Roadha Mihaaru
އަނިޔާއާ ހެދި ސެރީނާ އަނެއްކާ ވެސް މެޗެއް ދޫކޮށްލައިފި

އަނިޔާގެ ސަބަބުން ސެރީނާ އަނެއްކާ ވެސް މެޗެއް ދޫކޮށްލައިފި

15 އޯގަސްޓް 2019

އޮހިއޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 15) - އަނިޔާގެ ސަބަބުން ކުޅެވެން ނެތުމުން ސިންސިނާޓީ މާސްޓާސް ފުރަތަމަ ބުރުގައި އިއްޔެ ޖަޕާނުގެ ޒެރިނާ ޑިޔާސްއާ ދެކޮޅަށް ކުޅެން އޮތް މެޗު މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ދޫކޮށްލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޮހިއޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 15) - އަނިޔާގެ ސަބަބުން ކުޅެވެން ނެތުމުން ސިންސިނާޓީ މާސްޓާސް ފުރަތަމަ ބުރުގައި އިއްޔެ ޖަޕާނުގެ ޒެރިނާ ޑިޔާސްއާ ދެކޮޅަށް ކުޅެން އޮތް މެޗު މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ދޫކޮށްލައިފި އެވެ.

މިއީ އަނިޔާގެ ސަބަބުން މެޗެއް ފުރިހަމަ ނުކުރެވިގެން އުމުރުން 37 އަހަރުގެ ސެރީނާ އަށް މި އަހަރު މުބާރާތް ނިމުނު ފަސް ވަނަ ފަހަރެވެ. އެއީ މި އަހަރު ގްރޭންޑް ސްލޭމް ފިޔަވައި އަނެއް ފަސް މުބާރާތުގަ އެވެ. ސެރީނާ ވަނީ މިދިޔަ ހަފްތާގައި ކުޅުނު ރޮޖާސް ކަޕް ފައިނަލުގައި އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗު ދޫކޮށްލައިފަ އެވެ. އެހެންވެ، މެޗު ނުކުޅި އެ ތަށި ލިބުނީ ކެނެޑާގެ ބިއަންކާ އަންޑްރެސްކޫ އަށެވެ.

ސެރީނާ ބުނީ އޭނާ ސިންސިނާޓީ މުބާރާތަށް އައީ ވަރަށް ބޮޑު ޔަގީންކަމާ އެކު މުބާރާތް އެއްކޮށް ފުރިހަމަކުުރުމަށް ކަމަށާއި އެހެން ނަމަވެސް އެކަން ނުވެދިއުމުން ލިބުނީ މާޔޫސްކަމެއް ކަމަށެވެ.

"އަހަރެން އޮހިއޯ އަށް އައީ މި މުބާރާތަށް ތައްޔާރުވާންޖެހޭ އެންމެ ފުރިހަމަ އަށް އެކަން ކޮށްގެން. އެކަމަކު އަނެއްކާ ވެސް މި ދިމާވީ އަނިޔާގެ މައްސަލަ. އަހަރެންނަށް އަނެއްކާވެސް މި އޮތީ އާ އުއްމީދެއްގައި ފެށުން،" ސެރީނާ ބުންޏެވެ.

ސެރީނާ އަށް މި ފަހަރު ލިބުނު އަނިޔާއާ އެކު ދެ ހަފްތާ ފަހުން އޮތް ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގައި ކުޅެވުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުން ސެރީނާ ބަލިވީ އެ މެޗުގެ އަމްޕަޔަރާ ގިނަ މައްސަލަތަކެއް ޖެހި މެޗުގެ ސަމާލުކަން ގެއްލުމުންނެވެ. ޖަޕާނުގެ ނައޯމީ އޮސާކާއާ ދެކޮޅަށް ކުޅުނު މެޗުގައި މައްސަލަ ޖެހުނީ ދެ ވަނަ ސެޓުގައި ސެރީނާގެ ކޯޗު ޕެޓްރިކް މޫރަޓޮގްލޫ މެޗުގެ މެދުތެރެއިން އިޝާރާތުން ސެރީނާ އަށް ކިޔައިދޭ މަންޒަރު ފެނުމުން އަމްޕަޔަރު ރާމޯސް އެކަމާ ފިޔަވަޅު އެޅުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ސެރީނާ ވަނީ އޭނާ މަކަރު ނަހަދާނެ ކަމަށް ބުނެ، އޭނާ ކުޅެން ގެންގުޅުނު ރެކެޓް ބިންމައްޗަށް އެއްލާލައިފަ އެވެ.

އެ މެޗުގައި ސެރީނާގެ ހަރަކާތްތައް ހުރި ގޮތުން އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ވަނީ ސެރީނާ 13،100 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ސެރީނާ ވަނީ މިހާތަނަށް 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭނާ މިހާރު އަމާޒު ހިފާފައިވަނީ 24 ގްރޭންޑް ސްލޭމް ހަމަކޮށް އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ މަގަރެޓް ކޯޓް ހަދާފައިވާ ރެކޯޑަކާ ހަމަކުރުމަށެވެ.

ދަރިއަކު ހޯދުމަށް ފަހު މިދިޔަ އަހަރު އަލުން ޓެނިސް ކުޅެން ފެށި ސެރީނާ އަށް އޭގެ ފަހުން އަދި ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ނުކުރެވެ އެވެ. މިދިޔަ ޖުލައި މަހު އޮތް ވިމްބަލްޑަންގެ އަންހެން ސިންގަލްސް ފައިނަލުގައި ރުމޭނިއާގެ ސިމޯނާ ހަލެޕް ވަނީ ސެރީނާ ބަލިކޮށްފަ އެވެ.