Roadha Mihaaru
ގަވާއިދާ ނުލައި މުބާރާތް ފަށައިފި، ކޮމިޝަނަރު ކޮބާ؟

ގަވާއިދާ ނުލައި މުބާރާތް ފަށައިފި، ސްޕޯޓްސް ކޮމިޝަނަރު ކޮބާ؟

09 މާޗް 2022

- އެފްއޭއެމަށް މުބާރާތް ރާވަން ނޭނގޭކަން ހާމަވެއްޖެ.

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

- އެފްއޭއެމަށް މުބާރާތް ރާވަން ނޭނގޭކަން ހާމަވެއްޖެ.

- ކްލަބްތަކަށް އޮޅުވާލައި 8 ކްލަބް މުބާރާތުން ބޭރުކޮށްލަނީ.

- އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ހައްގަށް އަރައިގެންފި.

- މާލެ އާއި އަތޮޅުތަކުގެ ކްލަބްތަކުގެ މެދުގައި ތަފާތުކުރޭ.

މާލެ ފިޔަވައި ރާއްޖޭގައި ދެން ހުރި ހުރިހާ ރަށެއް ތިން ޒޯނަށް ބަހާލައި، ކޮންމެ ޒޯނަކުން ހޮވޭ އެންމެ މޮޅު ކްލަބް، ޕްރެމިއާ ލީގަށް ކޮލިފައިވާނެ ކަމަށް އިއުލާނު ކުރުމުން ނުހަނު ފޯރީގައި 53 ރަށުން 61 ކްލަބް ބައިވެރިވި އެވެ. ނަމަވެސް، ބޮޑު ބައި އެޅީ މާލެއަށެވެ. އަތޮޅުތަކަށް ތިން ޖާގަ ދިން އިރު މާލެ އަށް ތިންގުނަ އިތުރަށް ނުވަ ޖާގަ ދީފި އެވެ. އެކަމަކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވަނީ؛ "އަޅުގަނޑުމެން މި ހުޅުވާލަދެނީ ހަގީގަތުގައި އަތޮޅުތަކަށް ވެސް މާލެ އަށް ވެސް ހަމަހަމަ ފުރުސަތެއް. ކުއްލިއަކަށް ފޯމެޓެއް އައިސްފައި ލޯގޯއެއް އައީކީއެއް ނޫން...." ކަމަށެވެ.

އަދި މި ވަރަކުން ވެސް ވީކީ ނޫނެވެ! ކޮލިފިކޭޝަން މެޗްތައް ފެށިއިރު ގަވާއިދެއް ނެތެވެ. ކްލަބްތައް ތިބީ އެފްއޭއެމްގެ ވެރިންގެ މާނައިން ފުރިފައިވާ ބަސްފުޅުތަކުން އުފަލުން ފޮޅިފަ އެވެ. މި ބޭފުޅުންގެ ދުރުވިސްނުމަށް އިތުބާރު ކޮށްގެންނެވެ. މި ހަފުތާގައި ކަންކަން ނިއުޅެމުން އަންނަ ގޮތް ބަލާލަމާތޯ އެވެ.

ގަވާއިދެއް ނެތް!

އަޅުގަނޑުމެން ފުޓުބޯޅަ ކުޅެ އުޅުނީ ބާޑިފަށުގަ އެވެ. ނަމަވެސް މިއަދު ރާއްޖޭގައި ފީފާ ވެސް ފިއްކަނޑައިގެންދާ ފެންވަރުގެ ތައުލީމީ ފުޓުބޯޅަ ޝަހުސިއްޔަތުން ބައިވަރެވެ. އެކަމަކު، މިފަދަ ފުންނާބު އުސް ބޭބޭފުޅުންގެ ބެއްލެވުމުގެ ދަށުން މި އޮތް ފަދަ ޒަމާނުގައި، ލީގު ކޮލިފިކޭޝަން އެ ފަށަނީ ގަވާއިދެއް ނެތި އެވެ. ތަޖުރިބާގެ ގޮތުން ދެވަނައެއް ނެތް ޓެކްނިކަލް ކޮމިޓީއަކުން އެކުލަވައިލި ކަމަށް ބުނާ "އާ ފޯމެޓް" ރަށްފުށު ކްލަބްތަކަށް އޮޅުންފިލުވައި ދެއްވުމަށް އެ ބޭފުޅުން ރަށްރަށަށް ވަޑައިގެންނެވި ޚަބަރެއް ނުވެ އެވެ. ވަޑައިގެންނެވި ނަމަ ފޮޓޯ ފެނުނީހެވެ. ޒުވާން ސެކްރެޓަރީ ޖެނެރަލް ވިދާޅުވަނީ އާ ފޯމެޓަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު އެކުލަވައިލި ފޯމެޓެއް ކަމުގަ އެވެ.

އޭނާ ވިދާޅުވީ، ފުޓްބޯޅަ އަށް ބޭނުންވާ މުހިންމު ބަދަލުތައް ގެންނައިރު، ކުރިން ފުޓްބޯޅައިގެ އެކި މަގާމުތަކުގައި މަސައްކަތްކުރި މީހުން ކުރި ގޮތަށް މިހާރު ނުކޮށްފާނެ ކަމަށެވެ. ކަންކަން ކުރުމުގައި މަޝްވަރާގެ އުސޫލު އިސްކޮށް، ރަނގަޅު ގޮތް ހޯދުމުގެ ކަންކަން އަބަދުވެސް ކުރެވޭނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވެ އެވެ.

ގަވާއިދެއް ނެތުނީމާ އިންސާފެއް ވެސް ނޯންނާނެ އެވެ. މެޗުތައް ފެށީ ވެސް އޮޅުންބޮޅުމުގެ ތެރެއިން ކަތި ފިޔަވަޅުތަކުގެ މައްޗަށެވެ.

ލީގު ކޮލިފިކޭޝަންގެ ފުރަތަމަ ބުރަކީ އޯޕަން ޑިވިޝަނޭ ކިޔާ ބުރެކެވެ. މިއީ، ލީގު ސްލޮޓެއްގެ އުއްމީދުގައި ބައިވެރިވި 61 ކްލަބްގެ ތެރެއިން 8 ކްލަބް، މުބާރާތް ރަނގަޅަށް ނުފެށި އުޅެނިކޮށް ބޭރުކޮށްލުމުގެ ބުރެކެވެ. މިކަން ކުރުމަށް އެފްއޭއެމުން ގެންގުޅޭ ހުއްޖަތަކީ މާލެ ފިޔަވައި އެހެން އެއްވެސް ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިއެއް ނުކުރެވޭނެ ކަމަށް ބުނެ އަޑުއެރުވުމެވެ. މިއީ ކޮން ޒާތެއްގެ ވާހަކައެއް ކަމެއް އެނގޭ ހަމަ އެކަކު ވެސް ނެތެވެ.

އެންމެ ފަހުން، ފެބްރުއަރީ 28 ގައި ރާއްޖޭގެ ނޫހެއްގައި އެފްއޭއެމްގެ ކޮންސަލްޓަންޓް ދައްކަވާފައިވާ ވާހަކައިގެ ރާގު ހުރީ ދެ ފެން ދޭތެރޭގަ އެވެ.

"މި އަހަރު ރަށަކުން ޓީމެއް ގެނެސްގެން އެކަން މި ކުރަނީ. މިސާލަކަށް މި އަންނަ އަހަރު ސިޓީގެ ދަރަޖަ ދީފައި ހުރި ޓީމުތަކަށް އަވަށްތަކުގެ ނަމުގައި ބައިވެރިވެވޭ ގޮތް ވެސް ހެދިދާނެ. ދެން ހެދިދާނެ ރަށަކުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެެރިވެގެން ވެސް އާދެވޭ ގޮތަށް،" ފޯމެޓަށް އަތުވެދާނެ ބަދަލަކަށް އިޝާރާތްކޮށް ކޮންސަލްޓަންޓް މުހައްމަދު އާދަމް ބުންޏެވެ.

މިވީ ކޯޗަކަށްތޯ އެވެ؟ "މި އަހަރު ރަށަކުން ޓީމެއް ގެނެސްގެން އެ ކަން މިކުރަނީ..." ކީއްވެތޯ އެވެ؟ ސިޓީގެ ދަރަޖަ ލިބިފައިވާ އައްޑޫން މި އަހަރު ދެ ކްލަބް ބާކީ ކޮށްލަނީ ކީއްވެތޯ އެވެ؟ އެންމެ ފަހުން އެ ވިދާޅުވަނީ "...ދެން ހެދިދާނެ ރަށަކުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވެގެން ވެސް އާދެވޭ ގޮތަށް". މި ޖެހުނީ ކޮންތާކުތޯ އެވެ؟ ލ. ގަމުގައި މި ވަގުތު އެ ދަނީ ތިން ކްލަބް ކަތިލަމުންނެވެ.

ކޮންސަލްޓަންޓް އެ ޖެއްސެވީ 360 ޑިގްރީގެ ބުރެކެވެ! އެފްއޭއެމްގެ އާ ފޯމެޓްގެ ބާނީންގެ ގޮތުގައި، އެ ޖަމިއްޔާގެ ފުންނާބު އުސް "ޓެކްނިކަލް ކޮމިޓީގެ" މޮޅު ބޭބޭފުޅުންގެ ނަންތައް މިފަދަ މީޑިއާ ޚަބަރުތަކުގައި އަތުރައިލުމުން ޖެހިލުންވާނެ އެވެ. އެ ފަދަ ބޭބޭފުޅުންގެ ނަމުގައި ނިންމަވާ ފުޓުބޯޅައިގެ މިފަދަ ކަންކަމުގައި ބަސް ބުނަން ކެރޭނެ މީހަކު މި ރާއްޖޭގައި ނުހުންނާނެ ފަދަ އެވެ! އެހެންވީމާ މިކަމާ ސުވާލެއް ކޮށްލަން ކެރޭނީ ކާކަށްތޯ އެވެ؟ ދެން ފަހެ، ރާއްޖެތެރޭގެ ކްލަބަކަށް ސުވާލެއް ކޮށްލަން ކެރޭނެތޯ އެވެ؟ ގަވާއިދެއް ނުލިބޭތީވެ ކްލަބްތަކަކަށް ވާނުވާއެއް ނޭނގެ އެވެ. ކްލަބްތައް ތިބީ އެފްއޭއެމަށް އިތުބާރު ކޮށްގެނެވެ. ޗުއްޕު ވެސް ބުނެނުލަ އެވެ. ބަސް އަހައިގެން ވިދާޅުވި ގޮތަކަށް ކަން ކުރަން ތައްޔާރަށެވެ. ކޮމިޝަނަރު އޮފް ސްޕޯޓްސް ހުންނަނީ ކުޅިވަރުގައި އިންސާފު ގާއިމު ކޮށްދިނުމަށެވެ. މި ހިސާބަށް ކަންތައް ދިޔައިރު ވެސް ކޮމިޝަނަރަކަށް ވާނުވާއެއް، ތަނެއް ދޮރެއް އެނގޭ ކަމަކަށް ނުވެ އެވެ! މިނިސްޓަރު ވެސް ހަވާ އަރުވަނީ ވިއްޔާ އެވެ!

އޯޕަން ޑިވިޝަނަކީ ކޮބާ؟

ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި އޯޕަން ޑިވިޝަނެއް އޮންނާނެ ކަމަށް ބުނެ އެވެ. ގަވާއިދެއް ނެތުމުން، އޯޕަން ޑިވިޝަނަކީ ކޯޗެއް ކަމެއް ކްލަބްތަކަކަށް ފަހުމެއް ނުވެ އެވެ. އެހެން ތިއްބާ ފެބްރުއަރީ 20 ގައި ފޭސްބުކްގައި ޖެހި ޕޯސްޓަކުން އެނގުނީ، އޯޕަން ޑިވިޝަނަކީ ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެއްޖެ ނަމަ އިތުރުވާ ކްލަބްތައް ބާކީކުރަން ކުޅޭ މެޗުތަކެއް ކަމެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، "އެލިމިނޭޝަން" މެޗެވެ! އޯޕަން ޑިވިޝަންގެ ނަމުގައި، ކްލަބްތައް ބާކީކުރާ މެޗުތައް ތާވަލް ކޮށްފައިވާ ގޮތް ތިރީގައި އެ ވަނީ އެވެ.

ހަ ރަރަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވެ އެވެ. އެއްރަށުން އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ލ. އަތޮޅު ގަމުންނެވެެ. އެއީ ހަތަރު ކްލަބެވެ. އޯޕަން ޑިވިޝަނޭ ކިޔައި މާޗް 7 ގައި ފަށައިގަތީ ލ. ގަމުންނެވެ. އެ ރަށުން ބައިވެރިވި ހަތަރު ކްލަބުން ތިން ކްލަބް ބޭރުކުރަން ކުޅޭ ބުރުންނެވެ. މިއަދާ ހަމައަށް ދެ މެޗު ކުޅެފި އެވެ. ހައްދަވައިގެން ކަމަކާ ނުލައި މި އޮތް މުބާރާތުން ބާކީކޮށްލަނީކަން އެނގޭއިރު ވެސް ބަސް އަހައިގެން ކުޅެ ނަގަނީ އެވެ!

ގަމުން ތިން ކްލަބް ބޭރުކޮށްލުމަށް ފަހު، ދެން ދިމާކުރުން އޮތީ އެ އަތޮޅުގެ ކުނަހަންދުއާ އެވެ. އެ ރަށުން ވެސް ދެ ޓީމް ބައިވެރިވެފައިވާތީ، ކުށްވެރިވީ އެވެ! އާ ފޯމެޓްގެ ދަށުން އެއް ޓީމު ބޭރުކޮށްލަންޖެހެ އެވެ. އެ އަށް ފަހު އައްޑޫ ހިތަދޫގެ ކްލަބެއް ގެއްލުވައިލަ އެވެ. ޖެހިގެން އަންނަ ދުވަހު ފޭދޫގެ ކްލަބެއް ޖައްވަށް ފޮނުވައިލާނެ އެވެ. ރޯދައިގެ ފަހުން އޮތީ ށ. ނަރުދު އާއި ބ. އޭދަފުއްޓަށް ހަމަލާދިނުމެވެ. މި ހަމަލާތައް ނިމޭއިރު އަށް ކްލަބް އޮންނާނީ ޖައްވަށް، ފަޒާ އަށް ފޮނުވާލއިފަ އެވެ. ލީގު ކޮލިފިކޭޝަން ކުޅެން ބާކީ ތިބޭނީ 53 ކްލަބެވެ.

ރަށަކަށް ކްލަބެއް މަޖުބޫރުކުރަނީ ކީއްވެ؟

ރަށަކަށް އެއް ކްލަބް މަޖުބޫރު ކުރާ ސަބަބެއް ހަމަ އެކަކަށް ވެސް ނޭނގުނެވެ. ހުދު ކޮންސަލްޓަންޓަށް ވެސް ދެ ފަހަރު އެކައްޗެއް ވިދާޅެއް ނުވެވެ އެވެ.

"ރަށަކުން އެއްޓީމު ހެދީ ފޯރިއަށް ބަލާފައި" ކަމަށް ރިޕޯޓް ކުރައްވަ އެވެ. ކޮންސަލްޓަންޓްގެ ބަސްފުޅު ތަފްސީލް ކޮށްދެއްވަމުން ލިޔުއްވާފައި ވަނީ؛ ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގައިވާ ގޮތުން ރަށެއް ތަމްސީލް ކުރަން ފަހަރަކު ފުރުސަތު ލިބެން އޮތީ އެއް ޓީމަކަށެވެ. އެއް ރަށުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެެރިވެއްޖެ ނަމަ އެ ރަށެއްގެ މެދުގައި އޯޕަން ޑިވިޝަން ރައުންޑެއް ކުޅެފައި ރަށް ތަމްސީލް ކުރުމުގެ ފުރުސަތު ލިބޭނީ އެއް ޓީމަކަށެވެ.

މި އުސޫލު ދަމަހައްޓައިގެން އެފްއޭއެމަށް ހާސިލް ކުރެވޭ ކަމަކީ ކޮބައި ކަމެއް ވެސް އޮޅުމެއް ނުފިލަ އެވެ. ޔަގީންވާ ކަމަކީ ކްލަބްތަކަށް ވާނީ ކަނޑައެޅިގެން ގެއްލުން ކަމެވެ. ޕްރިމިއަ ލީގަށް ކޮލިފައިވުމުގެ ފޮނި އުއްމީދުގައި ކުރިމަތިލުމުން، އެކަށީގެންވާ ސަބަބެއް ނުދައްކައި އޯޕަން ޑިވިޝަނޭ، ރަށު ފެންވަރޭ ކިޔައި ހުރަސްއެޅުމުގެ ހައްގު އެފްއޭއެމަކަށް ނޯންނާނެ އެވެ. ދައްކަވާ ވާހަކަ އަޑުއައްސަވާލައްވާށެވެ؛ މުހައްމަދު ބުނީ އޯޕަން ޑިވިޝަން މިހާރު އޮތް ގޮތަށް އެ އޮތީ ފޯރި އަށް ވިސްނާފައި ކަމަށެވެ.

"މިސާލަކަށް އާބާދީގައި 500 މީހުން ހުއްޓައި، އެއް ރަށުން ދެ ތިން ހަތަރު ޓީމުން އައިސް ކުޅެން ފަށައިފިއްޔާ އަސްލު ވެސް ރަށުގައި ބޭނުންވާ ފޯރި ކުޑަވެގެންދާނެ. އެއީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގައި ވެސް ދިމާވާ އެއް މައްސަލަ،" މުހައްމަދާ ހަވާލާދީ އަދަދު ނޫހުގައި ވެ އެވެ.

އެ ވިދާޅުވަނީ ފަހެ ކީކޭތޯ އެވެ؟ ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެގެން މި އުޅެނީ ކޮންމައްސަލައެއް ތޯއެވެ؟ މިފަދަ މާނައެއް ނެތް ކަންކަން އެ ކުރަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ! ކޮންސަލްޓަންޓް މިހެން ވިދާޅުވި ނަމަވެސް، ފޯމެޓަކަށް ބަދަލެއް ގެންނާކަށް ނޫޅެ އެވެ. މި ކުރެވެނީ ތާކުންތާކު ޖެހޭ ކަމެއް ނޫންކަން އެނގޭއިރު، އަންނަ އަހަރަށް މަޑުކުރަންޖެހޭ ސަބަބެއް ނެތެވެ. އަދި ގަވާއިދެއް ނެތި، ރަށްރަށުގެ ކްލަބްތަކަށް އޮޅުވާލައިގެން ކްލަބްތަކުގެ ހައްގުތަކަށް އަރައިގަންނައިރު، މި ކުރެވެނީ ކީއްކަން ވެސް އެފްއޭއެމަކަށް އެނގޭ ކަމަކަށް ނުވެ އެވެ.

މާޗް 7، 2022 ގައި ލ. ގަމުގައި، ދިވެހި ޕްރިމިއާ ލީގް ކޮލިފިކޭޝަންގެ "އޯޕަން ޑިވިޒަން" މެޗްތައް ފެށިއްޖެ އެވެ. ގަވާއިދެއް ނެތުމުން "އޯޕަން ޑިވިޒަން" މާނަކުރައްވަން ތިއްބެވީ އެފްއޭއެމްގެ ވެރިންނެވެ. ފުންނާބު އުސް ކޮންސަލްޓަންޓާއި ޓެކްނިކަލް ކޮމިޓީ އެވެ. ޒުވާން ސެކްރެޓަރީ ޖެނެރަލާއި ރައީސެވެ. ރޯދައިގެ ކުރިން ގަމާއި ކުނަހަންދު އާއިި އައްޑޫން ހަ ކްލަބް ޑިސްކޮލިފައި ކުރާނެ އެވެ. ރޯދައަށް ފަހު ނަރުދު އާއި އޭދަފުށިން އަނެއް ދެ ކްލަބް ޑިސްކޮލިފައި ކުރާނެ އެވެ.

ޕްރިމިއަ ލީގު ކޮލިފިކޭޝަން އަދިވެސް އޮތީ ކުރިއަށެވެ. ފުރަތަމަ ބުރުން އެއްވެސް ސަބަބެއް ނެތި 8 ކްލަބްގެ ވާދަކުރުމުގެ ފުރުސަތު ގެއްލުވާލައިފި އެވެ. ދެން އޮތީ އެއްފަސްކޮށްފައި އޮތް މާލޭގެ މޮޑެލް، ދުރުދުރުގައި އޮތް ރަށްތަކެއްގެ މައްޗަށް ގަދަކަމުން ފައްތަން އުޅޭ އުޅުމެވެ. ގަވާއިދެއް ނެތުމުން، ދެން ވާނެ ގޮތެއް ވެސް އެނގޭނީ އެފްއޭއެމްގެ އާ ރިވާއަކުންނެވެ.