Roadha Mihaaru
ދެ ދަރިންނާ ބެހުނު ބައްޕަ 20 އަހަރަށް ޖަލަށް

ދެ ދަރިންނާ ބެހިފައި ސަލާމަތްވި ބައްޕަ ސުޕްރީމް ކޯޓުން 20 އަހަރަށް ޖަލަށް

09 މާޗް 2022

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ސަލާމަތްވެފައި ވަނިކޮށް ސުޕްރީމް ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 20 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ސަލާމަތްވެފައި ވަނިކޮށް ސުޕްރީމް ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 20 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

އޮކްޓޫބަރު، 2013 ގައި ދެކުނު އަތޮޅެއްގެ ރަށެއްގައި އޭނާ ދެ ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާކުރީ އެ ކުދިންގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ދިޔަ ދުވަސްވަރު އެވެ. ދެ މައްސަލާގައި އެރަށު ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އޭނާގެ ނަމާއި ރަށް ހާމަ ނުކުރީ އަނިޔާލިބުނު ކުދިންގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެފަދަ އެހެން މައްސަލަތަކުގައި ލިބޭ މިންވަރަށް ވުރެ ވަރުގަދަ ހެކިތަކެއް އެ މީހާއާ ދެކޮޅަށް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރަނިކޮށް ފެނުނު ހެއްކަކު ހުރިއިރު، އެފަދަ ކަމަކަށް ޝައްކުވާ ގޮތަށް އޭނާ އެ ކުއްޖާއާ އެކު އުޅެނިކޮށް ފެނުނު ކަމަށް އެހެން މީހަކު ހެކިބަސް ދީފައިވެ އެވެ. އަދި ޖިންސީ ގޯނާކުރި ވާހަކަ ދެ ކުދިން އެއްގޮތަކަށް އެކި މީހުންނަށް ކިޔައިދީފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އޭގެ ތެރެއިން ހަގު ކުއްޖާއަށް އެ މީހާ ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާކުރަނިކޮށް ފެނުނު ކަމަށް އެ ކުއްޖާގެ ބޮޑުދައިތަ ބުނެފައިވެ އެވެ. އަދި އަނިޔާ ލިބުނު ކުއްޖާ އެކަމާ ރުޅި އައިސްގެން ހަޅޭއްލަވައިގަތް އަޑު ވެސް އޭނާއަށް އިވުނެވެ. އެ ވާހަކަ އެ ކުއްޖާ އާއިލާގެ އެހެން މީހަކަށް ވެސް ކިޔައިދިނެވެ. އަދި ދޮށީ ކުއްޖާއާ ވެސް އޭނާ ބެހުނު ކަމަށް އެ ކުއްޖާ ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ އިތުރުން ޑޮކްޓަރުންގެ ގާތުގައި ބުނެފައިވެ އެވެ.

ދަށު ކޯޓާއި ހައި ކޯޓުން ބޮޑުދައިތަގެ ބަހަށް ބުރަދަން ނުދިނީ އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހަކަށްވާތީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ މަންޒަރު ފެނުނު ބޮޑުދައިތަގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ފަދަ ސިކުނޑީގެ މައްސަލައެއް ފެންނަން ނެތް ކަމަށެވެ. އަދި ހާދިސާ ހިނގިތާ ހަތަރު އަހަރު ފަހުން، އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް އޭނާ ކޯޓުގައި ކިޔައިދީފައިވާތީ އޭނާއަކީ ވިސްނުމާއި ފެނުނު މަންޒަރު ސިފަކޮށް ދިނުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ދެ ކުދިން ބެލި ޑޮކްޓަރުގެ ލިޔުންތަކަށް ބަލާއިރު އެ އުމުރުގެ ކުއްޖެއްގެ ޖިންސީ ގުނަވަނުން ފެނިގެން ނުވާނެ ފަދަ ޒަހަމްތަކެއް ފެނިފައިވާތީ އެއީ އެ މީހާ ޖިންސީ ގޯނާކުރުމުން ލިބުނު އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ ކުދިންގެ ވާހަކަތަކާއި ލިބޭ އެހެން ހެކިތައް ގުޅުވާލުމުން އެ ކުދިންގެ ވާހަކަތަކަކީ އާދަޔާ ޚިލާފް ތެދެއް ކަމަށް ގަބޫލު ކުރެވޭތީ އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އެ މީހާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.