Roadha Mihaaru
ޑީސީގެ ގިނަ ފިލްމުތަކެއް ހަދަން ސްނައިޑާ ބޭނުން

ޑީސީގެ ގިނަ ފިލްމުތަކެއް ހަދަން ސްނައިޑާ ބޭނުން

18 މެއި 2021

ޑީސީ ފިލްމްސްއާ އެކު ސުޕަހީރޯ ގިނަ ފިލްމުތަކެއް ހަދަން ބޭނުންވާ ކަމަށާއި ފޭނުން ވެސް އެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑީސީ ފިލްމްސްއާ އެކު ސުޕަހީރޯ ގިނަ ފިލްމުތަކެއް ހަދަން ބޭނުންވާ ކަމަށާއި ފޭނުން ވެސް އެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާ ބުނެފި އެވެ.

މި މަހުގެ 14 ގައި އެމެރިކާގެ ބައެއް ސިނަމާތަކުގައި ރިލީޒްކޮށް، މި މަހުގެ 21 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޒޮމްބީ ފިލްމު "އާމީ އޮފް ދަ ޑެޑް" ގެ ޑައިރެކްޓަރު ބުނީ ފޭނުން ކަމަކަަށް އެދޭ ނަމަ އެކަމެއްވުމަކީ ވަރަށް މުހިއްމު ކަމަށާއި ބެލުންތެރިން އުންމީދުކުރާ ގޮތަށް ފިލްމީ މަސައްކަތް ކުރުމަކީ އަބަދު ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

"އެހެންވެ އަހަރެން ވަރަށް ބޭނުން ޑީސީގެ ގިނަ ފިލްމުތަކެއް ހަދަން. އުންމީދުކުރަން ވޯނާ ބްރަދާޒް އިން އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތްކުރާނެ ކަމަށް،" ސްނައިޑާ ބުންޏެވެ.

އޭނާ މީގެ ކުރިން ޑީސީ އާއި ވޯނާ އަށް ހަދައިދިން ފިލްމުތަކުގެ ތެރޭގައި ވޮޗްމެން (2009) އާއި މޭން އޮފް ސްޓީލް (2013) އަދި ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް (2017) ހިމެނެ އެވެ.

އެމެރިކާގެ ނޫސްވެރިޔާ ޖޭކް ހެމިލްޓަންގެ "ޖޭކް ޓޭކްސް" އަށް ދިން އިންޓަވިއުއްގައި ސްނައިޑާ ބުނި ގޮތުގައި ފިލްމެއް އެއްޗަކަށް ހަދައި ދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ބަޔަކީ ފިލްމު ބަލާ ކޮމިއުނިޓީ އެވެ.

"އެހެންވީމަ އެ މީހުން ކަމަކަށް ޑިމާންޑް ވެސް ކުރާނީ ހެޔޮ ނިޔަތެއް އޮވެގެން. އަހަރެން އެކަމަށް އިހުތިރާމު ވެސް ކުރަން. އެހެންވެ ވަރަށް އުންމީދުކުރަން ޑީސީގެ ގިނަ ފިލްމުތަކެއް ހަދަން ފުރުސަތު ލިބޭނެ ކަމަށް،" ސްނައިޑާ ބުންޏެވެ. "އަހަރެން ގަބޫލުކުރަން ވެސް ޕްރޮޑަކްޝަން ހައުސްތަކުން ފޭނުން ގޮވާ އަޑުތަކާ ދޭތެރޭ ފުންކޮށް ވިސްނާނެ ކަމަށް."

މިހާތަނަށް ބައެއް ފިލްމުތައް ޕްރޮޑިއުސް ވެސް ކޮށްފައިވާ ސްނައިޑާ ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާ ތިން ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ. އެއީ 2016 ގެ "ދަ ސުއިސައިޑް ސްކޮޑް" ގެ ސީކްއެލް އާއި "ދަ ފްލޭޝް" ގެ އިތުރުން "އާމީ އޮފް ތީވްސް" އެވެ.

މި ތިން ފލްމުގެ ތެރެއިން ފުރަތަމަ ދެ ފިލްމަކީ ވެސް ޑީސީ ހިއްސާވާ ފިލްމުތަކެކެވެ.