Roadha Mihaaru

ސްކޫލްތަކުގައި ފޯނު މަނާކުރާ އުސޫލު ސިންގަޕޫރުގައި ހަރުކަށިކުރަނީ

ސިންގަޕޫރުގެ ސެކަންޑަރީ ސްކޫލުތަކުގައި ސްމާޓްފޯން އަދި ސްމާޓްވޮޗް ބޭނުންކުރުން މަނާކުރުމުގެ އުސޫލު އަންނަ ޖެނުއަރީ މަހުން ފެށިގެން ހަރުކަށިކުރާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސިންގަޕޫރު ސުކޫލްތަކުގައި ފޯނު މަނާކުރުން ހަރުކަށިކޮށްފި

ސިންގަޕޫރުގެ ސެކަންޑަރީ ސްކޫލުތަކުގައި ސްމާޓްފޯން އަދި ސްމާޓްވޮޗް ބޭނުންކުރުން މަނާކުރުމުގެ އުސޫލު އަންނަ ޖެނުއަރީ މަހުން ފެށިގެން ހަރުކަށިކުރާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

"ޑިޖިޓަލް ޑިސްޓްރެކްޝަން" އާ ދެކޮޅަށް ގައުމުތަކުން ފިޔަވަޅު އަޅަމުން އަންނައިރު، ޑިޖިޓަލް ގޮތުން އެންމެ ބޮޑަށް ގުޅި ލާމެހިފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރުގައި މިހާރު ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުންނަށް ސްމާޓްފޯން ބޭނުންކުރުން މަނަލީ ހަމައެކަނި ކްލާސްރޫމުގަ އެވެ.

އެކަމަކު މިހާރު ނިންމާފައިވަނީ ސްކޫލްގެ ކިޔެވުން ނިމެންދެން ފޯނުތައް ވަކި ލޮކަރުތަކެއްގައި ނުވަތަ ދަބަހުގައި ބޭއްވުން މަޖުބޫރުކުރުމަށެވެ.

މި ފިޔަވަޅު އަޅަން ނިންމީ ދަރިވަރުންނަށް ސްކޫލް ވަގުތަކީ ކިޔެވުމަށް ވުރެ އެހެން އެއްވެސް ކަމެއް މުހިންމު ނުވާނެ ގޮތެއް ހެދުމަށާއި ފައިދާ ހުރި ގޮތުގައި ސްކްރީން ޓައިމް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެކަމަކު ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެ ދަރިވަރަކަށް ފޯނު ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ސްކޫލްތަކަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ދަރިވަރުން ސްކްރީން ކައިރީ ހޭދަކުރާ ވަގުތާ ހެދި ނިންޖާއި ޖިސްމާނީ ހަރަކާތްތަކާއި ރައްޓެހިންނާއި އާއިލާއާ އެކު މުއާމަލާތްކުރުން ފަދަ މުހިންމު ކަންކަމާ ދުރުވަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޔުނެސްކޯ އިން ބުނާ ގޮތުގައި މުޅި ދުނިޔޭގައި މިހާރު ތައުލީމީ ނިޒާމުގެ 40 ޕަސެންޓުން މިހާރު ވަނީ ސްކޫލުތަކުގައި ސްމާޓްފޯން ބޭނުންކުރުން މަނާކޮށްފަ އެވެ.

އަންނަ ހަފްތާގައި އޮސްޓްރޭލިއާއިން އަދި އިތުރު ފިޔަވަޅެއް މި ދާއިރާއިން އަޅައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާނެ އެވެ.

ޔުނެސްކޯގެ ވެބްސައިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާގެ ޒެންގްޒޫގައި ސްކޫލްތަކުގައި ވެސް ފޯނު މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، ކިޔެވުމުގެ ބޭނުމަކަށް ނޫނީ ދަރިވަރުންގެ އަތަށް ފޯނު ދެވެނީ އެ ހުއްދަ ބެލެނިވެރިޔާ ލިޔުމަކުން ދިނުމުންނެވެ.