Roadha Mihaaru
ޔާމީން ކުރައްވާ ކަމަކީ އިންޑިއާއާ މޫނުކެނޑުވުން:ނަޝީދު

ޔާމީން ކުރައްވާ ކަމަކީ އިންޑިއާއާ ދިވެހިން މޫނު ކެނޑޭ ގޮތް ހެދުން: ނަޝީދު

23 ޖެނުއަރީ 2022

ގައުމެއްގެ މިނިވަންކަން ގެއްލޭނީ ބޮޑެތި ބާރުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅުގެ "އިންޑިޔާ އައުޓް" ކެމްޕެއިނަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގައުމެއްގެ މިނިވަންކަން ގެއްލޭނީ ބޮޑެތި ބާރުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅުގެ "އިންޑިޔާ އައުޓް" ކެމްޕެއިނަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ފޯކައިދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ބާރަކަށް ވަމުން އަންނަ އިންޑިޔާއާ ދިވެހިން މޫނު ކެނޑޭނެ ގޮތް ހަދަމުން ގެންދަވާ ކަމަށެވެ.

އެފަދަ ކަންކަން ކުރުމުގެ ނަތީޖާ އެހެން ގައުމުތަކުން ވެސް ކުރިން ފެނިފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ގައުމެއްގެ މިނިވަންކަން ގެއްލެނީ އެހާ ހިސާބުން ކަމަށެވެ.

"ދެ ބަސްވާ ގޮތް އުފެއްދުން. އޭގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާ ގައުމުތަކުގެ ހަޔާތުން ފެނިފައި އެބައޮތް. ގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި މި ދަނީ ބޮޑެތި ބާރުތަކާ ނަފްރަތު އުފެއްދުމުން،" ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ އިން ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ރަނގަޅު ކޮށްފައިވާއިރު، އެ ގައުމާއި ރާއްޖެއާ ގުޅުވައިގެން ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު ރޭ ވިދާޅުވި އެވެ.

[އިންޑިޔާ] އިން ވާން ޖެހޭނީ. އައުޓެއް ނުވެވޭނެ. ބޭރުވެގެންނެއް، ރޭރު ވެގެންނެއް ވާނެ އިތުރު ކަމެއް އަޅުގަނޑަކަށް ވެސް ތިބޭފުޅުންނަކަށް ވެސް ނެތް،"--- ނަޝީދު

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ބާރު އަޅައި ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ފުޅާކޮށްފައިވާއިރު، އެކި ރަށްރަށުގައި އޭގެ ހަރަކާތްތައް މިހާރު ހިންގަ އެވެ. ނަމަވެސް އެއީ އެކުވެރި ގައުމުތަކާއެކު ރާއްޖެ އިން ގެންގުޅޭ ގުޅުމަށް ހުރަސް އަޅައި އެ ގައުމުތަކުން ރާއްޖޭގެ ތަރައްގީ އަށް ދޭ އެހީތައް ހުއްޓުވަން އިދިކޮޅު ޕީޕީއެމުން ކުރާ ކަމެއް ކަމަށް ސަރުކާރާއި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.

ނަޝީދު ރޭ ވިދާޅުވީ، ނޭފަތު ކުރިއާ ހިސާބުގައި ވިސްނުން ބަހައްޓައިގެން ތަރައްގީއެއް ނުލިބޭނެ ކަމަށާއި ދިވެހިންގެ ވިސްނުން ބަހައްޓަން ޖެހޭނީ ލާމެހިފައިވާ ދުނިޔެއާ ގުޅިގެން ކަމަށެވެ. "އިންޑިޔާ އައުޓް" ފަދަ ކެމްޕެއިންތަކުގެ ތެރެއިން ދިވެހިން ވެއްޓޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ދިވެހިން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"[އިންޑިޔާ] އިން ވާން ޖެހޭނީ. އައުޓެއް ނުވެވޭނެ. ބޭރުވެގެންނެއް، ރޭރު ވެގެންނެއް ވާނެ އިތުރު ކަމެއް އަޅުގަނޑަކަށް ވެސް ތިބޭފުޅުންނަކަށް ވެސް ނެތް،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕާޓީތަކުން ފޯރިއާއެކު ކުރިޔަށް ގެންދާއިރު ޕީޕީއެމް/ޕީއެންސީން އެ ދާއިރާގައި އަދި އެހެން ރަށްރަށުގައި ވެސް "އިންޑިޔާ އައުޓް" ކެމްޕެއިން ބާއްވަ އެވެ. ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕުން އެކި ރަށްރަށަށް ގޮސް ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ވަކާލާތުކޮށް، އެ ގައުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަ އެވެ.