Roadha Mihaaru
128މިލިއަން ހޯދައި ބެޓްމޭންގެ ފެށުން ވަރުގަދަކޮށްފި

128 މިލިއަން ޑޮލަރު ހޯދައި، ބެޓްމޭންގެ ފެށުން ވަރުގަދަކޮށްފި

07 މާޗް 2022

ޑީސީގެ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން" ދައްކަން ފެށި ފުރަތަމަ ހަފުތާ ބަންދުގައި އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ޑީސީގެ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން" ދައްކަން ފެށި ފުރަތަމަ ހަފުތާ ބަންދުގައި އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ބޮކްސް އޮފީހުން ބުނި ގޮތުގައި މިދިޔަ ހަފުތާ ބަންދު ނިމުނުއިރު އެ ފިލްމަށް 128 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ ކޮވިޑް-19ގެ ފަހުން ސިނަމާގައި ދައްކަން ފެށި ފިލްމުތަކުގެ ތެރެއިން، ފުރަތަމަ ހަފުތާ ބަންދުގައި ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމެވެ. އަދި މި އަހަރުގެ އެންމެ ވަރުގަދަ ފެށުން ކަމަށް ވެސް ބުންޏެވެ.

ކޮވިޑްގެ ފަހުން ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާއި ރިކޯޑް ހަދާފައި ވަނީ މާވެލްގެ ސުޕަހީރޯ ފިލްމު "ސްޕައިޑަމޭން: ނޯ ވޭ ހޯމް" އެވެ. އެ ފިލްމުގެ ފެށުން ވަރުގަދަކުރީ 260 މިލިއަން ޑޮލަރު ހޯދައިގެންނެވެ.

ވަރަށް ރަނގަޅު ރިވިއުތައް ލިބެމުން އަންނަ "ދަ ބެޓްމޭން" ހެދީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ވޯނާ ބްރޯސްއިން އުފައްދާފައިވާ އެ ފިލްމު ސިނަމާގައި ދައްކަން ފެށިތާ 45 ދުވަސް ފަހުން އެޗްބީއޯ މެކްސްގައި ސްޓްރީމްކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޑީސީގެ އެންމެ އައިކޮނިކް އެއް ސުޕަހީރޯ ކަމަށްވާ ބެޓްމޭން، މުޅިން ތަފާތު ތީމަކަށް ގެނެސްދިން މި ފިލްމުގައި ބެޓްމޭން ނުވަތަ ބްރޫސް ވޭންގެ ރޯލު ކުޅުނީ ރޮބާޓް ޕެޓިންސަން އެވެ. އެ ފިލްމަކީ "ބެޓްމޭން" ގެ ވާހަކަ ގެނެސްދިން ނުވަ ވަނަ ފިލްމެވެ.

ރޮބާޓް ޕެޓިންސަންގެ އިތުރުން މި ފިލްމުން ދެން ފެންނާނީ ޒޯއީ ކްރެވިޓްސް އާއި ކޮލިން ފެރަލްގެ އިތުރުން ޖެފްރީ ރައިޓްސް އެވެ.