Roadha Mihaaru
މިނިސްޓްރީގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކުރޭ!

މިނިސްޓްރީގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކުރޭ!

16 މާޗް 2022

މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދި އިރު، ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާނެ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެންގި ކަމަށް ބުނެ، އެ މިނިސްޓްރީން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، މާލޭ ސިޓީ ކައުންސިލުން މިއަދު ވަރުގަދަ ރައްދެއް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދި އިރު، ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާނެ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެންގި ކަމަށް ބުނެ، އެ މިނިސްޓްރީން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، މާލޭ ސިޓީ ކައުންސިލުން މިއަދު ވަރުގަދަ ރައްދެއް ދީފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ހެނދުނު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބައެއް ބޭނުންވާނެތޯ ސާފުކުރުމަށް އެ ކައުންސިލުން ޕްލޭނިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމުގެ ކުރިން ބޭއްވި އެ ބައްދަލުވުމުގައި، ވިލިމާލޭގެ ސިނާއީ ސަރަހައްދުން އެ މަސައްކަތަށް ބިން ބޭނުން ނުވާ ކަމަށް މިނިސްޓްރީން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭނިން މިނިސްޓްރީގައި ހުންނާނެ އެ ބައްދަލުވުމުގެ ޔައުމިއްޔާ،" މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޗުއްޓީގައި ހުންނެވުމުން މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދެވި ނަރީޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސުވާލުކުރެއްވީމާ އެ ބޭފުޅުން ދެންނެވީ، ވިލިމާލެ ސިނާއީ ސަރަހައްދުގެ އެއްވެސް ތަނެއް [ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސަރަހައްދަށް] ނާރާ ކަމަށް. އެ ދޭތެރޭގައި ގާތްގަނޑަކަށް 300 ފޫޓްގެ ދުރުމިން ހުންނަ ކަމަށް. އެއީ ކައުންސިލުން ފެންސު ޖަހަން ކަނޑައެޅި ސަރަހައްދާއި އެ ބޭފުޅުން ކަނޑައެޅި ސަރަހައްދާ ދެމެދުގައި ހުރި ދުރުމިން."

ނަރީޝް ވިދާޅުވީ، ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދު ނާރާނެ ކަމަށާއި އެ މަސައްކަތް ކުރާނީ އެ އަވަށުގެ ދެކުނު ފަރާތުން ބިމެއް ވެސް ހިއްކައި، މަގެއް ހަދައިގެން ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވާ ކަމަށެވެ. އެ ތަން ހިއްކުމުން، ބްރިޖާއެކު ހަދާ ޕާކިން ޒޯނަށް ވެސް ވިލިމާލޭގެ ބިމުން ޖާގަ ބޭނުންނުވާނެ ކަމަށް އެ ބައްދަލުވުމުގައި މިނިސްޓްރީން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާ: ވިލިމާލެ ސިނައީ ސަރަހައްދާ ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާ: ވިލިމާލެ ސިނައީ ސަރަހައްދާ ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

"ވިލިމާލެ އިން ބިން ކުއްޔަށް ދޫކުރަން އިއުލާން ކުރުމުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ހޭލެވުނީ. ހޭލެވިގެން ކުއްލިއަކަށް، އެ ބޭފުޅާ އަކީ އަޅުގަނޑުމެން ސަޕްރައިޒްވާ ބޭފުޅެއް ނޫން. ފުލުފުލުގައި މިތަނަށް ހަތަރު ސިޓީ ފޮނުވުމުގެ ރެކޯޑް އޮންނަ ބޭފުޅެއް. އަދި އާންމުކޮށް ޖަލްސާ ހިނގަމުންދާ ގަޑީގައި، ލައިވްކޮށް ބައްލަވަން އިނދެފައި،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިމާލެ އިން ބިން ދޫކުރަން ނިންމީ، ލޭންޑް ޔޫސް ޕްލޭން ހަދައި ނިމި، އެ އަވަށުގެ މީހުންނާ މަޝްވަރާކުރުމަށް ފަހު އަދި ބްރިޖުގެ މަސައްކަތަށް އެ ތަނުން ބިން ބޭނުންނުވާ ވެސް ކަން މިނިސްޓްރީގެ ފަރާތުން ޔަގީން ކޮށްފައި ކަމަށެވެ.

ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރިތާ ހަފުތާއެއް ނުވަނީސް، ޕްލޭނިން މިނިސްޓްރީން އެންގީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އެ ތަނުން ބިން ކުއްޔަށް ދެވޭނީ ލޭންޑް ޔޫސް ޕްލޭން ހުށަހަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށާއި އެކަމަކު ކައުންސިލުން އެ ހުއްދަ ހޯދާފައި ނުވާ ކަމަށް ސަރުކާރުން ބުނެ އެވެ.

އެ މައްސަލަގަނޑު ހޫނުވެ، އެންމެ ފަހުން ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ތުހުމަތު ކުރެއްވީ، ވިލިމާލެ ސިނައީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން އުޅެނީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވުމަށް ހަދާ "ތިލަމާލެ" ބްރިޖަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ. އެއީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސަރަހައްދެއް ކަން ކައުންސިލަށް އެންގި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަނީ

މާލެ ސިޓީ ކައުންސިލުން، މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން ޑިސެމްބަރު 12، 2021 ގައި ޕްލޭނިން މިނިސްޓްރީ އަށް ހުށަހެޅި އެވެ. އެކަމަކު، އެ ތާރީހުގައި ސިޓީ ކައުންސިލުން ފޮނުވި ޕްލޭންގައި ބައެއް ކަންކަން މަދު ވާތީ، އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަލުން ހުށަހެޅުމަށް ޑިސެމްބަރު 28، 2021 ގައި މިނިސްޓްރީން އޮތީ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރަން ސިޓީއަކުން އެންގި އެންގުމަށް އޭގެ ފަހުން ވަކި ޖަވާބެއް ސިޓީ ކައުންސިލުން ދީފައި ނުވާއިރު، އެ ކައުންސިލްގެ އާންމު ޖަލްސާގައި މިއަދު ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އެކަމާ ގުޅޭގޮތުން ދެ ކަމެއް ކުރައްވަން ހުށަހަޅުއްވައި، ހުރިހާ މެމްބަރުންގެ ތައީދާއެކު ފާސްކޮށްފަ އެވެ. އެއީ؛

● ލޭންޑް ޔޫސް ޕްލޭންގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަ ކުރުމަށް ފަހު، ވިލިމާލެ އިން ބިންތައް ކުއްޔަށް ދިނުން.

● ވިލިމާލޭގެ ސިނާއީ ސަރަހައްދުގެ ބިން، ބްރިޖުގެ މަސައްކަތަށް ދީފި ނަމަ، ކައުންސިލަށް ލިބޭނެ ގެއްލުންތަކާއި އުފުލަން ޖެހޭނެ މާލީ ބުރަތައް ބެލުމަށް ފަހު ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާކުރުން.

މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް އޮތް 13 ސްލޮޓެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ބިމަށް ކުރިމަތިލާން މި މަހުގެ 27 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފަ އެވެ. އެއީ، ވިލިމާލޭގެ މީހުންނަށް ހަ ސްލޮޓު އަދި މާލޭގެ މީހުންނަށް ހަތް ސްލޮޓެވެ.

އެ އިއުލާނަށް ފަހު، ޕްލޭނިން މިނިސްޓްރީން މޭޔަރަށް މިދިޔަ އާދިއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނީ، ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު، ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ވިލިމާލޭގެ ސިނައީ ސަރަހައްދަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެހެންވެ، އެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބޭނުންނުކުރަން އެދުނެވެ. އޭގެ ތެރޭގައި ލުއި ސިނާއީ މަސައްކަތްތަކަށް ވިލިމާލެ އިން ދޫކޮށްފައިވާ ބިންތައް ހިމެނޭތީ އަދި ބްރިޖާ ގުޅިގެން ކޮންމެހެން ބޭނުންވާނެ އިންފްރަސްޓްރަކްޗަރު ގާއިމްކުރުމަށް އިތުރަށް ބިން ބޭނުންވާނެތީ، އެ ސަރަހައްދު އެ ބޭނުމަށް ކަނޑައަޅައިދިނުމަށް މިނިސްޓްރީން އެދުނެވެ.