02 މެއި 2022
މިލާން (މެއި 2) - އިޓާލިއަން ސެރީ އޭގެ ދެވަނައިގައި އޮތް އިންޓަ މިލާނުން މިރޭ ރަށުން ބޭރުގައި އުޑިނޭޒީއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކުރި ނަމަވެސް، އަމިއްލަ ދަނޑުގައި 1-0 އިން ފިއޮރެންޓީނާ ބަލިކޮށް އެއްވަނައިގައި އޮތް އޭސީ މިލާނުން ލިބިފައިވާ ދެ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
މިލާން (މެއި 2) - އިޓާލިއަން ސެރީ އޭގެ ދެވަނައިގައި އޮތް އިންޓަ މިލާނުން މިރޭ ރަށުން ބޭރުގައި އުޑިނޭޒީއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކުރި ނަމަވެސް، އަމިއްލަ ދަނޑުގައި 1-0 އިން ފިއޮރެންޓީނާ ބަލިކޮށް އެއްވަނައިގައި އޮތް އޭސީ މިލާނުން ލިބިފައިވާ ދެ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
އިންޓަ މިލާނުން މިދިޔަ ހަފްތާ ބޮލޯނިއާ އަތުން 2-1 އިން ބަލިވެގެން އެޓީމަށް ވަނީ އެއްވަނައިގައި ދަމަހައްޓަމުން އައި އެއް ޕޮއިންޓުގެ ލީޑު ގެއްލުވާލައިފަ އެވެ. އަދި ދެޓީމަށް ވެސް ހަތަރު މެޗު ބާކީ އޮއްވައި އޭސީ މިލާނަށް އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބި، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް ލީގު ދިފާއު ކުރުމުގެ އަމިއްލަ ބާރު ވަނީ ކެނޑިފަ އެވެ.
އޭސީ މިލާނުން މިރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ ބަލިކުރީ މެޗުގެ 82 ވަނަ މިނިޓުގައި ޒުވާން ފޯވާޑް ރަފައެލް ލެއާއޯ ޖެހި ލަނޑުންނެވެ. މިއީ ޕޯޗުގަލްގެ ލެއާއޯ، 22، ލީގުގައި ޖެހި 10 ވަނަ ލަނޑެވެ. އޭނާ މި ލަނޑު ޖެހީ ފިއޮރެންޓީނާގެ ގޯލްކީޕަރު ކުރިއަށް ޖައްސާލި ބޯޅަ އޭރިއާ ކައިރިން ހޯދުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. އޭރު ލެއާއޯ އަށް ހުރަސް އަޅަން ފިއޮރެންޓީނާގެ ދެ ޑިފެންޑަރުން ވެސް ކުރިމަތީގައި ތިއްބެވެ.
މިލާނުން ލީޑު ނެގުމުގެ އިރުކޮޅެއް ކުރިން ފިއޮރެންޓީނާގެ އާތޫރު ކަބްރާލް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އޭނާ ބޮލުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅަ ކީޕަރު މައިކް މައިނާން ވަނީ ހިފައިފަ އެވެ. އޭގެ ކުރިން އޭސީ މިލާނަށް ލިބުނު ފުރުސަތުގަކުގައި ލެއާއޯ އާއި ތިއޯ ހެނާންޑޭޒް އަދި އޮލިވިއޭ ޖިރޫ އަށް ލިބުނު ފުރުސަތުތައް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
މިދިޔަ ހަފްތާ އޭސީ މިލާނުން ލާޒިއޯ ބަލިކުރީ ވެސް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗު ކާމިޔާބުކުރީ ލާޒިއޯއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައެވެ.
އިންޓަ މިލާނުން މިރޭ ރަށުން ބޭރުގައި އުޑިނޭޒީ ކޮޅަށް ޖެހި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނިޓުގައި އޮވާން ޕެރިސިޗް ކާމިޔާބު ކޮށްދިނެވެ. ދެވަނަ ލަނޑު 39 ވަނަ މިނިޓުގައި ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. މާޓިނޭޒް ޕެނަލްޓީއަކުން ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ރީބައުންސް ވުމުން އޭނާ ވަނީ ބޮލުން އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ލީގު އިތުރަށް ފުޅާ ކުރަން އިންޓަގެ ފޯވާޑް އެޑިން ޒެކޯ އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އުޑިނޭޒީގެ ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ޖެހީ އިގްނާސިއޯ ޕުސޭޓޯ އެވެ.
އިންޓަ މިލާނުގެ މާޓިނޭޒް، އުޑިނޭޒީ ކޮޅަށް ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އިންޓަ އާއި އޭސީ މިލާނަށް ވެސް ލީގުގައި ބާކީ އޮތީ ތިން މެޗެވެ. އިންޓަ އިން ލީގުގައި އެންމެ އަވަހަށް ނުކުންނާނީ އަމިއްލަ ދަނޑުގައި އެމްޕޯލީއާ ދެކޮޅަށެވެ. އަދި އޭސީ މިލާން ރަށުން ބޭރުގައި ބައްދަލުކުރާނީ ވެރޯނާއާ ދެކޮޅަށެވެ.
ލީގު ތިންވަނައިގައި އޮތް ނަޕޯލީ އާއި، ހަތަރުވަނައިގައި އޮތް ޔުވެންޓަސް ވެސް ވަނީ މި ހަފްތާ ބަންދުގެ މެޗުތައް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ހަފްތާ އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 10 މިނިޓުގައި އެމްޕޯލީ ކާމިޔާބުކުރި ތިން ލަނޑާ އެކު 3-2 އިން ބަލިވުމުން ޔުވެންޓަސް ވަނީ ހަނި ގޮތަކަށް ސަސުއޮލޯ ބަލިކޮށް، ނަޕޯލީ ބަލިވުމުގެ ފައިދާ ނަގައިފަ އެވެ.
އެމްޕޯލީ އަށް ކުރި ދަތުރުގެ ހިތްދަތިކަން ނަޕޯލީން ފިލުވައިލީ އަމިއްލަ ދަނޑުގައި 6-1 ގެ ބޮޑު ތަފާތަކުން ސަސުއޮލޯ ބަލި ކޮށްގެންނެވެ. ޑްރީސް މާޓެންސް މި މެޗުގައި ދެ ލަނޑު ޖެހިއިރު، ހާވިން ލޮޒާނޯ އާއި ވިކްޓާ އޮސިމްހެންގެ އިތުރުން ޑިފެންޑަރު ކަލިދޫ ކުލިބަލީ އާއި އާމިރު ރަހްމާނީ ވެސް ލަނޑު ޖެހި އެވެ. ސަސުއޮލޯގެ ހަމައެކަނި ލަނޑު މެޗު ފަހު ވަގުތުގައި ޖަހައިދިނީ މެކްސިމް ލޮޕޭޒް އެވެ.
ޔުވެންޓަސް މިއަދު އަމިއްލަ ދަނޑުގައި، ލީގު ފުލުގައި އޮތް ވެނީޒިއާ އާދެކޮޅަށް ކުޅެ ކާމިޔާބުކުރީ 2-1 އިންނެވެ. އެޓީމުގެ ދެ ލަނޑު ވެސް ޖަހައިދިނީ ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީ، 35، އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފްރީ ކިކެއްގައި އޭނާ ކުރިއަށް އަރައި ބޮލުން ޖެހި ލަނޑުން ލީޑު ނެގިއިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި ވެނީޒިއާ އިން އެއްވަރު ކުރީ 71 ވަނަ މިނިޓުގަ އެވެ.
ބޮނޫޗީ (19) ޔުވެންޓަސް އަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޔުވެންޓަސް މޮޅުވި ލަނޑު ބޮނޫޗީ ޖަހައިދިނީ 76 ވަނަ މިނިޓުގަ އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރެއްގައި ޑިފެންޑަރު ޑެނީލޯ ބޮލުން ފޮނުވާލި ބޯލައެއް ކީޕަރު އަތްދަށުން ގޯލަށް ވަންނަނިކޮށް، ލައިން މަތީ ހުރި ޑިފެންޑަރު އީތަން އަމްޕަޑޫ އަށް އެ ބޯޅަ ކްލިއާ ކުރަން ފުރުސަތު ނުދީ ގޯލަށް ފޮނުވާލައިގެންނެވެ.
ޔުވެންޓަސް އާއި ނަޕޯލީ އަށް ވެސް ބާކީ ތިން މެޗު އޮތްއިރު ދެ ޓީމުގެ މެދުގައި ވަނީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ނަޕޯލީ އަށް 70 ޕޮއިންޓް ލިބިފައި ވާއިރު ޔުވެންޓަސް އަށް ލިބެނީ 69 ޕޮއިންޓެވެ.
ޔުވެންޓަސްގެ ފަހަތުގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާއާ ކުޅެ 0-0 އިން އެއްވަރުވި ރޯމާ އެވެ. އަދި ރޯމާގެ ފަހަތުގައި އޮތީ ރޭ ސްޕެޒިއާއާ ވާދަކޮށް 4-3 އިން މޮޅުވި ލާޒިއޯ އެވެ. ރޯމާ އާއި ލާޒިއޯ އަށް ވެސް ވަނީ 35 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
އިންޓަ އާއި ނަޕޯލީ މޮޅުވެ، ޕްރެޝަރު އޭސީ މިލާނަށް
އަލަށް ގެނައި ކުޅުންތެރިން ޔުވެންޓަސް މޮޅުކޮށްދީފި
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި