Roadha Mihaaru
އިންޓަ އެއްވަރުވެ، އޭސީ މިލާން އެއްވަނައިގައި ކުރިއަށް

އިންޓަ އެއްވަރުވެ، އޭސީ މިލާން އެއްވަނައިގައި ކުރިއަށް

20 މާޗް 2022

ކަލިއަރީ (މާޗް 20) - އިޓާލިއަން ސެރީ އާގައި ފިއޮރެންޓީނާއާ ދެކޮޅަށް އިންޓަ މިލާން ކުޅެ މޮޅު ނުވެވުމުން، ރެލިގޭޝަންގެ ބިރު ހީވެފައިވާ ކަލިއަރީ 1-0 އިން ބަލިކޮށް އޭސީ މިލާން އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކަލިއަރީ (މާޗް 20) - އިޓާލިއަން ސެރީ އާގައި ފިއޮރެންޓީނާއާ ދެކޮޅަށް އިންޓަ މިލާން ކުޅެ މޮޅު ނުވެވުމުން، ރެލިގޭޝަންގެ ބިރު ހީވެފައިވާ ކަލިއަރީ 1-0 އިން ބަލިކޮށް އޭސީ މިލާން އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

އޭސީ މިލާން ރޭ ކަލިއަރީ އަތުން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އޮލިވިއޭ ޖިރޫ އާއި ބްރަހީމް ޑިއާޒް އަށް ހުސްކޮށް ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަމަލާތައް ގޯލާ އަމާޒު ނުވިއިރު، މިޑްފީލްޑަރު ފްރޭންކް ކެސިއޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ދަނޑިއެވެ.

ދެވަނަ ހާފުގައި އޭސީ މިލާނުން ލީޑު ނެގީ 59 ވަނަ މިނިޓުގަ އެވެ. ޑިއާޒް، އޭރިއާ ތެރޭ ހުރި ޖިރޫ އަށް ބޯޅަ ޖައްސާލުމުން އޭނާ ޑީ އޭރިއާ ތެރެއަށް ކޮންޓްރޯލްކޮށްލި ބޯޅަ އެއްފަހަރުން ޖަހައި ތިރީ ކަނަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ އިސްމާއިލް ބެނެސާ އެވެ.

ބެނެސާ، އޭސީ މިލާން މޮޅުވި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ބެނެސާ، އޭސީ މިލާން މޮޅުވި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑަށް ފަހު އޭސީ މިލާނަށް ދެން ލިބުނު އެންމެ ހުސް ފުރުސަތުގައި ފުލްބެކް ޑޭވިޑް ކަލާބްރިއާ ފޮނުވާލި ބޯޅަ، ކަލިއަރީގެ ކީޕަރު ދިފާއުކުރި އެވެ. އެންމެ ފަހު ވަގުތު ކަލިއަރީގެ ސްޓްރައިކަރު ލިއޮނާޑޯ ޕަވޮލެޓީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑިއަށް އަމާޒުވިއިރު، ރީބައުންސް ބޯޅަ ރަޒްވާން މެރިން ފޮނުވާލުމުން ބްލޮކްވީ އޭސީ މިލާނުގެ ބެނެސާ ބޮލުގައި ޖެހިފަ އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާން އެއްވަނައިގައި އޮތީ ކުޅުނު 30 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން 60 ޕޮއިންޓް ހަމަކޮށްގެން އިންޓަ މިލާން އޮތީ ޓޭބަލްގެ ތިންވަނައިގަ އެވެ. އިންޓަ މިލާން ވަނީ ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ކޮށްފަ އެވެ.

ފިއޮރެންޓީނާ އިން މެޗުގައި ލީޑު ނެގީ 50 ވަނަ މިނިޓުގައި ލޫކަސް ޓޮރޭތާ ޖަހައިދިން ގޯލަކުންނެވެ. ނަމަވެސް ލީޑު ހިފަހައްޓާލެވުނީ އެންމެ ފަސް މިނިޓަށެވެ. އޭގެ ފަހުން އިންޓަ އަށް އެއްވަރު ކޮށްދިނީ ފުލްބެކް ޑެންޒެލް ޑަމްފްރީސް އެވެ.

އިންޓަ މިލާނުގެ ޑަމްފްރީސް ރޭގެ މެޗުގައި ފިއޮރެންޓީނާ ކުޅުންތެރިއެއްގެ ކައިރިން ނައްޓަނީ.-- ފޮޓޯ: އޭއެފްޕީ

އިންޓަ މިލާނުގެ ޑަމްފްރީސް ރޭގެ މެޗުގައި ފިއޮރެންޓީނާ ކުޅުންތެރިއެއްގެ ކައިރިން ނައްޓަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުން އެއްވަރުވުމުން ފިއޮރެންޓީނާ އަދިވެސް އޮތީ 29 މެޗުން 47 ޕޮއިންޓް ހޯދައިގެން އަށްވަނައިގަ އެވެ. ފިއޮރެންޓީނާގެ ކުރީގައި އޮތީ 48 ޕޮއިންޓް ހޯދާފައިވާ ރޯމާ އާއި އެޓަލާންޓާގެ އިތުރުން 49 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް ލާޒިއޯ އެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް ވަނީ 29 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ.

ޓޭބަލްގެ ދެވަނައިގައި އޮތް ނަޕޯލީ ވެސް ވަނީ ރޭ އެޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ޓޭބަލްގެ 14 ވަނައިގައި އޮތް އުޑިނޭސީއާ ވާދަކޮށް އަމިއްލަ ދަނޑުގައި ނަޕޯލީ މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ.

ފުރަތަމަ ހާފުގައި އުޑިނޭސީ އަށް ލީޑު ނަގައިދިނީ ކުރިން ބާސެލޯނާ އާއި އެވަޓަން އާއި އޭސީ މިލާން އަދި ސެވިއްޔާ އާއި ވަޓްފޯޑަށް ވެސް ކުޅުނު ސްޕެއިންގެ ފޯވާޑް ޖެރާޑް ޑެލޮފެއޫ އެވެ. ދެވަނަ ހާފުގައި ނަޕޯލީ އަށް އެއްވަރު ކޮށްދީ، އެޓީމަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ވިކްޓާ އޮސިމްހެން އެވެ.

އުޑިނޭސީ އަށް ލޯނު އުސޫލުން ކުޅޭ އާސެނަލްގެ ސެންޓަބެކް ޕަބްލޯ މާރީ އަށް، މި މެޗުގައި ވަނީ މެޗު ނިމެން އަށްވަރަކަށް މިނިޓަށްވެފައި ވަނިކޮށް ރަތް ކާޑެއް ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު ނަޕޯލީ ދެވަނައިގައި އޮތީ، އެއްވަނައިގައި އޮތް އޭސީ މިލާނާ އެއްވަރަކަށް މެޗު ކުޅެގެން، 63 ޕޮއިންޓް ހޯދައިގެންނެވެ.