Roadha Mihaaru
ޔާމީނަށް ތާއީދުކުރިޔަސް އިންޑިއާއާ ދެކޮޅު ހެދުން ގޯސް

ޔާމީނާއި ޕީޕީއެމަށް ތާއީދުކުރިޔަސް އިންޑިއާއާ ދެކޮޅު ކެމްޕެއިން ބުއްދިވެރިއެއް ނޫން: ނަޝީދު

18 މާޗް 2022

އިދިކޮޅު ޕީޕީއެމާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރިޔަސް ގައުމަށް ގެއްލުންވާ ފަދަ ކަންކަން ކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ޕީޕީއެމާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރިޔަސް ގައުމަށް ގެއްލުންވާ ފަދަ ކަންކަން ކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގެ ކެމްޕެއިން ޖަލްސާ އަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ނުރައްކާތެރިކަމުން ގައުމު ވެއްޓޭނީ އަނދަވަޅަކަށް ކަން އެ މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޔާމީން ކުރައްވާ މަސައްކަތްޕުޅަކީ ނަޝީދު ވިދާޅުވިގޮތުގައި ބޮޑެތި ގައުމުތަކާ ދެމެދު މައްސަލަ އުފައްދުމެވެ. ބޭރު ގައުމެއް "ރުހުމުގެ ލޮލުން" ރާއްޖެ އަށް ނުބަލައިފި ނަމަ ލިބޭނެ ނިކަމެތިކަން އެކަކަށް ވެސް ނޯޅޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެ ކެމްޕެއިނަށް ވުރެ ނުރައްކާތެރި ކަމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އިހުލާސްތެރިކަމާއެކު ޕީޕީއެމްގެ ހުރިހާ މެމްބަރުންނަށް ދަންނަވާލަން ބޭނުން ޔާމީނަށް ތާއީދު ކުރުމާއި ޕާޓީ އަށް ތާއީދު ކުރުމަކީ ވެސް ކުރަން ރަނގަޅު ކަމެއް. އެހެން ނަމަވެސް މި ރާއްޖެ އަށް ގެއްލުންވާނެ ކަމެއް އަޅުގަނޑުމެން އެއްވެސް ޕާޓީއަކުން އަދި އެކަކު ވެސް ކުރުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ބޮޑު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ޔާމީން މިނިވަންވުމަށް ފަހު، އެ މަނިކުފާނު ގެންދަވަނީ އިންޑިއާއާ ދެކޮޅަށް ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ ކެމްޕެއިންގެ އަމާޒަކީ ސަރުކާރާއި އިންޑިއާ ސަރުކާރު ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖެ އައިސްފައިވާ އިންޑިއާ ސިފައިން މި ގައުމުން ބޭރު ކުރުމެވެ.

ނަމަވެސް އެ ކެމްޕެއިންތަކުގެ ތެރޭގައި ޔާމީން ގެންދަވަނީ 2018 ކެމްޕެއިން ވަގަށް ނެގުމާއި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވެސް އިންޑިއާ އަށް ތުހުމަތު ކުރައްވަިނދިމުންނެވެ.