Roadha Mihaaru
119 ކިލޯގެ ޑްރަގް: ތިން މީހުން ދުލެއް ނުކުރި

119 ކިލޯގެ ޑްރަގްގެ މައްސަލަ: ތިން މީހުން ޝަރީއަތް ނިމެންދެން ބަންދަށް

09 މާޗް 2022

މިދިޔަ އަހަރު މާލެ އިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު މާލެ އިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ މަަގުމަތިން ޓެކްސީއެއް ހުއްޓުވައި، ޓެކްސީންނާއި އިތުރު ކާރަކާއި ސައިކަލެއްގެ ދަށުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ވުރެ ވެސް ބޮޑަށް ހެކި ލިބިފައިވާ ކަމަށެވެ. މަސްތުވާތަކެތި އެޅުމަށް ދަބަހާއި ފޮށިގަނޑުތައް ގަތުމަށް ސުނައިނާއި ޒުބައިރު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ލިބިފައިވާއިރު، މަސްތުވާތަކެތި ފެނުނު ކާރަކުން ދައުވާ ލިބޭ މުޖާހިދުއާ ގުޅޭ ލިޔުންތަކެއް ފެނިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ކާރުގައި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ކުރިން ދިޔަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ފުލުހުން ކާރެއް ފާސްކުރަނީ --- ފޮޓޯ/މިހާރު

ފުލުހުން ކާރެއް ފާސްކުރަނީ --- ފޮޓޯ/މިހާރު

މުޖާހިދުގެ ވަކީލާ ޝީނާ މުހައްމަދު ވިދާޅުވީ މަސްތުވާތަކެތި ފެނުނު ކާރަކީ މުޖާހިދުގެ ކާރެއް ނޫން ކަމަށާއި އޭނާ އެ ކާރު ބޭނުންކުރީ ކޮން ބޭނުމަކު ކަން ތަހުގީގުގެ މަރުހަލާގައި ބުނެދީފައިވާނެ ކަމަށެވެ. އަދި ކާރުން މަސްތުވާތަކެތި ފެނުނުއިރު ވެސް މުޖާހިދު އެ ކާރުގައި ނެތް ކަމަށް ވިދާޅުވި އެވެ. އެ ކާރުން އޭނާއާ ގުޅުން ހުރި ލިޔުމެއް ފެނުމަކީ އެ ކާރުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ކަމެއް ނޫން ކަމަށް ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކާރުގެ އަސްލު ވެރިފަރާތަކީ ކޮބައިކަން ބަލާނެ ކަމަށް ފުލުހުން ކުރިން ބުނެފައި ވިޔަސް، އޭގެ ވެރިފަރާތް އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.

ޒުބައިރާއި ސުނައިންގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ، މަސްތުވާތަކެތި ފެނުނު ޓެކްސީގެ ޑްރައިވަރަކީ ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ފުލުހުން ލިޔުންތަކުގައި ހިމަނާފައި އޮތުމަށް ފަހު، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި އެބައޮތް ކަމަށެވެ. އެ ޓެކްސީ ޑްރައިވަރު ހެއްކެއްގެ ގޮތުގައި މިހާރު ބޭނުން ކުރުމަކީ ތަފާތު ކުރުމެއް ކަމަށް ވަކީލް ޝިޔާމް ވިދާޅުވި އެވެ. އެކަމަކު ދައުލަތުން ބުނީ އޭނާއާ އެ މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށް ތަހުގީގަށް ފަހުން ހޯދިފައިވާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވިގޮތުގައި، ބަންދާ މެދު ގޮތެއް ނިންމުމުގައި ބަލަން ޖެހޭނީ ހެކިތަކާ ބެހޭގޮތުން އިޖްމާލީ ގޮތެއްގައި ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުރިތޯ ބަލާއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް ޝައްކުގެ ދަރަޖައިން ނެއްޓި، ތުހުމަތުގެ ދަރަޖަ އަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ އާއި އެ މީހުންގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރަން އެންގުމާ އެކު، ފުލުހުންގެ ބަންދުގައި މިހާރު ތިބި އެ ތިން މީހުން ރިމާންޑް ޖަލަށް ބަދަލުކުރަން ގާޒީ އެންގެވި އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ޒުބައިރާއި ސުނައިނަކީ ކުރިން ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ލިބުނު ދެ މީހުންނެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ. އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރަނީ ގއ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ވެސް ކުށް ސާބިތުނުވުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ.