Roadha Mihaaru
ބެލެނިވެރިން ފޯނަށް މޮޔަވެ ދަރިން ނުރައްކަލަށް ހުށަހެޅިއްޖެ

ބެލެނިވެރިން ފޯނަށް މޮޔަވެ، ދަރިން ނުރައްކަލަށް ހުށަހެޅިއްޖެ

08 ޖޫން 2016

ސްމާޓްފޯނުގެ ޖާދޫގައި ޖެހި ބެލެނިވެރިން އޭގެ ތެރެއަށް ގެއްލި ދަރިންނަށް ސަމާލުކަން ނުދީ ތިއްބާ ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރަކު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސްމާޓްފޯނުގެ ޖާދޫގައި ޖެހި ބެލެނިވެރިން އޭގެ ތެރެއަށް ގެއްލި ދަރިންނަށް ސަމާލުކަން ނުދީ ތިއްބާ ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރަކު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ވަރަށް ސީނިއާ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ރާހުލް ޗައުދަރީ "އިންޑިޕެންޑެންޓް" ނޫހަށް ވިދާޅުވެފައި ވަނީ ފޯނަށް ގެއްލިފައި ތިބުން ހުއްޓާލަން ވެއްޖެ ކަމަށާއި އެހެން ނޫން ނަމަ ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާނެ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އިނގިރޭސި ވިލާތުގައި މިހާރުވެސް މި މައްސަލަ ވަރަށް ބޮޑުވެއްޖެ ކަމަށާއި ބެލެނިވެރިން ފޯނަށް ސަމާލުކަން ދީގެން ތިއްބާ ނުރައްކާތެރި ހާދިސާތައް ހިނގުމާއި އެފަދަ ހާލަތެއް މެދުވެރިވެދާނެ ފަދަ ކަންތައް ހިނގުން އިތުރުވަމުން އަންނަ ކަމަށެވެ.

ޗައިލްޑް އެކްސިޑެންޓް ޕްރިވެންޝަން ޓްރަސްޓް އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ކުޑަކުދިން ހިމެނޭ އެކްސިޑެންޓްތަކަށް ބަލާއިރު، 15 ޕަސެންޓަކީ ކުދިންނާ ހަވާލުވެގެން އުޅޭ މީހުން ފޯނަށް ސަމާލުކަން ދީގެން ތިއްބާ ހިނގާ ހާދިސާތައް ކަމަށެވެ. އެގޮތުން، ކުޑަކުދިން މަގުމަތީގައި ހިނގާފައި ދަމުން ވެހިކަލް ދުއްވާ ހިސާބަށް ނިކުތުން ފަދަ ކަންތައް ވަރަށް ގިނަ ފަހަރަށް ހިނގަނީ ކުދިންނާ ހަވާލުވެގެންދާ މީހުން ފޯނަށް ގެއްލިފައި ތިބޭ ވަގުތު ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގައި ދާދި ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އެ ގައުމުގެ ކޮންމެ ތިން މީހަކުން އެކަކު، ނިދާ ހޭލުމަށް ފަހު ފަސް މިނެޓް ތެރޭގައި ފޯނު ޗެކްކޮށްލަ އެވެ.

ރޯޔަލް ކޮލެޖް އޮފް ޕީޑިއެޓްރިކްސް އެންޑް ޗައިލްޑް ހެލްތުގެ ޑޮކްޓަރު ޗައުދަރީ ވިދާޅުވެފައި ވަނީ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގަނީ ކޮންމެވެސް ކަމަކަށް ސަމާލުކަން ދޫކޮށްލައިގެން ހުންނަ ވަގުތު ކަމަށާއި މިހާރު އެގޮތަށް މެދުވެރިކުރުވާ އާންމު އެއްޗަކަށް ފޯނު ވަމުން އަންނަ ކަމަށެވެ.

"އެކްސިޑެންޓެއް ހިނގަން ފަޅި ސިކުންތެއް ވެސް ނުނަގާނެ. އަޅުގަނޑުގެ އިލްތިމާސަކީ ފުރާވަރުގެ ކުދިންނާއި ބެލެނިވެރިން ވެސް ފޯނާ ދުރުވެ، ސަމާލުކަން ލިބޭ ގޮތަށް އުޅުން ބަދަލުކުރުން،" ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.