީގަތަކީ، ރަށެއްގެ ދެވަނަ ކްލަބަކީ އެހެން ހުރިހާ ރަށަކަށް ވުރެ ގަދަ ކްލަބަކަށް ވެސް ވެދާނެ ކަމެވެ.

މާލޭގެ ޒޯންގައި އެއް ކްލަބަށް ވުރެ ގިނަ ކްލަބަށް ހުރިހާ ފެންވަރެއްގައި ވެސް ބައިވެރިވެވެ އެވެ. އެހެން ރަށްރަށުގެ ކްލަބްތަކަށް މި އުސޫލެއް ނުހިނގަ އެވެ! ޕްރެމިއާ ލީގްގެ ނުވަ ކްލަބަކީ އެންމެ ރަށަކުން ނުކުންނަ ނުވަ ކްލަބެވެ. މާލެ ފިޔަވައި އެހެން ރަށެއްގެ އާބާދީ ކިތަންމެ ބޮޑު ނަމަވެސް މި އުސޫލެއް ނުހިނގަ އެވެ!

މުބާރާތެއްގައި ބައިވެރިވެގެން ކްލަބަކަށް، އެކަށީގެންވާ އަދަދަކަށް މެޗު ކުޅެން ނުލިބޭ ގޮތަށް އޮތުމަކީ ފަނާކުރެވެނި ކަމަކަށް ވާނެ އެވެ. އެކްސްކްލޫޝަން ނުވަތަ އެކަހެރި ކުރުމުގެ ހަމައަކަށް ވާނެ އެވެ.

ތިންވަނަ ޑިވިޝަން

އާ ފޯމެޓްގެ ދަށުން ކޮންމެ ޒޯނަކުން ވެސް ތިން ވަނަ ޑިވިޝަންގެ ކޮލިފައިން ކުޅޭނީ 18 ކްލަބް ހަ ގްރޫޕަށް ބަހާލައިގެން ކަމަށް ބުނެފައިވެ އެވެ.

- ޒޯން 1. މި ޒޯނުން ބައިވެރިވީ އެންމެ 17 ކްލަބެވެ. އެ ބުނާ 18 ކްލަބް ހަމަވެސް ނުވެ އެވެ. ވީމާ ނަރުދޫން ކްލަބެއް މަދުކުރާކަށް ނުވެސް ޖެހެ އެވެ.

- ޒޯން 2. މި ޒޯނުގައި 19 ކްލަބް ބައިވެރިވެފައިވާތީވެ، އޭދަފުށިން ކްލަބެއް ބާކީކުރުމުން 18 ހަމަވެ އެވެ. ނަމަވެސް ބާކީ ނުކޮށް، އެއް ގްރޫޕަށް ހަތަރު ވަނަ ޓީމުގެ ގޮތުގައި އޭދަފުށީގެ އަނެއް ކްލަބް ބައިވެރިކުރުން މާ ރަނގަޅެވެ. އޭދަފުށީގެ ދެ ކްލަބް ވެސް، ޒޯންގެ މަތީ ޑިވިޝަނަކަށް ކޮލިފައި ނުވެދާނެ ކަމަށް ބަލައިގެން ނުވާނެ އެވެ.

- ޒޯން 3. މި ޒޯންގައި 19 ރަށުން 25 ކްލަބް ބައިވެރިވެފައިވެ އެވެ. އެއް ކްލަބަށް މަދުކުރާ އުސޫލުން، ލ. ގަމުން ބައިވެރިވި ހަތަރު ކްލަބްގެ ތެރެއިން ތިން ކްލަބް ބޭރުކޮށްލަން ކަނޑައަޅާފައިވެ އެވެ. ހަމަ މި ގޮތަށް ރާއްޖޭގެ ދެވަނަ ސިޓީ ކަމުގައިވާ އައްޑޫ ހިތަދު އާއި ފޭދޫން ވެސް ކޮންމެ ރަށަކުން ކްލަބެއް ބާކީކުރަން ކަނަޑައަޅާފައިވެ އެވެ. މި ކްލަބްތައް ބޭރުކުރުމުގެ ބަދަލުގައި ގްރޫޕްތަކަށް ލައި، ފައިޓިން ޗާންސެއް ދިނުން މާ ބުއްދިވެރި އެވެ.

ކޮލިފިކޭޝަން މެޗްތައް ފަށަން ހަފުތާއަކަށް ވީ އިރު ވެސް، އެފްއޭއެމް އޮތީ "ވާނުވާ" ގައެވެ. މުބާރާތުގެ ގަވާއިދެއް އޮތް ކަމެއް އަދި ނެތް ކަމެއް ވެސް ނޭނގެ އެވެ. ވީމާ، އަންނަ ހަފުތާގެ ތެރޭގައި ވާނުވާ އޮޅުންފިލާ ވަރަކުން ދެ ވަނަ ޑިވިޝަނާއި އެއްވަނަ ޑިވިޝަނަށް ކޮލިފައި ކުރާ އުސޫލުތައް ސާފުވާނެ ކަމުގެ އުއްމީދުގައި މަޑުޖައްސައިލީމެވެ.

(ނޯޓް؛ ކުރީ ހަފުތާގައި ކ. އަތޮޅުގެ ހަތަރު ކްލަބް ވަނީ ނުގުނި ދޫވެފަ އެވެ. މި ކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. މި ހަތަރު ކްލަބް އެއްކުރުމުން ބައިވެރިވި ކްލަބްތަކުގެ ޖުމްލަ 61 އަށް އަރަ އެވެ.)