Roadha Mihaaru
ނިއު ޔޯކް ޓައިމްސްގައި ސެރީނާގެ ނުބައި ފޮޓޯއެއް

ސެރީނާގެ ނަމުގައި ނިއު ޔޯކް ޓައިމްސްގައި ޖެހީ އޭނާގެ ދައްތަގެ ފޮޓޯއެއް

04 މާޗް 2022

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްގެ ނަމުގައި ނިއު ޔޯކް ޓައިމްސްގެ ޚަބަރެއްގައި އޭނާގެ ދައްތަ ވީނަސް ވިލިއަމްސްގެ ފޮޓޯއެއް ޖެހުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްގެ ނަމުގައި ނިއު ޔޯކް ޓައިމްސްގެ ޚަބަރެއްގައި އޭނާގެ ދައްތަ ވީނަސް ވިލިއަމްސްގެ ފޮޓޯއެއް ޖެހުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.

އަލަށް ފަށާ ވިޔަފާރީތަކަށް ސަޕޯޓްކުރުމުގެ ގޮތުން ސެރީނާ އުފައްދާފައިވާ "ސެރީނާވެންޗާސް" ފަންޑަށް 111 މިލިއަން ޑޮލަރު އެއްކުރި ޚަބަރު ނިއު ޔޯކް ޓައިމްސް އިން އިއްޔެ ގެނެސްދިން އިރު، އެ ޚަބަރު ޕްރިންޓް ނޫހުގައި ޖެހި އިރު ބޭނުންކޮށްފައި ވަނީ ވީނަސްގެ ފޮޓޯއެކެވެ. އެކަމަކު އޮންލައިންގައި ފޮޓޯ އިނީ ރަނގަޅަށެވެ.

އެކަމާ ހިތްހަމަނުޖެހި ޕްރިންޓް ނޫހުގެ ފޮޓޯއަކާ އެކު ސެރީނާ ކުރި ޓުވީޓެއްގައި ބުނީ މީހާ ކިތައްމެ ކުރިއަރައިގެން ދިޔަސް ދައްކޮށްލުމުގެ ގޮތުން ތަފާތު ކަންކަން ކުރިމަތިކުރުވާ ކަމަށާއި އަދިވެސް މީހާ އަށް ކަމެއް ނުވާކަން ދެއްކުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.

ސެރީނާވެންޗާސް ފެށީ ސިސްޓަމްގެ ތެރޭގައި ހުރި އެ ކަހަލަ ތަފާތުކުރުންތަކުން އެކަހެރިކޮށްލާފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ކަމަށާއި އެ ތަފާތުކުރުން އަދިވެސް އޭނާ އަށް އަމާޒުވާ ކަމަށް ބުނެ، ސެރީނާ ވަނީ ނިއު ޔޯކް ޓައިމްސް ޓެގުކޮށް ފާޑުކިޔައިފަ އެވެ.

އެ ޓުވީޓަށް ރިޕްލައިކޮށް، ނިއު ޔޯކް ޓައިމްސް އިން ވަނީ އެއީ އެމީހުންގެ "މިސްޓޭކެއް" ކަމަށް ބުނެފަ އެވެ. އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށާއި އެކަން އިސްލާހުކޮށް މިއަދުގެ ނޫހުގައި ރަނގަޅު ފޮޓޯއާ އެކު އެ ޚަބަރު އަލުން ޖަހާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

މީގެ ކުރިން އެހެން ބައެއް ނޫސްތަކުގައި ވެސް އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ނުބައި ފޮޓޯތައް ނޫސްތަކުގެ ޖެހި މައްސަލަތައް ފެންމަތިވެފައިވެ އެވެ.