Roadha Mihaaru
ޑްރަގް ކަމަށް ބުނެ ބޭކިން ޕައުޑަރު އަތުލުމުގެ ތުހުމަތު

ޑްރަގް ކަމަށް ހީކޮށް ބޭކިން ޕައުޑަރާ އެކު މީހަކު ހައްޔަރުކުރި ކަމުގެ ތުހުމަތެއް

01 އޯގަސްޓް 2022

މަސްތުވާތަކެތި ކަމަށް ބުނެ ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްޗެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތި ކަމަށް ބުނެ ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްޗެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މާލޭގެ ގެއެއްގެ ބަދިގެއިން ދާދިފަހުން ފުލުހުން އަތުލައިގަތް ޕެކެޓުގައި ހުރީ މަސްތުވާއެއްޗެއް ކަމަށް ޝައްކުވާ އެއްޗެއް ކަމަށް ފުލުހުން ބުންޏަސް، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމެއް ބުނެ ނުދެވެ އެވެ. ފުލުހުން ބުނާގޮތުން އެކަން ކަށަވަރު ކުރެވޭނީ ތަހުލީލުކޮށްގެންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެއީ ބޭކިން ޕައުޑަރެވެ. އަދި ފުލުހުން އެ ތަކެތި ތަހުލީލު ކުރިޔަސް، އެކަން ކަށަވަރުވާނެ ކަމަށް އެ މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. އަދި ހައްޔަރުކުރި ވަގުތު ވެސް އެއީ މަސްތުވާއެއްޗެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

ކޯޓުން މިދިޔަ ހޮނިހިރު ދުވަހު އެ މީހާ ޝަރުތުތަކާ އެކު ދޫކޮށްލަން ނިންމީ ޝައްކެއްގެ މަތީގައި ހުރެ މީހަކު ބަންދު ނުކުރެވޭނެ ކަމަށް ނިންމުމަށްފަހު އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން އަތުލައިގަންނަ މަސްތުވާއެއްޗަކީ ހަގީގަތުގައި ވެސް އެއަށް ޝައްކު ކުރެވޭ އެއްޗެއް ކަން ކަށަވަރު ކުރުމަށްޓަކައި ވަގުތީ ޓެސްޓް ކިޓްގެ ކަސްޓަމްސުން ބޭނުންކުރެ އެވެ. އަދިި ފުލުހުން އެފަދަ ކިޓް ބޭނުން ނުކުރަންވީ ސަބަބެއް ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.